azhar
azhar

ދީނާއި ސަގާފަތަށް އިހުތިރާމް ކުރާ އިންސާނީ ހައްގުތަކުގެ އެއްބަސްވުމެއް އޮތުން މުހިންމު: އަޒުހަރު

އެކި މުޖުތަމައުތަކުގެ ސަގާފީ އަދި ދީނީ ކަންކަމަށް އިހުތިރާމްކުރާ އިންސާނީ ހައްގުތަކުގެ ބައިނަލްއަގްވާމީ އެއްބަސްވުމެއް އޮތުން ވަރަށް މުހިންމު ކަމަށް އަޒްހަރުގެ އިމާމުލްއަކްބަރު ޑރ. އަހްމަދު އައްތައްޔިބު ވިދާޅުވެއެވެ. އަދި އިންސާނީ ހައްގުތަކުގެ ނަމުގައި ގައުމުތަކުގެ މައްޗަށް ވަކި އަގުތަކެއް ލާޒިމްކުރުމަށް ނުވަތަ އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ބަހަނާއެއްގެ ގޮތުގައި ބޭނުންކުރުމާ ވެސް ދެކޮޅު ހައްދަވާ ކަމަށް ވިދާޅުވިއެވެ.

ޑރ. އަޙުމަދު އައްތައްޔިބު މި ވާހަކަފުޅުތައް ދެއްކެވީ ގާހިރާގައި ފްރާންސްގެ އިންސާނީ ހައްގުތަކާ ބެހޭ އެމްބެސެޑަރު އިޒަބެލް ރޯމް އިމާމުލްއަކްބަރަށް ކުރެއްވި އިޙުތިރާމްގެ ޒިޔާރަތުގައެވެ. ދެ ބޭފުޅުން ވަނީ އިންސާނީ ހައްގުތަކާއި، އަސާސީ މިނިވަންކަމާއި، މި މައްސަލައިގައި އިރުމަތީ އަދި ހުޅަނގުގެ ވިސްނުންތަކުގައި ހުރި ތަފާތުތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

އިމާމުލްއަކުބަރު ވިދާޅުވީ އިންސާނީ ހައްގުތަކާމެދު އިރުމައްޗާއި ހުޅަނގުގެ ދެމެދުގައި ބޮޑެތި ފަރަގުތަކެއް އެބަހުރި ކަމަށާއި، ބައިނަލްއަގްވާމީ ފެންވަރުގައި ޕްރޮމޯޓްކުރާ އިންސާނީ ހައްގުތަކަކީ ހުރިހާ ހަޟާރާތަކުންވެސް ވެސް ގަބޫލުކުރާ އަގުތަކެއްގެ މައްޗަށް ބިނާވެފައިވާ ހައްގުތަކަކަށް ވާންޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބާރުއަޅާ ހައްގުތަކަކީ އިރުމައްޗާއި ހުޅަނގުގެ ދެ ސިވިލައިޒޭޝަނުން އެއްބަސްނުވާ ކަމެއްނަމަ، އެއީ އެހެން މީހުންގެ މައްޗަށް ލާޒިމްކުރާ ކަންތައްތަކަކަށްވެގެން ނުވާނެ. އަދި، އިންސާނީ ހައްގުތައް މެދުވެރިކޮށް އެހެން މީހުންގެ ދިރިއުޅުމުގެ ކަންކަމާއި، އާދަދަކާދައާއި އަދި އަގީދާތަކުގެ ތެރެއަށް ވަންނަ ދޮރަކަށް ވެގެންވެސް ނުވާނެ،" ޑރ. އައްތައްޔިބު ވިދާޅުވިއެވެ.

ޝެއިޚުލްއަޒުހަރު އިތުރަށް ވިދާޅުވީ ސައިންޓިފިކް ކުރިއެރުންތަކާއި ސިވިލައިޒޭޝަންގެ ކުރިއެރުމުން ހަނގުރާމަތަކާއި، އަޅުވެތިކަމާއި، ފިތުނަފަސާދަތައް ނިމުމަކަށް އަންނާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރި ނަމަވެސް، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ވެސް ބައެއް އިންސާނުން ދަނީ އެންމެ އަސާސީ ހައްގުތައް ހޯދުމަށް ގަދައަޅައި މަސައްކަތްކުރަމުން ކަމަށެވެ.

