ކުރީގެ ފަސްޓް ލޭޑީ ޖަލަށްލާން ޙުކުމް ކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަގުބޮޑު ހަދިޔާތަކެއް ރިޝްވަތުގެ ގޮތުގައި ގަބޫލުކުރި މައްސަލައެއްގައި ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން 7 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކިމްގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ފަސްޓް ލޭޑީގެ މަގާމުގައި ހުރެ، ސިޔާސީ އަދި ވިޔަފާރީގެ މަންފާތަކެއް ހޯދައިދިނުމުގެ ބަދަލެއްގެ ގޮތުން ޑިއޯ ހޭންޑްބޭގަކާއި، ވެން ކްލީފް އެންޑް އަޕެލްސްގެ ޑައިމަންޑް ހާރަކާއި، ޓިފަނީ ބްރޫޝަކާއި، އަގު ބޮޑު އަނގޮޓީތަކުގެ އިތުރުން 19،000 ޕައުންޑްގެ ވަޗެރޮން ކޮންސްޓަންޓިން ގަޑިއެއް ފަދަ އަގުބޮޑު ތަކެތި ހޯއްދެވުމެވެ. މި ހަދިޔާތައް ދިން ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ ވަޒީފާތައް ހޯދަން އުޅުނު ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ވެރިއަކާއި، ރޮބޮޓް ކުއްތާ ވިއްކާ ކުންފުންޏެއްގެ ސީއީއޯ ހިމެނެއެވެ.

ކޯޓުން ފާހަގަކުރި ގޮތުގައި ފަސްޓް ލޭޑީއެއްގެ މަގާމުގައި ހުރި މީހަކު އެންމެ މަތީ ދަރަޖައިގެ ޒިންމާދާރުކަމާއި ރައްކާތެރިކަން ދަމަހައްޓަންޖެހޭނެއެވެ. ނަމަވެސް ކިމް ވަނީ އެ ޒިންމާ އަދާކުރުމުގެ ބަދަލުގައި އަމިއްލަ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި މި ތަކެތި ހޯއްދަވާފައެވެ.

މި ހުކުމާއެކު، އޭނާ ހޯއްދެވި ތަކެތި ހޯދިއްޖެނަމަ ދައުލަތަށް ނެގުމަށާއި، ގާތްގަނޑަކަށް 32،000 ޑޮލރުގެ ފައިސާއިން ޖޫރިމަނާކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. ކިމްގެ ފަރާތުން މި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް އޭނާގެ ވަކީލުން ބުނެފައިވެއެވެ.

މި މައްސަލައިގައި ކިމްގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔިއޮލް ވެސް މިހާރު ހުންނެވީ ޖަލުގައެވެ. 2024 ވަނަ އަހަރު ގާނޫނާ ޚިލާފަށް އަސްކަރީ ކުއްލި ހާލަތު އިއުލާންކުރަން އުޅުނު މައްސަލައިގައި އޭނާއަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައެވެ.

ކިމް ކިއޮން ހީ މިހާރު ވެސް ޖަލުގައި ހުންނެވީ ސްޓޮކް މެނިޕިއުލޭޝަނާއި އެހެނިހެން ރިޝްވަތުގެ މައްސަލަތަކުގައި އައިސްފައިވާ 4 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށެވެ. އޮގަސްޓް މަހު ހައްޔަރުކުރި ފަހުން އޭނާ އަންނަނީ ތަފާތު އެކި މައްސަލަތަކުގައި ޝަރީއަތްތަކާ ކުރިމަތިލަމުންނެވެ.

ހިއްސާ ކުރައްވާ!