ސައޫދީ އަރަބިއްޔާގައި ކްރިކެޓް ކުޅިވަރު ކުރިއަރުވައި ފުޅާކުރުމަށްޓަކައި، ޖިއްދާގައި ބައިނަލްއަގުވާމީ ފެންވަރުގެ ޒަމާނީ ކްރިކެޓް ސްޓޭޑިއަމެއް ބިނާކުރުމުގެ ގުޅިފައިވާ މަޝްރޫއެއް ޕާކިސްތާން ކްރިކެޓް ބޯޑް (ޕީސީބީ) އިން އިއުލާންކޮށްފި އެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ޕީސީބީއާއި ސައޫދީ އަރަބިއްޔާ ކްރިކެޓް ފެޑެރޭޝަން (އެސްއޭސީއެފް) އާ ދެމެދު ފަހުމުނާމާއެއްގައި ބުރާސްފަތި ދުވަހު ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީސީބީގެ ޗެއާމަން މުހްސިން ނަގްވީ އަދި ސައޫދީ ކްރިކެޓް ފެޑެރޭޝަނުގެ ޗެއާމަނެވެ.
މި ގުޅުމުގެ ދަށުން ދެ ގައުމުގެ ކްރިކެޓް އިދާރާއިން ގުޅިގެން ސައޫދީގައި ދުނިޔޭގެ ފެންވަރުގެ ކްރިކެޓް އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށާއި، ހިންގުމުގެ މިންގަނޑުތައް ތަރައްގީކުރުމުގެ އިތުރުން ކުޅިވަރު ވަރުގަދަކުރުމުގެ އެކި މަސައްކަތްތައް ކުރާނެ އެވެ. ބިނާކުރުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމް ފަރުމާކުރުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގުވާމީ ކްރިކެޓް މުބާރާތްތައް ބޭއްވުމަށް ބޭނުންވާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ގޮތަށެވެ.
ޕީސީބީގެ ޗެއާމަން ނަގްވީ ވިދާޅުވީ ސައޫދީގައި ކްރިކެޓް ކުރިއެރުވުމަށް އެ ބޯޑުން އެހީތެރިކަން ފޯރުކޮށްދެވޭތީ ފަޚުރުވެރިވާ ކަމަށެވެ. އަދި މި ގުޅުމުގެ ސަބަބުން ކްރިކެޓް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބި، ޕާކިސްތާނާއި ސައޫދީއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައޫދީ ކްރިކެޓް ފެޑެރޭޝަނުގެ ޗެއާމަން މި މަޝްރޫއު ސިފަކުރެއްވީ ސައޫދީގައި ކްރިކެޓްގެ މުސްތަގުބަލަށް އެޅުނު މުހިންމު ބިންގަލެއްގެ ގޮތުގަ އެވެ. އަދި މި އެއްބަސްވުމަކީ ހަމައެކަނި ސްޓޭޑިއަމް އެޅުމަށް އެކުލަވައިލި އެއްބަސްވުމެއް ނޫން ކަމަށާއި، ތަފާތު އެކި ފެންވަރުގައި ކްރިކެޓް ކުޅިވަރު ތަރައްގީކުރުމަށް ވެސް މީގެ ދަށުން ޚާއްސަ އަހައްމިއްޔަތުކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޗެއާމަން ނަގްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސައޫދީއަށް ކުރެއްވި ޒިޔާރަތެއްގައި ވެސް ވަނީ އެ ގައުމުގައި ކްރިކެޓް ކުރިއެރުވުމަށާއި ސްޓޭޑިއަމްތައް ބިނާކުރުމަށް ޕާކިސްތާނުގެ ފުރިހަމަ އެހީތެރިކަން ދޭނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން، ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ޓްރޮފީ މުބާރާތުގެ މެޗުތައް ބައްލަވައިލެއްވުމަށް ޕާކިސްތާނަށް ވަޑައިގަތުމުގެ ދައުވަތު ވެސް އޭނާ ވަނީ ސައޫދީގެ ޗެއާމަނަށް އަރުވާފަ އެވެ. އަދި ކްރިކެޓް ތަރައްގީކުރުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި ކުޅުންތެރިން ބަދަލުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ހުށަހަޅުއްވައި، ސައޫދީގެ އުއްމީދީ ޒުވާން ކުޅުންތެރިން ތަމްރީނު ހޯދުމަށް ޕާކިސްތާނަށް ފޮނުވުމަށް ވެސް ނަގްވީ ކުރިން ހުށަހަޅުއްވާފައިވެ އެވެ.