"މިހާރުގެ ސައިންޓިފިކް ކުރިއެރުމާ އެއްވަރަށް އިންސާނިއްޔަތު ކުރިއަރާފައެއް ނުވޭ. އޭގެ ބަދަލުގައި، އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އިންސާނީ ހައްގުތަކުގެ އަސާސް ކަމުގައިވާ ހަމަހަމަކަމުގެ އަގުތައް ދުވަހަކަށް ވުރެން ދުވަހެއް ދަށަށް ދާ މަންޒަރު،" ޝެއިޚުލްއަޒުހަރު ވިދާޅުވިއެވެ.

އައްތައްޔިބު އިތުރަށް ވިދާޅުވީ އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމާއި، އަނިޔާވެރިކަމާ ދެކޮޅަށް ނިކުތުމާއި، އިސްތިއުމާރާ ދެކޮޅަށް މަސައްކަތް ކުރުންފަދަ ފަދަ އަސާސީ މައުޟޫއުތަކާމެދު ދުނިޔެ މިހާރު އޮތީ އޮޅުންބޮޅުންވެފައި ކަމަށެވެ. އަދި ހުޅަނގުގައި ހައްގުތަކެއް ކަމަށް ބަލާ ބައެއް ކަންކަމަކީ ދުނިޔޭގެ އިރުމަތީ ބިތުގައި އާއިލީ އަގުތަކަށް އޮތް ބިރެއްގެ ގޮތުގައި ދެކޭ ކަންކަން ކަމަށެވެ.

ޝެއިޚުލް އަޒުހަު ގޮވާލެއްވީ ދީނީ ތައުލީމާއި އަޚްލާގީ އަގުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންސާނީ ހައްގުތަކާމެދު އެއްބަސްވުމަކަށް އައުމަށް އަލުން ވާހަކަދެއްކުމަށެވެ. އަލްއަޒްހަރުގެ އިމާމް ވަނީ ފިތުނަވެރި ކަންކަމަށް ޒިންމާވާންޖެހެނީ ދީންތައް ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވާފައެވެ. އަދި މައްސަލައަކީ ހަނގުރާމަތަކާއި އިންސާނީ ހައްގުތަކާ ޚިލާފުވުމުގެ އމަލުތައް ހުއްދަކުމަށް ދީން ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް ވިދާޅުވިއެވެ.

ޣައްޒާގެ ހަނގުރާމައަކީ މިކަމުގެ ސާފު މިސާލެއްކަން ފާހަގަކުރައްވައި، ބައިނަލްއަގްވާމީ މުޖުތަމައުގެ އިސްކަމަކަށް ހަދަންވީ ހަނގުރާމަތައް ހުއްޓުވުމާއި، މީހުންގެ ބިންތައް ފޭރިގަތުން ހުއްޓުވުމާއި، އެހެން މުޖުތަމައުތަކުގެ އަގުތަކާއި ސަގާފަތްތަކާ ޚިލާފުވާ ވައްޓަފާޅިތައް މަޖުބޫރުކޮށް ލާޒިމްކުރުމަށް ކުރާ މަސައްކަތްތަކާ ދެކޮޅު ހެދުން ކަމަށް ޝެއިޚުލްއަޒުހަރު ވިދާޅުވިއެވެ.

އައްތައްޔިބު ވިދާޅުވީ އިންސާނީ އަޚްވަންތަކަން ކުރިއެރުވުމަށް އޮތް އެންމެ ވަރުގަދަ ބިންގަލަކީ ދީން ކަމަށާއި، 2019 ވަނަ އަހަރު އަލްއަޒްހަރުގެ މުއައްސަސާއާއި ޕޯޕް ފްރާންސިސް ސޮއިކުރެއްވި "ޑޮކިއުމަންޓް އޮން ހިއުމަން ފްރެޓަރނިޓީ" އަކީ ދީނީ ތަފާތުތަކަށްވުރެ މަތީގައިވާ އާންމު އަޚްލާގީ އުސޫލުތަކުގެ މިސާލެއް ކަމަށެވެ.

