ސްލޮވާކިއާގެ ފަރުބަދަމަތީގެ ހިމޭންކަމުގެ ތެރޭގައި އޮތް ވިލްކޮލިނެކް އަކީ، ޓޫރިސްޓު ބްރޯޝާތަކުން ފެންނަފަދަ ރީތި އަވަށެކެވެ. 1993 ވަނަ އަހަރު ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި މި އަވަށް ހިމެނުމާއެކު، މިއީ ފަތުރުވެރިންގެ މަންޒިލަކަށް ވިއެވެ. މި ރަށުގެ އާބާދިއަކީ އެންމެ 17 މީހުންނެވެ. ނަމަވެސް މިއަދު މި ރަށުގެ 17 ދާއިމީ ރައްޔިތުން ތިބީ ޔުނެސްކޯގެ ތަރިކައިގެ ލިސްޓްގައި ހިމެނުނީތީ ދެރަވެފައެވެ. އެމީހުންގެ ކުޑަކުޑަ ހަމަހިމޭން ދިރިއުޅުން، ކޮންމެ އަހަރަކު އެއްލައްކަ ފަތުރުވެރިންގެ ފައިތިލައިގެ ދަށުގައި މިވަނީ ފުނޑިގެން ގޮސްފައެވެ.
އުމުރުން 68 އަހަރުގެ އެންޓަން ޒަބޫކާގެ ގެއަކީ މިހާރު ޓޫރިސްޓުންނަށް ހުޅުވާލެވިފައިވާ މިއުޒިއަމެއް ނޫނެވެ. އޭނާގެ ގޭގެ ފާރުތަކުގައި މިހާރު ފެންނަން ހުރީ "ވަދެގެން ނުވާނެ!"، އަދި "ފޮޓޯ ނެގުން މަނާ" އަދި "މިއީ އަމިއްލަ ތަނެއް" މިހެން ލިޔެފައިވާ ބޯޑުތަކެވެ. އެންޓަން ބުނާ ގޮތުގައި، ވިލްކޮލިނެކްގެ އަސްލު ސަގާފަތް މިހާރު ވަނީ ގެއްލިފައެވެ. "މިތަން މިހާރު މިއީ ހަމައެކަނި ފަތުރުވެރިންނަށް ދައްކަން ޖައްސާފައިވާ ސްޓޭޖެއް ފަދަ ތަނެއް،" އޭނާ ހިތާމަޔާއެކު ބުންޏެވެ.
ތަރައްގީގެ ވާދައިގައި ތާށިވެފައި
މި އަވަށުގެ މަގުތަކަކީ ޒަމާނުއްސުރެ ހަނި ކޮށް އޮންނަ މަގުތަކެކެވެ. އެތަނަށް އެއް ލައްކަ މީހުން ޖަމާވުމުން އުފެދޭ މައްސަލަތައް އިންތިހާއަށް އިތޔުރު ވެފައި ވެއެވެ. ޕާކިންއަށް ޖާގަ ނެތުމާއި، ފާޚާނާތައް ނެތުމުން ފަތުރުވެރިން އަމިއްލަ މީހުންގެ ގޯތިތެރެއަށް ވަނުމަކީ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ތަކުލީފެވެ. ބައެއް ރައްޔިތުން ގޮވާލަނީ ޔުނެސްކޯގެ ލިސްޓުން އެ ރަށް އުނިކޮށް، އެމީހުންގެ ހަމަޖެހުން އަނބުރާ ހޯދައިދިނުމަށެވެ.
ސަރުކާރުގެ ވިސްނުން
އޮފިޝަލުން މި ހިޔާލާ ދެކޮޅެވެ. ސަރުކާރުން މަސައްކަތް ކުރަނީ ފަތުރުވެރިންގެ ލޯޑު ކުޑަކުރުމަށެވެ. ޕާކިން އޭރިއާތައް ހެދުމާއި، އާ ފާޚާނާތައް އެޅުމާއި، ސްކޫލްތަކާއި ފައްޅިތައް މަރާމާތުކޮށްގެން މި މައްސަލަ ހައްލުކުރެވޭތޯ އެމީހުން ދަނީ މަސައްކަތް ކުރަމުންނެވެ. ލިބޭ އުނދަގޫތަކުގެ ބަދަލެއްގެ ގޮތުން، ކޮންމެ ރައްޔިތަކަށް 400 ޔޫރޯ އަހަރަކު ލިބެއެވެ. އަދި ގެދޮރު މަރާމާތު ކުރަން އިތުރު އެހީ ވެސް ލިބެއެވެ.
ޓޫރިސްޓުންގެ ނަޒަރު
މިތަނަށް ޒިޔާރަތްކުރާ ބައެއް ފަތުރުވެރިން ވެސް ގަބޫލުކުރަނީ މީހުންގެ ތޮއްޖެހުން އިންތިހާއަށް ގޮސްފައިވާ ކަމަށެވެ. "މީހުންގެ އާންމު ދިރިއުޅުމުގެ ތެރެއަށް އަރައިގަނެވޭތީ ހިތާމަކުރަން،" ފަތުރުވެރިއަކު ބުންޏެވެ. ވިލްކޮލިނެކްގެ 17 މީހުންގެ އާބާދީގެ ވާހަކައަކީ، ތަރިކައަކާއި ޓޫރިޒަމާ ދެމެދު އޮތް ނާޒުކު ގުޅުމުގެ ހެއްކެކެވެ.





