ހޫނު މޫސުމުގެ ގަދަ އަވިން ދިލަޖެހިފައިވާ މިޞްރުގެ ޝަރްޤިއްޔާ މުޙާފަޒާގެ އަވަށްތަކުގެ މަގުތަކުން މިއަދު ފެންނަނީ ފަޅުކަމާއި ހާސްކަމާއި ބިރުވެރިކަމެވެ. ދަނޑުބިންތަކާއި ފެންހިންދާ ކާނުތަކުގެ ތެރެއިން ކުއްލިއަކަށް ފާޅުވާންފެށި ވިހަގަދަ ހަރުފަތަކުގެ ޝިކާރައަކަށްވެ، ކުޑަކުދިންނާއި އަންހެނުންގެ ބަޔަކު މަރުވުމާ ގުޅިގެން، މުޅި އަވަށް މިވަނީ ސިހުމެއްގެ ތެރޭގައެވެ.
މި އިންސާނީ ހިތާމަވެރި ހާދިސާ މިހާރު ވަނީ މިޞްރުގެ ޕާލިމަންޓާ ހަމައަށް ފޯރާފައެވެ. މި ހާދިސާއާ ގުޅިގެން މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ ނައިބު ރައީސް އައިމަން މުޙްސިބު ވަނީ ސަރުކާރަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. އޭނާ ގޮވާލެއްވީ ރަށްފުށުގެ އަވަށްތަކުގައި ހަރުފަ އާލާވުން ހުއްޓުވުމަށާއި، ވިހަވުމާއެކު ފޯރުކޮށްދޭންޖެހޭ ކުއްލި ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ޤައުމީ ފެންވަރުގެ ޕްލޭނެއް އަވަހަށް އެކުލަވައިލުމަށެވެ.
"މިފަދަ ހާދިސާތައް ތަކުރާރުވުމަކީ ސަރުކާރުގެ ސިޔާސަތު ބަދަލުކުރަންޖެހޭ ކަމެއް. ކާރިސާއެއް ހިނގުމުން އެކަމަށް އިޖާބަދިނުމުގެ ބަދަލުގައި، ދަނޑުވެރިކަން ކުރާ ސަރަހައްދުތަކުގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ،" މުޙްސިބު ވިދާޅުވިއެވެ.
އައްޝަރްޤިއްޔާގައި، މިހާތަނަށް ހަރުފަ ވިހަލައިގެން 12 ކޭސްއެއް ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރެއިން 3 މީހަކު ވަނީ މަރުވެފައެވެ. އަދި ބާކީ ތިބި މީހުންނަށް ފަރުވާދީ، ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެއެވެ. ނަމަވެސް، އެންމެ ފަހުން މަރުވި މީހާގެ ވާހަކައިން ހާމަވަނީ މި ހަރުފަތަކުގެ ނުރައްކާތެރިކަމެވެ.
އެމީހާ ސަލާމަތްކުރުމަށްޓަކައި ހަރުފަ ވިހައާ ދެކޮޅަށްދޭ އެންޓި-ވެނޮމްގެ 20 ޑޯޒް ދެވުނެވެ. އެހެންނަމަވެސް، ހަށިގަނޑަށް އެތެރެވި ވިހައިގެ މިންވަރު އިންތިހާއަށް ގިނަވުމުގެ ސަބަބުން، ޑޮކްޓަރުންގެ ހުރިހާ މަސައްކަތެއް ނާކާމިޔާބުވެ، އެމީހާ ދުނިޔެ ދޫކުރީއެވެ.
މި ހިތާމަވެރި ހާދިސާތައް ހިނގާފައިވަނީ މިންޔާ އަލްޤަމްޙް ސަރަހައްދުގެ އަވަށުގައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ދެ ކުޑަކުދިންނާއި އަންހެނަކު މަރުވުމުން، މުޅި ސަރަހައްދުގެ ދަނޑުވެރިންނާއި އާންމުން ތިބީ ގޭގެއިން ބޭރަށް ނިކުންނަންވެސް ބިރުންނެވެ.
ހޫނު މޫސުމާ ދިމާކޮށް ހޫނު ގަދަވުމުން ހަރުފަތައް ހޯދަމުންދަނީ ފިނި ތަންތަނެވެ. އެގޮތުން ފެން ހިންދާ ކާނުތަކާއި، ދަނޑުވެރި ބިންތަކުގެ ކައިރިން މިސޮރުމެން ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. މިއަދު އެ އަވަށުގެ މީހުންގެ ހަމައެކަނި އުންމީދަކީ، މި ބިރުވެރިކަމުން އެމީހުންގެ ދަރިންނާއި އާއިލާތައް ސަލާމަތްކޮށްދޭނެ އަވަސް ހައްލެއް ސަރުކާރުގެ ފަރާތުން ލިބުމެވެ.