ޝެއިޚުލްއަޒުހަރު ވަނީ މިސްރުގެ "ފެމިލީ ހައުސް" ގެ ތަޖުރިބާ މިސާލަކަށް ދައްކަވާފައެވެ. މިއީ އަލްއަޒްހަރުގެ ޢިލްމުވެރިންނާއި ނަސާރާއިންގެ ފައްޅިތަކުގެ ލީޑަރުން އެކުވެގެން އުފައްދާފައިވާ ގުޅިފައިވާ އިދާރާއެއް ކަމަށް ވިދާޅުވިއެވެ. އދި ފެމިލީ ހައުސްއަކީ، މިސްރުގައި ދިރިއުޅޭ އެކި ދީންތަކުގެ މީހުންގެ މެދުގައި އެކުވެރިކަމައި އެއްބަިއވަންތަކަން ވަރުގަދަކޮށް ފިތުނަވެރިކަން ކުޑަކުރުމަށް އެހީތެރިވެދޭ މަރުކަޒެއް ކަމަށް ވިދާޅުވިއެވެ.

ފްރާންސްގެ އެމްބެސެޑަރު ރޯމް ވަނީ ޚިޔާލު ބަދަލުކުރުމާއި، އެކުގައި ދިރިއުޅުމާއި، ދުނިޔޭގެ ސުލްހަ ކުރިއެރުވުމުގައި އަލްއަޒްހަރު އަދާކުރާ ދައުރަށް ތައުރީފު ކުރައްވާފައެވެ. އަދި އިންސާނީ ހައްގުތަކަކީ މީހުން އެކަތިގަނޑަކަށް ހަދަންޖެހޭ އެއްޗެއް ކަމަށާއި ބައިބައިކުރަންޖެހޭ އެއްޗެއް ނޫން ކަމަށް ވިދާޅުވިއެވެ.

އެކަމަނާ ވަނީ ބައެއް މުޖުތަމައުތަކުގައި ގަބޫލުނުކުރެވޭ އަގުތަކެއް ޕްރޮމޯޓްކުރަން ހުޅަނގުގެ ގައުމުތަކުން މަސައްކަތްކުރާ ކަމަށް ބުނެ ކުރާ ފާޑުކިޔުންތައް ގަބޫލުކުރައްވައިފައެވެ. އަދި އެފަދަ އުސޫލުތަކަކީ 1948 ވަނަ އަހަރުގެ އިންސާނީ ހައްގުތަކުގެ ބައިނަލްއަގްވާމީ މުއާހަދާގެ މަގްސަދު ނޫންކަމަށް ވެސް ވިދާޅުވެފައެވެ.

ރޯމް ވިދާޅުވީ ސަގާފީ އަދި ދީނީ ތަފާތުތަކަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށާއި، ހަމައެއާއެކު އެންމެންނަށްވެސް އަސާސީ ހައްގުތައް ލިބިގެންވާކަން ކަށަވަރުކުރަންޖެހޭނެ ކަމަށެވެ. މީގެ ތެރޭގައި އެމީހެއްގެ އަގީދާއަށް އަމަލުކުރުމާއި އިޖުތިމާއީ އަގުތައް ދެމެހެއްޓުމުގެ މިނިވަންކަން ހިމެނެއެވެ.

މިސްރުގެ ފެމިލީ ހައުސްގެ އިސްނެގުމަށް ތައުރީފު ކުރައްވައި، މިއީ ހަމަހަމަކަމާއި، މިނިވަންކަމާއި، ދެފަރާތުގެ ވިސްނުމުގެ މައްޗަށް ބިނާވެފައިވާ އަޚްވަންތަކަމުގެ ނަމޫނާއެއް ކަމަށް ރޯމް ސިފަކުރެއްވިއެވެ. އަދި މިއީ މުޖުތަމައުތަކުގެ މެދުގައި އޮންނަ ނުރަނގަޅު ތަސައްވުރުތަކާއި އޮޅުންތައް ފިލުވުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!