ޖަރުމަންވިލާތުގެ ނާޒީ ޕާޓީ ކާމިޔާބު ވުމުން މަސްކަށް ޝުކުރު ކޮށްފި

ޖަރުމަނުގެ ސެކްސަނީ-އަންހަލްޓް ސްޓޭޓްގެ ލޯކަލް އިންތިޚާބުގައި ހައްދުފަހނަޅާފައިވާ ކަނާތު ފިޔައިގެ "އަލްޓަރނޭޓިވް ފޯ ޖަރމަނީ" (އޭއެފްޑީ) ޕާޓީން ހޯދި ބޮޑު ކާމިޔާބީއާ ގުޅިގެން އެ ޕާޓީން މާހާ ސާދާގަރު އީލޮން މަސްކަށް ޝުކުރުއަދާކޮށްފިއެވެ. މި ކާމިޔާބީއަކީ ޔޫރަޕުގެ ބައްރަށް ކުރިމަތިވެފައިވާ ސިޔާސީ ކާރިސީ "ސީރިއަސް ވަގުތެއް" ކަމަށް ބުނެ ފްރާންސުން ވަނީ އިންޒާރުދީފައެވެ.

އިންތިޚާބުގައި އޭއެފްޑީ ޕާޓީ ލީޑުކުރި ކެންޑިޑޭޓް އުލްރިޗް ސިގްމަން އެކްސް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ކަންކަމުގައި އެމެރިކާގެ މަހާސާދާގަރު މަސްކް ދެއްވަމުންގެންދވާ ސާފު އަދި މުހިންމު ވިސްނުންފުޅަށާއި ދެއްވި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި މަސްކާ އެކު ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބޭނެ ބޮޑު އުފަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ކާމިޔާބީއާ ގުޅިގެން މަސްކް ވަނީ އޭއެފްޑީގެ ކޯ-ފައުންޑަރ އެލިސް ވައިޑެލް ކުރެއްވި ޕޯސްޓަކަށް ޖަރުމަނު ބަހުން "ބްރާވޯ!" ވިދާޅުވެފައެވެ. މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އިންތިޚާބުގެ ނަތީޖާ ދައްކުވައިދޭ ސްކްރީންޝޮޓެއް ޓްރޫތު ސޯޝަލްގައި ހިއްސާކުރައްވާފައެވެ. ރަޝިޔާގެ ރައީސްގެ ޑިޕޮލޮމެޓިކް މަންދޫބު ކިރިލް ދިމްތްރިއެވް ވަނީ ޓްރަމްޕްގެ އެޕޯސްޓަށް ތައުރީފުކޮށް، އޭއެފްޑީގެ ކާމިޔާބީއަކީ "ޕްރެގްމެޓިކް" ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭއެފްޑީއަކީ ރަޝިޔާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ، އަދި ޔުކްރޭނަށް ދޭ އެހީތައް ހުއްޓާލުމަށް ގޮވާލާފައިވާ ޕާޓީއެކެވެ.

މި އިންތިޚާބުގައި އޭއެފްޑީން ވޯޓުގެ 43.8 އން ސައްތަ ހޯދާފައިވާއިރު، މިއީ މީގެ ކުރިން އެ ޕާޓީއަށް ލިބުނު ވޯޓުގެ ނިސްބަތާ އަޅައިބަލާއިރު ދެގުނަ އިތުރުވުމެކެވެ. ނަމަވެސް ވެރިކަން ހިންގުމަށް ބޭނުންވާ އަޣުލަބިއްޔަތު އެ ޕާޓީއަށް ލިބިފައެއް ނުވެއެވެ. އެ ޕާޓީއާއެކު އެއްވެސް ކޯލިޝަނަކަށް ނުދާނެ ކަމަށް ބޮޑެތި އެހެން ޕާޓީތަކުން ވަނީ ބުނެފައެވެ.

ފްރާންސްގެ ޔޫރަޕްގެ ކަންކަމާ ބެހޭ ވަޒީރު ބެންޖަމިން އެންޓެން ވިދާޅުވީ މި ކާމިޔާބީއަކީ ޔޫރަޕަށް ކުރިމަތިވެފައިވާ ސީރިއަސް ވަގުތެއް ކަމަށާއި، ޤައުމީ ސަބަބުތަކަށްޓަކައި ނަފްރަތު އުފެއްދުމަކީ ދާއިމީ ހައްލަކަށް ނުވާނެ ކަމަށެވެ. އަދި ޕޮލެންޑްގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކު ވިދާޅުވީ ޖަރުމަނުގައި އޭއެފްޑީއަށް ލިބުނު ކާމިޔާބީއާ މެދު އުފާކުރާނީ "ޖާހިލުން ނުވަތަ ޚިޔާނާތްތެރިން" އެކަނި ކަމަށެވެ.

މި ޕާޓީގެ ސިޔާސަތުތަކުގެ ސަބަބުން ޖަރުމަނުގެ އިގުތިސާދަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގެ އިންޒާރު ޖަރުމަނުގެ އިގުތިސާދީ އިންސްޓިޓިއުޓުން ވަނީ ދީފައެވެ. އަދި ވެރިކަމަށް އަތުވެއްޖެނަމަ ސެކިއުރިޓީއާއި ސިއްރު މައުލޫމާތު ރަޝިޔާއާ ހިއްސާކޮށްފާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް އޭއެފްޑީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

މިއީ އެއްވެސް ކޮންޓްރޯލެއް ނެތި މަހުޖަނުންނަށް ބަސްކިއުމުގެ ބާރު ލިބުމުން ވާގޮތް ދައްކައިދޭ ކަމެކެވެ.

ހިއްސާ ކުރައްވާ!