ތިލަފުށީގައި އަޅާ އައު ވިޔަފާރި ބަނދަރުގެ ބިންގާ މި މަހުގެ ހައެއްގައި: މިނިސްޓަރު ސައީދު

މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ އައު ބަނދަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޖުލައި މަހުގެ 6ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު ސައީދު ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ފަށާ މި ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ބާރުދުވެއްޔެއްގައި ކުރިއަށް ގޮސް، 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މާލޭގެ މައި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށެވެ.

މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، މާލޭގެ މިހާރުގެ ވިޔަފާރި ބަނދަރަކީ މީގެ 40 އަހަރު ކުރިން އޮތް ޑިމާންޑަށް ރިއާޔަތްކޮށް ހަދާފައިވާ ތަނަކަށް ވާއިރު، ރާއްޖޭގެ މައި ވައިގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީވަމުން ދިޔައިރުވެސް ކަނޑުގެ ބަނދަރުގެ ވަސީލަތްތައް ފުޅާކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނެތެވެ.

"2027 ނޮވެންބަރަށް މާލޭ ކޮމާޝަލް ޕޯޓަލް ތިލަފުއްޓަށް ބަދަލުކުރެވުމުގެ މަސައްކަތް ނިމިގެންދާނެ،" ސައީދު

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު ވައިގެ ބަނދަރާއި ކަނޑުގެ ބަނދަރަކީ އެކުއެކީގައި ތަރައްގީވާންޖެހޭ ދެ ވަސީލަތް ކަމަށް ވީނަމަވެސް، މާލޭ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުން އޮތީ ނުކުރެވިއެވެ. ތިލަފުށީގެ އައު ބަނދަރު ނިމެންދެން މާލޭ ބަނދަރުގެ ތޮއްޖެހުން ކުޑަކޮށް، ޚިދުމަތްތައް މެދުނުކެނޑި ދިނުމަށްޓަކައި މަރުހަލާތަކަކަށް ބަހާލައިގެން ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މާލޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އިތުރުން، އަތޮޅުތެރޭގެ ސަރަހައްދީ ބަނދަރުތައް ހަރުދަނާކުރުމުގެ މަސައްކަތްތަކެއްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ކުޅުދުއްފުށީ ބަނދަރު އިތުރަށް ފުންކޮށް ބޮޑުކުރުމުގެ މަސައްކަތާއި، އެތަނުގައި ޑިއުޓީ ފްރީކޮށް މުދާ ބެހެއްޓޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. މީގެ އިތުރުން، އައްޑޫ ސަރަހައްދީ ބަނދަރަށް އެއް ހެކްޓަރުގެ ބިން އިތުރުކޮށް، އެ ސަރަހައްދުގައި ޑިއުޓީ ފްރީ ގުދަންތަކާއި ކުދި ސިނާއީ މަސައްކަތްތައް ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!