ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ގަތަރުގެ ތެޔޮ ޓޭންކަރަކަށް އީރާނުން ހަމަލާދިނީ ކީއްވެ؟

ހުރްމުޒް ކަނޑުއޮޅީން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން އަލުން ހަމަލާދޭން ފަށައިފި އެވެ. އީރާނުން ބުނާ ގޮތުގައި މިއީ އެމެރިކާއާއި އީރާނާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މެމޮރެންޑަމްއާ އެމެރިކާއިން ޚިލާފުވުމުގެ ސަބަބުން ދޭ ހަމަލާތަކެކެވެ. ނަމަވެސް، މިފަހަރު އީރާނުގެ އަމާޒަކަށްވީ ވޮޝިންގްޓަނާއި ތެހެރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުގެ ތެޔޮ ޓޭންކަރެކެވެ.

ގަތަރުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަނިކޮށް ގަތަރުގެ އުޅަނދަށް ދިން ހަމަލާ ކުށްވެރިކުރައްވާފަ އެވެ. އަދި އެއީ ކަނޑުދަތުރުފަތުރުގެ ސަލާމަތަށް ދިން ބަލައި ނުގަނެވޭނެ ހަމަލާއެއް ކަމަށާއި، މި ހަމަލާގެ ގާނޫނީ ޒިންމާއާއި އޭގެ ސަބަބުން ލިބޭ ހުރިހާ ގެއްލުމެއްގެ ޒިންމާ އީރާނުން އުފުލަންޖެހޭނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން، ސަރަހައްދީ ސަލާމަތަށް ނުރައްކާވާ ފަދަ އަދި އަމިއްލަ ހަނި މަސްލަހަތުތަކެއް އިސްކޮށް ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރާ ފަދަ އަމަލުތައް އީރާނުން ވަގުތުން ހުއްޓާލުމަށް ގަތަރުން ވަނީ ގޮވާލާފަ އެވެ.

ޖީސީސީގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް އަލްބުދައިވީ ވިދާޅުވީ، ގަތަރުގެ އުޅަނދަށް އީރާނުން ދިން ހަމަލާއަކީ މުޅި ސަރަހައްދުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އެކްސިއޮސް ވެބްސައިޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތިންވަނަ ވިޔަފާރި އުޅަނދަށް ހަމަލާދީފަ އެވެ.

އީރާނުގެ އެމެރިކާ ދިރާސާތަކާ ބެހޭ މާހިރެއް ކަމަށްވާ އަލީ އަކްބަރު ދާރިނީ، ވިދާޅުވީ، އީރާނުން ބާރު ނަގަނީ އެއްބަސްވުމުގެ 5 ވަނަ މާއްދާއިންނެވެ. އެ މާއްދާގައިވާ ގޮތުން ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އޮތީ އީރާނަށެވެ. އެމެރިކާއަކަށް ނޫނެވެ. ދާރިނީ ތުހުމަތުކުރާ ގޮތުގައި އެމެރިކާއިން ދަނީ އާ ކަނޑުގެ މަގެއް ހަދަން އުޅުމުގެ ތެރެއިން އެ މާއްދާއާ ޚިލާފުވަމުންނެވެ. އަދި އީރާނުގެ އުސޫލުތަކަށް ތަބާވާ އުޅަނދުތަކަށް ރައްކާތެރިކަން އޮންނާނެ ކަމަށާއި، ހުއްދަނެތް މަގުތަކުން ދަތުރުކުރާ އުޅަނދުތަކަށް ސަލާމަތްތެރިކަމެއް ނޯންނާނެ ކަމަށް އީރާނުން ވަނީ ސާފުކޮށްދީފަ އެވެ.

ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ބާރެއް ނެތް

ނަމަވެސް، އެމެރިކާގެ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޖޯއީ ހޫޑް ދެކެވަޑައިގަންނަވާ ގޮތުގައި، މި އެއްބަސްވުމަކީ ބައިނަލްއަގުވާމީ މުއާހަދާއެއް ނުވަތަ ގާނޫނީ ލިޔުމެއް ނޫނެވެ. އެހެންކަމުން ހޮރްމުޒް ކަނޑުއޮޅީގައި ވާނެގޮތް ނިންމުމުގެ ހައްގެއް އީރާނަކަށްވެސް އަދި އެމެރިކާއަކަށްވެސް ނެތެވެ.

އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ކަނޑުގެ ގާނޫނުތަކާ ބެހޭ މުއާހަދާގެ ދަށުން ކޮންމެ އުޅަނދަކަށްވެސް އެއްވެސް ހުރަހެއް ނެތި އެތަނުން ދަތުރުކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި 5 ވަނަ މާއްދާއިން ހޮރްމުޒް ކަނޑުއޮޅީގައި އަސްކަރީ ބާރު ބޭނުންކުރުމުގެ އެއްވެސް ބާރެއް އީރާނަށް ދީފައިނުވާނެ ކަމަށް އޭނާ ކަށަވަރުކޮށްދެއްވި އެވެ. އަދި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުގެ އުޅަނދަކަށް އީރާނުން ހަމަލާދިނުމަކީ ތެހެރާނުން ހެދި "ވަރަށް ބޮޑު ގޯހެއް" ކަމަށް ވިދާޅުވެ އޭނާ ހައިރާންކަން ފާޅުކުރެއްވި އެވެ.

މުހައްލިލުން ދެކޭގޮތުގައި، އީރާނުން އަލުން ހަމަލާދޭން މި ފެށީ 2026 ޖޫން މަހު އޮމާނުން ބައިނަލްއަގުވާމީ ކަނޑުގެ ޖަމްއިއްޔާ އާ ގުޅިގެން އިއުލާނުކުރި "ދެކުނު މަގު" އާ އީރާނުން ދެކޮޅުވާތީ އެވެ. މި މަގުގެ ބޭނުމަކީ ހޮރްމުޒް ކަނޑުއޮޅީގައި މިނިވަންކަމާއެކު ދަތުރުފަތުރުކުރެވޭނެ މަގެއް ކަށަވަރުކުރުމެވެ.

އޮމާނުގެ މި މަގު އޮންނަނީ ހޮރްމުޒް ކަނޑުއޮޅީގެ ތެރެއިން އޮމާނުގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދުގަ އެވެ. މިއީ އީރާނުގެ ނުރައްކާތަކާއި، މައިންތަކާއި އީރާނުން ނަގާފާނެ ފީތަކުން ސަލާމަތްވެގެން ރައްކާތެރިކަމާއެކު ދަތުރުކުރުމަށް އުޅަނދުފަހަރަށް ހުޅުވާލެވުނު ބަދަލު މަގެކެވެ.

ހިއްސާ ކުރައްވާ!