އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މަޖުބޫރު ވެގެން އީރާނާއެކު ވެފައިވާ އިސްލާމްއާބާދު ފަހުމުނާމާގެ މުއްދަތު ހަމަވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މިއީ ޓްރަމްޕް މޮޔައަކަށް ހެދިންގެ އަބަހައްދަ ވާހަކަ ދައްކަމުންދާތާ އެތައް ދުވަހެއްވީ ފަހުން އީރާނަށް ދިން އުދުވާނީ ހަމަލައަށް ފަހު އެންމެ ފަހުން ދީފައިވާ ބަޔާނެވެ.
"އަހަރެން އީރާނުގެ މީހުންނާ މުއާމަލާތް ކުރާކަށް ބޭނުމެއް ނޫން. އީރާނާއެކު އަހަރެމެން ގިނަ ވަގުތުތަކެއް ބޭކާރު ކޮށްފިން، އަދި އަހަރެމެންގެ މަސައްކަތް އަހަރެމެން ކުރަންޖެހޭ." އަންކާރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯ ސަމިޓުގެ ކުރިން، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައި ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.
ޖެނޮސައިޑަށް ވާގިވެރިވި ޓްރަމްޕް އީރާން ސިފަ ކޮށްފައި ވަނީ "ބަލިމަޑުކަމެއް ފަދަ، ކުނިތަކެއް، އަދި އަނިޔާވެރި ނުބައި ބައެއް" ކަމަށެވެ. އަދި ތެހެރާނަށް ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ފުރުސަތު ވޮޝިންޓަނުން ނުދޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވީ، ތެހެރާނާއި ވޮޝިންޓަނާ ދެމެދު ނުތަނަވަސްކަން އާވެފައިވާ މި ދަނޑިވަޅުގައި، އީރާނުގެ ހައްގުތައް ދިފާއުކުރުމުގައި އެ ގައުމު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.
އީރާނުގެ ސިފައިން ބުދަ ދުވަހު އިންޒާރު ދެމުން ބުނެފައިވަނީ، އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް ފުރުސަތުދޭ ކޮންމެ ގައުމަކީ އީރާނުގެ "ހައްގު ހަމަލާގެ އަމާޒަކަށް" ވާނެ ގައުމެއް ކަމަށެވެ.
"އިސްލާމީ އީރާނުގެ އިސްތިގުލާލަށް އަރައިގަތުމަށްޓަކައި އަނިޔާވެރި އެމެރިކާ ސިފައިންނަށް އެހީ ފޯރުކޮށްދޭ ކޮންމެ އެހީތެރިކަމަކީ، އީރާނުގެ ސިފައިންގެ ގާނޫނީ ހަމަލާގެ އަމާޒަކަށް ވާނެ ކަމެކެވެ." އީރާނުގެ ސިފައިންގެ މަރުކަޒީ އޮޕަރޭޝަންސް ރޫމް ކަމަށްވާ "ޚާތަމުލް އަންބިޔާ" ހެޑްކުއާޓާޒްގެ ބަޔާނެއްގައި ބުނެފައިވެއެވެ.
އެމެރިކާ ސިފައިން މިއަދު ބުދަ ދުވަހު ވަނީ އީރާނުގެ 80 އަށްވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފައެވެ. އެ ހަމަލާތަކުގެ ޒިންމާ އެމެރިކާއިން އަޅުވާފައިވަނީ ތެހެރާނުގެ ބޮލުގައެވެ. މި ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ ބަހްރެއިންނާއި ކުވެއިތުގައި ހުރި އެމެރިކާގެ އެތައް އަސްކަރީ މަރުކަޒުތަކަކަށް ކާމިޔާބު ކަމާއެކު އަމާޒަށް ހަމަލާދީފައެވެ.





