ގައުމީ އެއާލައިނަށް ދާދި ފަހުން ގެނައި ވައިޑް ބޮޑީ މަތިންދާބޯޓުން، އޮޕަރޭޝަން ފެށިތާ ފުރަތަމަ 16 މަސް ދުވަހުގެ ތެރޭގައި 67،000 އަށް ވުރެ ގިނަ ފަސިންޖަރުން އުފުލާފައިވާ ކަމަށް ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަނާ ބެހޭ ވަޒީރު މުހައްމަދު އަމީން މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
މި މައުލޫމާތުތައް ވަޒީރު ހާމަކުރެއްވީ، މި މަތިންދާބޯޓުގެ ވިޔަފާރީގެ ކާމިޔާބީއާއި، މިހާރު ދަތުރުކުރާ ރޫޓުތަކާއި، އަދި އިންޑިއާ އާއި ޗައިނާ ފިޔަވައި އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމުގެ ޕްލޭންތަކާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު އަމީން ވިދާޅުވި ގޮތުގައި، ޖުމްލަ 67،000 ފަސިންޖަރުންގެ ތެރެއިން 55،000 އަށް ވުރެ ގިނަ މީހުންނަކީ ރާއްޖެއަށް ޒިޔާރަތްކުރި ބައިނަލްއަގްވާމީ ފަތުރުވެރިންނެވެ. ޝެޑިއުލް ދަތުރުތަކުގެ އިތުރުން، ހައްޖު ދަތުރުތަކަށް ސައުދީ އަރަބިއްޔާއަށް މި މަތިންދާބޯޓު ވަނީ ޚާއްސަކޮށްފައެވެ.
ޝެޑިއުލްކޮށްފައިވާ މަންޒިލްތައް:
- ޗައިނާ: ޗައިނާގެ ތިން ބޮޑު ސިޓީއަކަށް ގަވާއިދުން ދަތުރުތައް ކުރެއެވެ.
- އޮސްޓްރޭލިއާ: ރާއްޖެއާއި އޮކިއޭނިއާ މާކެޓް ގުޅުވާލަދޭ ސީދާ ދަތުރުތައް ކުރެއެވެ.
ޕީކް ސީޒަން އަދި ހާއްސަ ހާލަތްތަކުގައި:
- ސައުދީ އަރަބިއްޔާ: ހައްޖު ދުވަސްވަރާއި ފަތުރުވެރިކަމުގެ ޕީކް ދުވަސްވަރު ޖިއްދާއަށް ސީދާ ދަތުރުތައް ކުރެއެވެ.
- އިންޑިއާ: ތިރުވަނަންތަޕޫރަމް އަދި ކޮޗިންއަށް ދަތުރުކުރާ ކެޕޭސިޓީ އިތުރުކުރެއެވެ.
- ބަންގްލަދޭޝް: ކުދި މަތިންދާބޯޓުތަކުން ފަސިންޖަރުން ނުއުފުލޭ ވަރަށް ޑިމާންޑު ބޮޑުވާ ދުވަސްވަރު ޑާކާއަށް ދަތުރުކުރެއެވެ.
މި ބޮޑު މަތިންދާބޯޓަށް ސަރުކާރުން ކުރި އިންވެސްޓްމަންޓާ ގުޅިގެން މާލީ ގޮތުން ދަތިތަކެއް ކުރިމަތިވާ ކަމަށް ދެކެވޭ ވާހަކަތައް ވަޒީރު ދޮގުކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ ހަމައެކަނި ކުންފުންޏަށް ކުރާ ހަރަދެއް ނޫން ކަމަށާއި، މިއީ ގައުމީ ފަތުރުވެރިކަމާއި ސަޕްލައި ޗޭންގެ ރައްކާތެރިކަމަށް ލިބޭ ބޮޑު މަންފާއެއް ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ވައިޑް ބޮޑީ މަތިންދާބޯޓެއް އޮތުމަކީ ގައުމީ ސަލާމަތަށް ވެސް މުހިންމު ކަމެކެވެ. ކޮވިޑް-19ގެ ދުވަސްވަރު ސަރުކާރުން ހިންގި އެއާބަސް ދަތުރުތަކުން ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ގެނައުމުގައި މުހިންމު ދައުރެއް އަދާކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގްވާމީ އެއާލައިންތަކުން ދަތުރުތައް މެދުކަނޑާލި ނަމަވެސް، ރާއްޖެ ދުނިޔެއާ ގުޅިފައި އޮތުމަށް މިފަދަ ދުރު ރާސްތާގެ މަތިންދާބޯޓުތައް މުހިންމެވެ.





