ނިއުޔޯކުގެ މޭޔަރު ރެފްރީންނާ ދެކޮޅަށް ތެދުވެއްޖެ: އާޖެންޓީނާއާ މިސްރުގެ މެޗުން ވައްކަން ކުރީ

ނިއުޔޯކް ސިޓީގެ މޭޔަރު ޒަހްރާން މަމްދާނީ ވިދާޅުވީ، ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ މިސްރު މުބާރާތުން ކެޓީ، ރެފްރީންގެ ބޭއިންސާފު ނިންމުންތަކުގެ ސަބަބުން "ވަގަށް ނެގި" ފުރުސަތަކުން ކަމަށެވެ.

މި މެޗުގައި މިސްރުން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، ފަހުން އާޖެންޓީނާއިން 3-2 އިން މެޗު ކާމިޔާބުކުރިއެވެ. މި މެޗުގައި މިސްރުގެ ކޯޗު ހުސާމް ހަސަންގެ ޓީމުން ޖެހި ލަނޑެއް ރެފްރީ ކެންސަލް ކުރުމާއި، އަދި ޕެނަލްޓީއަކަށް އެދުމުން އެކަން ބަލަން ދެކޮޅު ހެދުމުން ރެފްރީންނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ނިއުޔޯކުގެ އާންމު ދަތުރުފަތުރުގެ ނިޒާމާ ބެހޭގޮތުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު މަމްދާނީ ހާޒިރުވި މީހުން ހައިރާން ކޮށްލެއްވީ މިސްރާއި އާޖެންޓީނާގެ މެޗާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

މަމްދާނީ ވިދާޅުވީ، "ތިޔަބޭފުޅުން ބަހުގައި މަސައްކަތަށް ދާނަމަ، ވަގުތު ސަލާމަތްވާނެ. އޭގެ މާނައަކީ އާއިލާއާއެކު ހެނދުނުގެ ނާސްތާ ކުރުމާއި، ދަރިންގެ ކުޅިވަރު މެޗުތަކުގެ ވާހަކަ ދެއްކުމަށް ވަގުތު ލިބުމާއި، އަދި އެކުވެރިންނާ ބައްދަލުކޮށް 'މިސްރަށް އިއްޔެ ކުރިމަތިލން ޖެހުނީ ވައްކަމެއް ކަމަށް އެއްބަސްވުމަށް ވަގުތު ލިބުން،" ކަމަށެވެ.

މިސްރު މުބާރާތުން ކެޓުމާ ގުޅިގެން ނިއުޔޯކުގެ މޭޔަރުގެ މި ވާހަކަތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފެތުރިފައިވާއިރު، ރެފްރީންނަށާއި ފީފާއަށް ފާޑުކިޔަމުންދާ ފަރާތްތަކާ އޭނާ ވަނީ ގުޅިފައެވެ. މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިސްރުގެ ކޯޗު ހުސާމް ހަސަން އާއި ފޯވަޑް މުސްތަފާ ޢަބްދުއްރައޫފް (ޒީކޯ) ވެސް ވަނީ ރެފްރީގެ ބޭއިންސާފު ނިންމުންތަކުގެ ސަބަބުން މެޗުގެ ނަތީޖާއަށް އަސަރުކުރި ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ ނިކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ.

ހިއްސާ ކުރައްވާ!