އިޖުތިމާއީ މަންސަތަކަކީ ހިތަށް އެރިހާ އެއްޗެއް ކިޔާލެވޭނެ "ހުސް މައިދާނެއް" ނޫން

މިއަދުގެ ޑިޖިޓަލް ދުނިޔޭގައި، ކީބޯޑުގައި އިނގިލިތައް ބީއްސާލުމަށްފަހު ހިތަށް އެރި އެއްޗެއް ޖަހާލުމަކީ ނުވަތަ ރުޅިވެރި މެސެޖެއް ފޮނުވާލުމަކީ ވަރަށް އާދައިގެ ކަމެއް ކަމަށް ގިނަ ފަހަރަށް ހީވެ އެވެ. ނަމަވެސް، އަބޫދާބީގެ ޒުވާނަކަށް މިހާރު ވިސްނިފައި އޮންނާނީ، ޓެކްނޮލޮޖީގެ ފަހަތުގައި ފޮރުވިގެން ތިބެ ކުރާ ކަންތައްތަކަށް ގާނޫނީ ގޮތުން ބޮޑެތި އަގުތަކެއް ދައްކަން ޖެހޭކަމެވެ.

މި ވާހަކައަކީ ވައިބާ، ވަޓްސްއެޕް ފަދަ ޕްލެޓްފޯމްތަކުގައި އަހަރެމެން ފޮނުވާލާ ކުޑަކުޑަ މެސެޖެއްގެ ސަބަބުން ދިރިއުޅުން ބަދަލުވެދާނެ ވާހަކަ އެވެ. މި ޒުވާނާ އަންހެން ކުއްޖަކަށް ފޮނުވި ހުތުރު މެސެޖަކުން އޭނާގެ ޖީބުން 30،000 ދިރްހަމް ގެއްލި، ދެ މަސް ދުވަހަށް އިންޓަނެޓާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުން މަހުރޫމުވީ އެވެ.

އެ ޒުވާނާ އެ އަންހެން ކުއްޖާގެ ޝަރަފާއި އިބްރަތަށް އުނިކަން އަންނަ ގޮތަށް ވަޓްސްއެޕް މެދުވެރިކޮށް ފޮނުވި މެސެޖަކީ އޭނާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނައި މެސެޖެކެވެ. މެސެޖް ލިބުނު އަންހެން ކުއްޖާ ހިމޭނުން ހުންނަން ބޭނުން ނުވީ އެވެ. އޭނާ ވަނީ މި މައްސަލަ ގާނޫނީ ގޮތުން ކުރިއަށް ގެންގޮސް، ޒުވާނާގެ މައްޗަށް ދައުވާކޮށްފަ އެވެ.

ޖިނާއީ ކޯޓުން މި މައްސަލަ ބެލުމަށްފަހު، އެ ޒުވާނާގެ މައްޗަށް ކުށް ސާބިތުވެ، 10،000 ދިރްހަމުން ޖޫރިމަނާކުރި އެވެ. އެއީ ހަމައެކަނި ފެށުމެވެ. އަންހެން ކުއްޖާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އޭނާއަށް ލިބުނު ނަފްސާނީ އަނިޔާތަކާއި އިޖުތިމާއީ ގޮތުން ލިބުނު ލަދުވެތިކަމުގެ ބަދަލެއްގެ ގޮތުން އިތުރު 20،000 ދިރްހަމް ދެއްކުމަށް ކޯޓުން އަމުރު ކުރި އެވެ.

ޔޫއޭއީގެ އަލްޢައިންގެ މަދަނީ އަދި ވިޔަފާރީގެ ކޯޓުގެ ނިންމުމުގައި ވަރަށް ސާފުކޮށް ބުނެފައި ވަނީ، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އަނެކާއަށް ބަދުބަސް ބުނުމަކީ ޖިނާއީ ކުށެއް ކަމަށެވެ. އެ ޒުވާނާގެ ދިފާއުގައި ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، ޖިނާއީ ކޯޓުން ނިންމި ނިންމުމަކީ މަދަނީ ކޯޓުގައި ވެސް ބުރަދަން ހުރި ހެއްކެއް ކަމަށް ވެގެން ދިޔަ އެވެ.

އެ ޒުވާނާއަށް ކުރިމަތިވި އަދަބުތައް:

  • ޖޫރިމަނާ: ޖުމްލަ 30،000 ދިރްހަމް (10،000 ޖިނާއީ، 20،000 މަދަނީ ބަދަލު).
  • މަހުރޫމްކުރުން: ދެ މަސް ދުވަހަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުން މަނާކުރުން.
  • ޚަރަދު: ކޯޓުގެ ހުރިހާ ޚަރަދެއް އަމިއްލައަށް ދެއްކުން.

މިއީ މިއަދުގެ ޒުވާނުންނަށް ވަރަށް ބޮޑު ފިލާވަޅެކެވެ.

ޑިޖިޓަލް ޕްލެޓްފޯމްތަކަކީ ހިތަށް އެރިހާ އެއްޗެއް ކިޔާލެވޭނެ "ހުސް މައިދާނެއް" ނޫނެވެ. ކޮންމެ މެސެޖަކީ ވެސް ގާނޫނީ ހެއްކެކެވެ.
ކޮންމެ މެސެޖަކީ އެތައް ސާވަރަކާއި އައިޕީ އެޑްރެހަކާއި އެންކްރިޕްޓް ކުރެވފައިވާ ކޯޑްތަކައި މެސެޖު ފޮނުވާ އާލާތުގެ މެކް އެދްރެހާއެކު ހޯދައި ގަނެވޭނެ އެއްޗެކެވެ.

އެއްވެސް މީހަކަށް ހުތުރު މެސެޖެއް ފޮނުވައި ފޮށުމުގެ ކުރިން، އެކަމުގެ އަގު ފައިސާއިން އަދި ޖަލު ހުކުމަކުން ނޫނީ އިޖުތިމާއީ ގޮތުން ވެސް ދައްކަން ޖެހިދާ ނެކަން ހަނދާނުގައި ބެހެއްޓުން މުހިންމެވެ.

ހިއްސާ ކުރައްވާ!