އީރާނުގެ ލީޑަރު އަޔާތުއްލާ އަލީ ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވުމަށް ދުނިޔޭގެ ބައެއް ގައުމުތަކުން ފަސްޖެހުނީ، އެމެރިކާއިން ސިޔާސީ ގޮތުން ދެއްކި ބިރުތަކާއި ކުރި ޑިޕްލޮމެޓިކް ފިއްތުންތަކާ ހުރެ ކަމަށް އީރާނުގެ މީޑިއާ ހާމަކޮށްފިއެވެ. އީރާނުގެ "ތަސްނީމް" އިން ރިޕޯޓްކުރި ގޮތުގައި، އެމެރިކާގެ ނުފޫޒާ ހުރެ 13 ގައުމަކުން ވަނީ ޖަނާޒާގައި ބައިވެރިވާނެ ކަމަށް ބުނުމަށްފަހު ބިރުން ބައިވެރި ނުވެފައެވެ. އަދި ބައެއ ްގައުމުތަކުން ވަނީ ވަފްދުގެ ފެންވަރު ދަށްކޮށްފައެވެ.
ތަސްނީމް އެޖެންސީން ބުނާ ގޮތުގައި، ޖަނާޒާ ފެށުމުގެ ހަފްތާއެއް ކުރިން އެމެރިކާއިން ވަނީ ބޮޑު ޑިޕްލޮމެޓިކް ކެމްޕޭނެއް ފަށާފައެވެ. އޭގެ ތެރޭގައި ގައުމުތަކަށް އެމެރިކާގެ މަސްއޫލުވެރިން ފިޮނުވައި އެގައުމުގެ ރައީސުންނނާ ބައްދަލު ކުރުމާއި އަދި އޭގެ އިތުރުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އަރަބި 5 ގައުމެއްގެ ސަރުކާރަށް ސީދާ ފޯނުން ގުޅުއްވައި، ތެހެރާންގެ ޖަނާޒާގައި ބައިވެރިނުވުމަށް ފިއްތާފައެވެ. މިއަށް ބައެއް ގައުމުތަކުން ދީލާލި ކަމަށް ބުނެއެވެ.
-
ދިން އިންޒާރުތައް: އެމެރިކާގެ ސަފީރުން މެދުވެރިކޮށް އެކި ގައުމުތަކަށް އެންގީ ޚާމަނާއީގެ ޖަނާޒާއަށް ދިއުމަކީ ވޮޝިންގްޓަނާ ދެކޮޅަށް ކުރެވޭ ރައްޓެހި ނޫން އަމަލެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.
-
އެހީ ކަނޑާލުމުގެ ބިރު: ބައެއް ގައުމުތަކަށް އެމެރިކާއިން ދޭ ތަރައްގީގެ އެހީތައް ކަނޑާލާނެ ކަމުގެ ބިރު ދެއްކިއިރު، އިރުމަތީ ޔޫރަޕްގެ 3 ގައުމަކަށާއި، ގަލްފްގެ 2 ގައުމަކަށް އަދި އޭޝިއާގެ 2 ގައުމަކަށްވެސް މި ފިއްތުންތައް ކުރިމަތިވިއެވެ.
-
މައާފަށް އެދުން: ބައެއް ގައުމުތަކުން އެމެރިކާގެ ބިރަށް ޖަނާޒާއަށް ނުގޮސް، ޖެނީވާ އަދި ނިއުޔޯކްގައި ތިބޭ ޑިޕްލޮމެޓުން މެދުވެރިކޮށް އީރާނަށް ސިއްރުން މައާފަށް އެދި މެސެޖު ފޮނުވާފައިވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.
ބައެއް މަސްދަރުތަކުން ބުނާގޮތުގައި ސައުދީ އަރަބިއްޔާ، ގަތަރު އަދި އޮމާނުން ރަސްމީ ވަފުދުތައް ފޮނުވި ނަމަވެސް، ޔޫއޭއީ، ކުވެއިތު އަދި ބަހްރޭނުން ވަނީ ޖަނާޒާގައި ބައިވެރިވުމުން ފަސްޖެހިފައެވެ.





