ޓްރަމްޕް އޮތީ އީރާނުން ނައްތާލާނެ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި

އީރާނުގެ އެންމެ ބޮޑު އަމާޒަކީ ތިމަން މަރާލުން ކަމަށާއި، އަދި އެކަމަށް އެ ގައުމުން ރާވަމުންދާ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ނަމަވެސް، މިކަމާ އެއްވެސް ވަރަކަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ، "އަހަންނަކީ އެމީހުންގެ އެންމެ އިސް އަމާޒު. ކުރިން އޮތް ލީޑަރުން ދިޔައީ، މިހާރު ތިބި ލީޑަރުން ވެސް ހިނގައިދާނެ. އަދި ބައެއް ފަހަރު އަހަރެން ވެސް ހިނގައިދާނެ،" ކަމަށެވެ.

އީރާނާ ދެކޮޅަށް ކުރިއަށްދާ އަސްކަރީ ހަމަލާތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި ކުރިމަތިލުންތައް ދިގުލައިގެން ނުދާނެ ކަމަށާއި، "އެއީ ވަރަށް އަވަހަށް ނިމިގެންދާނެ ކަމެއް" ކަމަށެވެ. "އެމީހުން ބައެއް އުޅަނދުތަކަށް ހަމަލާދިނުމުން، އަހަރެމެން އެމީހުންނަށް މާ ބާރަށް ހަމަލާދިނީ،" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އީރާނަށް ނިއުކްލިއަރ ހަތިޔާރު ހޯދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވިދާޅުވީ، "ބުއްދި ހަމަނުޖެހޭ މީހުން އަތުގައި ނިއުކްލިއަރ ހަތިޔާރު ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.

ދުނިޔޭގައި މަދަނީންނާ ދެކޮޅަށް އެންމެ ފުރަތަމަ ނިއުކްލިއަރ ހަމަލައެއް އިންސާނީ ތާރީޚުގައި ދީފައި ވަނީ އެމެރިކާ އިންނެވެ. އެއީ ޖަޕާނަށެވެ. އަދި އެންމެ ފުޅާދާއިރާއެއްގައި ކެމިކަލް ހަތިޔާރު އެޖެންޓު އޮރެންޖުވެސް ބޭނުން ކުރީ އެމެރިކާ އިންނެވެ. އެއީ ވިއެޓްނާމގްައެވެ.

ޓްރަމްޕްގެ ބިރު ދެއްކުމާ ގުޅިގެން އީރާނުން ބުނެފައިވަނީ، ޓްރަމްޕަށް އެނގޭނީ "ބާރުގެ ބަހުރުވަ" ކަމަށާއި، އެއީ ޓްރަމްޕަށް އެންމެ ރަނގަޅަށް ވިސްނޭ ބަހުރުވަ ކަމަށެވެ. އަދި އީރާނުގެ ނޫސްތަކުން ބުނާ ގޮތުގައި، އިތުރު ހަމަލާއެއް ދީފިނަމަ ހުރްމޫޒް ކަނޑުއޮޅި ބަންދުކޮށް، ދެގުނަ ބާރުގަދަ ރައްދު ހަމަލާތަކެއް ދޭނެއެވެ.

ހިއްސާ ކުރައްވާ!