މާލޭ ނޯތު ހާބަރުގެ ސަލާމަތީ އަދި އިދާރީ ކަންކަން ހަރުދަނާކޮށް، އާންމުންނަށާއި އުޅަނދުފަހަރަށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ނޯތު ހާބަރުގެ "އޭ ޒޯން" އަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް އެކުންފުނިން ހަމަޖައްސައިފިއެވެ.
އެމް.ޕީ.އެލް އިން ނެރެފައިވާ ރަސްމީ ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މީގެކުރިން މާލެ ނޯތު ހާބަރުގެ "އޭ ޒޯން" (ބޮޑުތަކުރުފާނު މަގާވީ ފަރާތް) އިން ފެނާއި ކަރަންޓުގެ އެއްވެސް ޚިދުމަތެއް ލިބޭާކަށް ނުހުރެއެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދަށް ކައިރިކުރާ އުޅަނދުފަހަރަށާއި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކަކާ ކުރިމަތިވަމުން ގޮސްފައިވެއެވެ.
މި ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ސަރަހައްދުގައި ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމްކުރުމަށްޓަކައި މާލޭ ނޯތު ހާބަރުގެ އިދާރާގެ އިތުރުން އެމް.ޕީ.އެލް ގެ ކަމާގުޅޭ އެކި ޑިޕާޓްމަންޓްތަކުން މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
އައު ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައް ނިމި، މިހާރު އެ ޒޯނުން ކަރަންޓާއި ފެނުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ފަހިކޮށްދެވިފައެވެ. އެމް.ޕީ.އެލް އިން ދެކޭގޮތުގައި މިއީ ބަނދަރުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށް، ކައިރިކުރާ ބޯޓުފަހަރަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
