ފޯނާއި ކުޅުމާއި އޮލަ ވާހަކަ ދެއްކުމުގައި ޚުޠުބާ އަޑުއެހުމުގެ ސަވާބު ގެއްލުވައި ނުލާށެވެ!

ހަފުތާގެ އެހެން ދުވަސްތަކާ ޚިލާފަށް،ހުކުރު ދުވަހު މިންބަރުތަކުން އިވެގެންދާ ޚުޠުބާއަކީ ހަމައެކަނި ދެވޭ ދަރުސެއް ނޫނެވެ. އެއީ ނަމާދުގެ ބައެކެވެ. الله سبحانه وتعالى ގެ ޛިކުރުގެ ތެރެއިން ހިމެނޭ މަތިވެރި އަޅުކަމެކެވެ. ނަމަވެސް، ހިތާމައަކީ މިއަދު މިސްކިތްތަކުން ފެންނަމުންދާ ހިތްދަތި މަންޒަރެކެވެ. އިމާމު މިންބަރަށް އަރައި ޚުޠުބާ ކިޔަން ފެށުމުންވެސް، ބައެއް އަޚުން އެކަކު އަނެކަކާ ސިއްރުން ވާހަކަދެއްކުމުގައްޔާއި، ފޯނުތައް ނަގައި ސޯޝަލް މީޑިއާގެ ފީޑުތައް ސްކްރޯލްކުރުމުގައި މަސްޣޫލުވެ ތިބޭ މަންޒަރަކީ އާންމު ކަމެކެވެ.

މިއީ ހަމައެކަނި އަޅުގަނޑުމެންގެ މުޖުތަމަޢަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫނެވެ. ދާދިފަހުން ތުރުކީގެ ޠުރާބުޒޫންގެ މިސްކިތެއްގައި ހިނގާދިޔަ، އަދި މުޅި ދުނިޔެއަށް ވައިރަލްވި ހާދިސާއަކުން މުސްލިމުންގެ ޣާފިލުކަން ވަރަށް ބޮޑަށް ހާމަވެގެންދެއެވެ.

މީސްމީޑިއާގައި ބޮޑު ސަމާލުކަމެއްލިބި، މުސްލިމް އުންމަތުގެ ތެރޭގައި ބަހުސްތަކެއް އުފެދުނު ވީޑިއޯއަކުން ފެންނަނީ، ޠުރާބުޒޫންގެ މިސްކިތެއްގައި ހުކުރު ޚުޠުބާ ދެއްވަން ހުންނެވި އިމާމަކު، މީސްތަކުން ޣާފިލުވެ ތިބެގެން ފޯނާ ކުޅެ، ޚުޠުބާއަށް ސަމާލުކަން ނުދީ ތިބުމުން އިންތިހާއަށް ކަންބޮޑުވެ، ކޯފާވި މަންޒަރެވެ.

ޚުޠުބާ ކަނުލާ އެހުމަކީ ޝަރުޢީ ވާޖިބެއްކަމަށް ވިދާޅުވެ އިމާމު ތަކުރާރުކޮށް އެބައިމީހުންނަށް ނަޞޭޙަތްދީ ހެއްދެވިއެވެ. ނަމަވެސް، ފޯނުގެ މަސްތުގައި ޖެހިފައި ތިބި މީހުންގެ ޣާފިލުކަން ފެނި، އެންމެ ފަހުން އިމާމު އިމާމްވެ ނަމާދު ކުރައްވަން ދެކޮޅު ހެއްދެވިއެވެ. އަދި ޚުޠުބާއަށް އިޙްތިރާމް ނުކުރާ ފަރާތްތަކުން މިސްކިތުން ނިކުތުމަށް އަންގަވައި، ހަރުކަށި ރާގަކަށް ވާހަކަދެއްކެވިއެވެ.

މި ހާދިސާއިން ދޭހަކޮށްދެނީ ސްމާޓްފޯނަށް ދެވިހިފުމުގެ ސަބަބުން، މުސްލިމުންގެ އެންމެ މުޤައްދަސް އަޅުކަންތަކުގެ ތެރެއަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާފައިވާ މިންވަރެވެ.

އިސްލާމީ ޝަރީޢަތުގައި، އިމާމު ޚުޠުބާ ކިޔަމުންދާ ވަގުތު ހަނުހުރުމާއި، ކަނުލާ އަޑުއެހުމަކީ ވާޖިބެކެވެ. މާތްﷲ سبحانه وتعالى ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

وَإِذَا قُرِئَ ٱلْقُرْءَانُ فَٱسْتَمِعُوا۟ لَهُۥ وَأَنصِتُوا۟ لَعَلَّكُمْ تُرْحَمُونَ ٢٠٤
އަދި قرآن ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ. (7:204)

ގިނަ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، މި އާޔަތް ބާވައިލެއްވުނު އެއް ސަބަބަކީ ހުކުރު ޚުޠުބާގެ އަޑު އެހުމަށެވެ.

