އީރާނާ ދެކޮޅަށް ބޭނުންކުރާނެ އާދައިގެ އަސްކަރީ ހުރިހާ ގޮތްތަކެއް އެމެރިކާއަށް ހުސްވެފައިވާ ކަމަށާއި، ވޮޝިންގްޓަނަށް ދެން އޮތް ހަމައެކަނި އިޚްތިޔާރަކީ ނިއުކްލިއާ ހަމަލާއެއް ދިނުން ކަމަށް އީރާނުގެ ވެރިރަށް ތެހެރާންގެ ޑެޕިއުޓީ މޭޔަރު ހާމިދުރޭޒާ ޣުލާމްޒާދޭ ވިދާޅުވެއްޖެއެވެ. އިންޑިއާ ޓުޑޭ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި، ތެހެރާންގެ މުވާސަލާތާއި ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ މަރުކަޒުގެ ވެރިޔާގެ މަގާމުވެސް ފުރުއްވާ ޣުލާމްޒާދޭ ވިދާޅުވީ، އެމެރިކާއިން އިތުރު އަސްކަރީ ފިޔަވަޅެއް އެޅި ނަމަވެސް އީރާނުން ހަނގުރާމަ ކުރަމުންދާނެ ކަމަށެވެ.
"މިހާރު އެމެރިކާއަށް އަހަރެމެންނާ ދެކޮޅަށް ބޭނުންކުރެވެން އޮތް ހަމައެކަނި އިޚްތިޔާރަކީ ނިއުކްލިއާ ބޮމެއް އެޅުން. މީގެ އިތުރަށް އެމީހުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. އެހެންވިޔަސް އަހަރެމެން ހަނގުރާމަ ކުރާނަން،" އޭނާ ވިދާޅުވިއެވެ.
އަލީ ޚާމަނާއީގެ ޖަނާޒާއަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތު
އީރާނުގެ ލީޑަރު އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތަށް އެމެރިކާ ނުވަތަ އިސްރާއީލުން ހަމަލާދީފާނެތޯ ސުވާލުކުރުމުން، ޣުލާމްޒާދޭ ތުހުމަތުކުރެއްވި ގޮތުގައި ދެ ގައުމުންވެސް އެ ރަސްމިއްޔާތަށް ހުރަސްއަޅަން ރޭވިއެވެ. ނަމަވެސް، ޖަނާޒާގައި ބައިވެރިވި އާންމުންގެ ގިނަކަމާއި ބައިނަލްއަގުވާމީ މެހެމާނުން ތިއްބެވުމުން އެމީހުން ވަނީ ފަހަތަށް ޖެހިފައެވެ.
ޣުލާމްޒާދޭ ވިދާޅުވި ގޮތުގައި ދުނިޔޭގެ ކަނޑުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ ހުރްމުޒް ކަނޑުއޮޅި މިހާރު އޮތީ ހުޅުވާލެވިފައެވެ. ނަމަވެސް، ކުރިއަށް އޮތް 60 ދުވަހުގެ ފަހުން އެ ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުފަހަރުން އީރާނުން ޓެކްސް ނަގަން ފަށާނެއެވެ. "ބައިނަލްއަގުވާމީ ގާނޫނުތަކެއް ހުރްމުޒް ކަނޑުއޮޅިއަކަށް ނުހިނގާނެ،" އޭނާ ވިދާޅުވިއެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ނުސީދާކޮށް ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކާ ބެހޭގޮތުން ޣުލާމްޒާދޭ ވިދާޅުވީ، އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ. "މަޝްވަރާތައް ކުރިއަކަށް ނުދޭ. އެކަން އަހަރެމެންނަށްވެސް އަދި އެމެރިކާއަށްވެސް އެނގޭ،" އީރާނުގެ މަޝްވަރާ ޓީމުގެ މާހިރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވާ ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.
މި ބަސްދީގަތުން އައިސްފައިވަނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އާގުބޯޓުތަކަކަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން މިސައިލް ހަމަލާތަކެއް ދީ، ދެ ގައުމުގެ މަސްރަހު އިންތިހާއަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ދަނީ އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރުން ދާއިމީ ގޮތެއްގައި ފީ ނެގޭނެ ނިޒާމެއް ގާއިމުކުރަން މަސައްކަތް ކުރަމުންނެވެ.





