އިސްލާމީ ތަރުބަވީ ފަލްސަފާއަށް ބިނާކޮށް ތައްޔާރުކުރި "ކޮއްކޮމެންގެ ފޮތް ސެޓް" އިފްތިތާޙްކޮށްފި

ދިވެހިރާއްޖޭގެ ފަށާތަޢުލީމުގެ މަރުޙަލާއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަޤްޞަދުގައި، އިސްލާމީ ތަރުބަވީ ފަލްސަފާގެ އަލީގައި އެކުލަވައިލާފައިވާ "ކޮއްކޮމެންގެ ފޮތް ސެޓް" (The Kokkomenge Bookset) ގެ ފުރަތަމަ މަރުޙަލާ ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މިއީ ދިވެހި މުޖުތަމަޢުގެ ދީނީ އަދި އަޚްލާޤީ އަގުތަކަށް ފެތޭގޮތަށް، ބޮޑު ނިޒާމީ ބަދަލަކާއެކު ރާއްޖޭގައި ނެރުނު މި ބާވަތުގެ ފުރަތަމަ ފޮތް ސެޓެވެ.

މި މަޝްރޫޢުގެ މޭސްތިރިއަކީ އަދި ފޮތް ސެޓް ނެރެދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

ފަސްއަހަރުގެ ބުރަ މަސައްކަތެއް: 65 ފޮތުގެ ބޮޑު މަޝްރޫޢު

މި މަޝްރޫޢަކީ 2021 ވަނަ އަހަރުން ފެށިގެން، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށްގެންގޮސްފައިވާ ތައުލީމީ ތަރުބަވީ އިސްލާމީ މަޝްރޫޢެކެވެ. ޖުމްލަ 65 ފޮތް ހިމެނޭ މި މަޝްރޫޢުގެ ދަށުން ބޭބީ ނާސަރީ، ނާސަރީ، އެލް.ކޭ.ޖީ، އަދި ޔޫ.ކޭ.ޖީ މަރުޙަލާގެ ކުދިންނަށް ފޮތްތައް ފޯރުކޮށްދެވޭނެއެވެ.

މިއަދު ޝާއިޢުކޮށްފައިވަނީ ބޭބީ ނާސަރީ މަރުޙަލާގެ 16 ފޮތެވެ. ބާކީ ހުރި 49 ފޮތުގެ ލިޔުންތައް އެއްކޮށް ނިމި، މިހާރު ކުރިއަށްދަނީ ޕަބްލިޝްކުރުމުގެ ފަހުގެ މަރުޙަލާތަކެވެ.

ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، ޤައުމީ މަންހަޖުގައި ހިމެނޭ ހުރިހައި މާއްދާތަކެއްގެ އިތުރުން، މި ފޮތްތަކުގައި އިސްލާމީ އަދަބު އަޚްލާޤާއި ޢަރަބި ބަހުގެ މާއްދާ ވެސް ހިމެނޭނެ ކަމަށެވެ. މިއީ ޅަފަތުގެ އުމުރުގައި ކުދިންގެ ހިތްތަކުގައި ދީނީ ލޯބި އަށަގަންނުވައި، ހަރުދަނާ ޖީލެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ފޮތް ސެޓަކީ ތަޢުލީމީ ދާއިރާގެ ފުންނާބުއުސް ތަޖުރިބާކާރުންގެ ބައިވެރިވުމާއެކު ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. ޑރ. ޝަހީމްގެ ސީދާ ބެއްލެވުމުގެ ދަށުން މި ފޮތްތައް ލިޔެ އެކުލަވައިލެއްވީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަންގެ ކުރީގެ ކަރިކިއުލަމް ޑިވެލޮޕަރ މަރިޔަމް ޝަޒްނާއެވެ.

މީގެ އިތުރުން ފަންނީ އެކި ދާއިރާތަކުން ބޭފުޅުން ވަނީ މި މަސައްކަތުގައި ބައިވެރިވެ ވަޑައިގެންފައެވެ.

  • ޤުރްއާން މާއްދާ އެކުލަވައިލެއްވީ ޢާބިދާ މިސްއެވެ.
  • ބޭބީ ނާސަރީގެ ޢަރަބި މާއްދާ ތައްޔާރުކުރެއްވީ ނީނާ މިސްއެވެ.
  • ފޮތްތަކުގެ ކުލަގަދަ ކުރެހުންތަކާއި ވިޝުއަލް ޑިޒައިންއާ އެކު ލޭއައުޓް ފަރުމާކުރީ ޚަދީޖާ ޢަބްދުﷲ އެވެ.

ފޮތްތަކުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން އެކި މަރުޙަލާތަކުގައި މުރާޖިޢާކުރެއްވީ އުސްތާޒު އިމްތިތާއު އައްބާސް، އުސްތާޛު މުޙައްމަދު ފިރުޒުލް އަދި ޝިފާޔަތު އަލީއެވެ.

"ކޮއްކޮމެންގެ ފޮތް ސެޓް" ފަރުމާކޮށްފައިވަނީ ހަމައެކަނި ޕްރީ ސްކޫލުތަކުގެ ކްލާސްރޫމްތަކަށް އެކަންޏެއް ނޫނެވެ. ބެލެނިވެރިންނަށް ގޭގައި ތިބެގެން ވެސް ދަރިންނަށް ފަސޭހަކަމާއެކު އުނގަންނައިދެވޭނެ ފަދަ ހޯމް ލާނިންގ އޮނިގަނޑަކަށް ވެސް ފެތޭ ގޮތަކަށެވެ.

މި ސީރީޒްގެ ބޭނުމަކީ ލިޓްރެސީ، ނިއުމެރެސީ، އުފެއްދުންތެރިކަން، އަދި ވިސްނުމުގެ ހުނަރުތައް ތަރައްޤީކޮށް، ކުދިން ސްކޫލުގެ މާޙައުލަށް ތައްޔާރުކޮށްދިނުމެވެ.

މި ބޮޑު މަޝްރޫޢު ކާމިޔާބުކުރުމުގައި އިދާރީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވީ ޝައިޚު މުޙައްމަދު ލަތީފް، މަދީނާ އިންވެސްޓްމަންޓްސްގެ ސީއީއޯ އަލީ އަހުސަން އަދި އައިއޯސީގެ ކޯފައުންޑަރ އަލީ އަޝްވާޤް އެވެ. ޞަދަޤާ ޖާރިއާއެއްގެ ގޮތުގައި މި މަޝްރޫޢަށް މާލީ އެހީތެރިކަން ފޯރުވައިދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ހަމަޖެހިފައި ވެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް