ދިގު މުއްދަތެއް ވަންދެން އެމެރިކާގެ ބޮޑެތި ޕާޓީތަކުން އިސްރާއީލަށް ދެމުން އައި ތާއީދު، އެގައުމުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ދަށަށް ހިނގައްޖެއެވެ. އޭޕީ-އެންއޯއާރްސީ އިން މިހާރު ކުރި އާ ސާވޭއަކުން ދައްކާ ގޮތުގައި، އެމެރިކާގެ 3ބައި ކުޅަ އެއްބައި މީހުން ގަބޫލުކުރަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަނީ 'ގަތުލުއާންމެއް' ކަމަށެވެ.
ގާޒާގައި ހިންގަމުންދާ ގަތުލުއާންމުގައި އިސްރާއީލުން ގެންދަނީ ފަލަސްތީނުގެ އެތައް ހާސް ބަޔަކު މަރަމުންނެވެ. އިސްރާއީލުން ފެށި މި ގަތުލުއާންމުގައި މިހާތަނަށް 73،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
"މިއީ ނަސްލެއް ފޮހެލުމަށް ކުރާ މަސައްކަތެއް"
ސާވޭގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އިސްރާއީލުގެ އަސްކަރީ އަމަލުތަކަކީ ހަމައެކަނި ހަނގުރާމައެއް ނޫނެވެ. ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ އުމުރުން 69 އަހަރުގެ ހެރޮލްޑް ކަލްމަސް ބުނި ގޮތުގައި، އިސްރާއީލުން މިހާރު ކުރަމުންދަނީ ފަލަސްތީނުގެ މުޅި ސަގާފަތާއި ނަސްލު ބިމާ ހަމަކޮށް ފޮހެލުމުގެ މަސައްކަތެވެ. "މިއީ ބުނެދޭން ވެސް ނޭނގޭ ފަދަ ބިރުވެރި ޖަރީމާއެއް،" އޭނާ ބުންޏެވެ.
ސިޔާސީ ފަރާތްތަކުގެ މެދުގައި އިސްރާއީލުގެ އަގު ވެއްޓެނީ
އެމެރިކާގެ ޑިމޮކްރެޓުންގެ ތެރޭގައި އިސްރާއީލާ މެދު އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ސާވޭއިން ދައްކާ ގޮތުގައި 58 ޕަސެންޓް ޑިމޮކްރެޓުން ގަބޫލުކުރަނީ އެމެރިކާއިން އިސްރާއީލަށް ކުރާ ތާއީދު ބޮޑު ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެމެރިކާއިން އެކަށީގެންވާ ވަރަށް އެހީތެރިކަން ނުދޭ ކަމަށް 62 ޕަސެންޓް ޑިމޮކްރެޓުން ދެކެއެވެ.
ނަތަންޔާހޫގެ ލާއިންސާނީ ސިޔާސަތުތަކަށް އޮތް ފާޑުކިޔުން
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ އެމެރިކާގެ ރައްޔިތުންގެ މެދުގައި އަގު ވެއްޓިފައިވާ މީހެއް ކަމަށް ދައްކައެވެ. ހަމައެކަނި 20 ޕަސެންޓް މީހުން އޭނާއަށް ތާއީދު ކުރާއިރު، 38 ޕަސެންޓް މީހުން އޭނާގެ އަނިޔާވެރި އަމަލުތަކާ ދެކޮޅެވެ.
ނިއުޔޯކް ސިޓީގެ މޭޔަރު ޒުހްރާން މަމްދާނީ ފަދަ ފަރާތްތަކުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލުމުން، އެމެރިކާގެ ޒުވާނުންނާއި އިސްފަރާތްތަކުގެ މެދުގައި އިސްރާއީލުގެ އަސްލު ސޫރަ ދަނީ ހާމަވަމުންނެވެ. އިސްރާއީލުން ގެންދަނީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ބެލުމެއްނެތި، ފަލަސްތީނުގެ ރައްޔިތުންގެ ފުރާނައާ ކުޅެމުންނެވެ.