ޚުޠުބާގެ ވަގުތުގައި ވާހަކަދެއްކުމާއި، އެހެން ކަމަކަށް ސަމާލުކަންދިނުމުގެ ނޭދެވޭކަން ބަޔާންކުރައްވައި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

إِذَا قُلْتَ لِصَاحِبِكَ يَوْمَ الْجُمُعَةِ: أَنْصِتْ، وَالإِمَامُ يَخْطُبُ، فَقَدْ لَغَوْتَ  (رواه البخاري ومسلم)
ހުކުރު ދުވަހު އިމާމާ ޚުޠުބާދޭން ހުންނަވަނިކޮށް، ތިބާގެ އެކުވެރިޔާއަށް 'ހަނުހުރޭ' ބުނެފިނަމަ، ފަހެ، ތިބާ ބޭކާރު ވާހަކައެއް ދައްކައިފިއެވެ (އެބަހީ: ހުކުރު ނަމާދުގެ ސަވާބުން މަޙްރޫމްވެއްޖެއެވެ).

ވިސްނާލަމާ ހިންގަވާށެވެ! ހެޔޮކަމަކަށް އަމުރުކުރުމުގެ ގޮތުން "ހަނުހުރޭ" ބުނުންވެސް ބޭކާރު ޢަމަލަކަށް ވެގެންދާނަމަ، ފޯނު ހުޅުވައިގެން، ފޭސްބުކާއި ޓިކްޓޮކް ފީޑުތައް ބަލަން ތިބޭ މީހުންގެ ޙާލަކީ ކޮބައިތޯއެވެ؟

އަދިވެސް އިތުރު ރިވާޔަތެއްގައި رسول الله صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ، ثُمَّ أَتَى الْجُمُعَةَ، فَاسْتَمَعَ وَأَنْصَتَ، غُفِرَ لَهُ مَا بَيْنَهُ وَبَيْن الْجُمُعَةِ وَزِيَادَةُ ثَلَاثَةِ أَيَّامٍ، وَمَنْ مَسَّ الْحَصَى فَقَدْ لَغَا (رواه مسلم)

ރަނގަޅަށް ވުޟޫކޮށްގެން ހުކުރަށް އައިސް، (ޚުޠުބާ) ކަނުލައި އަޑުއަހައި ހަނުހުރެއްޖެ މީހާއަށް، އެ ހުކުރާއި ކުރިއަށް އޮތް ހުކުރާ ދެމެދުގައިވާ ފާފަތައް (ކުދިފާފަތައް) ފުއްސަވައިދެއްވާނެއެވެ. އަދި އިތުރު ތިން ދުވަހުގެ ފާފަވެސްމެއެވެ. އަދި (ޚުޠުބާގެ ވަގުތުގައި) އޮށްގަލާ ކުޅެން ހުރެއްޖެ މީހާ، ފަހެ އޭނާ ބޭކާރު ކަމެއް ކޮށްފިއެވެ.

ކުރީ ޒަމާނުގައި މިސްކިތްތަކުގެ ބިމުގައި ހުންނަ ކުދި އޮށްގާތަކާ ކުޅުމަކީ ސަމާލުކަން ގެއްލުވައިލާ ކަމަކަށް ވީއިރު، މިއަދުގެ "ސްމާޓްފޯނަކީ" އޭގެ ޒާތުގައި މުޅި ދުނިޔެ ހިމެނޭ، އިންސާނާގެ ސަމާލުކަން މުޅިން ޖަހައިގަންނަ އެއްޗެކެވެ. އެހެންކަމުން، ޚުޠުބާ ގަޑީގައި ފޯނާ ކުޅުމަކީ ހުކުރުގެ މަތިވެރި ސަވާބާއި ދަރުމަ މުޅިން ގެއްލިގެންދާނެ ކަމެއްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

ޠުރާބުޒޫން މިސްކިތުން ފެނުނު މަންޒަރަކީ މުޅި އިސްލާމީ އުންމަތަށް ދެވުނު ރެޑް އެލާޓެކެވެ. ޓެކްނޮލޮޖީގެ ސަބަބުން އަޅުގަނޑުމެންގެ ޚުޝޫޢަތްތެރިކަން ފޭރިގަންނަމުންދާ ކަމުގެ ހެއްކެކެވެ.

މިއީ ހަމައެކަނި އިމާމު މީހާ ހަރުކަށިވެގެން ޙައްލުވާނެ ކަމެއް ނޫނެވެ. މިއީ ކޮންމެ މުސްލިމަކު އަމިއްލައަށް ހޭލުންތެރިވާންޖެހޭ ކަމެކެވެ. މިސްކިތުގެ ދޮރުން އެތެރެވާއިރު، ދުނިޔޭގެ ހުރިހާ ގުޅުންތަކެއް ކަނޑާލައި، ފޯނުތައް ނިއްވާލަން ނުވަތަ ސައިލެންޓަށްލާން ދަސްކުރަންޖެހެއެވެ. ހުކުރުގެ ބަރަކާތްތެރި ވަގުތު، ފަނާވެދަނިވި ސްކްރީންތަކެއްގެ ކުރިމަތީގައި ވަގުތާއި ސަވާބު ބޭކާރުކޮށްނުލާށެވެ!

ﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވައި، އަޅުކަންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން.

ހިއްސާ ކުރައްވާ!