ސަލްޠަނަތު އޮމާނުން ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމަށް ދެކޮޅު ހަދައިފި

ސަލްޠަނަތު އޮމާނުން އދ. އަށް އަންގާފައިވަނީ ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމަށް އެ ގައުމުން ތާއީދު ނުކުރާ ކަމަށެވެ. މިއީ ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ އުޅަނދުތަކުން ފީ ނެގުމަށް ބާރުއަޅަމުންދާ އީރާނާ އޮމާނާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދިދާނެ ކަމެއް ކަމަށް ބެލެވެއެވެ.

އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޮމާނުން ބުނެފައިވަނީ "ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރަށް ބޭނުންކުރާ ކަނޑުއޮޅިތަކުން ދަތުރުކުރުމުގެ ހައްގު ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ކަށަވަރުކޮށްދީފައިވާ" ކަމަށެވެ. އަދި އޮމާން މި ގާނޫނީ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރާނެ ކަމަށާއި، ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމަށް ތާއީދު ނުކުރާ ކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.

އައިއެމްއޯގައި އޮމާނުން ދެއްކި ވާހަކަތަކަކީ ޝިޕިންގ އިންޑަސްޓްރީއާއި، މެދުއިރުމަތީގެ ހަކަތަ އުފައްދާ ބޮޑެތި ކުންފުނިތަކާއި، އަދި ހުޅަނގުގެ ގައުމުތަކުގެ ވިސްނުމާ އެއްގޮތް ވާހަކަތަކެކެވެ. ނަމަވެސް، ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާއި ސަލާމަތާއި ތިމާވެށި ރައްކާތެރިކުރުމަށްޓަކައި، ކަނޑު ދަތުރުފަތުރަށް އެހީތެރިވާ ޚިދުމަތްތަކާ ގުޅޭގޮތުންއަމިއްލަ އިހުތިޔާރުގައި ކުރެވޭ އިންތިޒާމުތަކެއް ހަމަޖެއްސުމާމެދު މަޝްވަރާކުރުމުގެ ފައިދާތައް އޮތް ކަމަށް އޮމާނުން ފާހަގަކޮށްފައިވެއެވެ.

އޮމާނުން ބުނާ ގޮތުގައި، މިފަދަ އިންތިޒާމުތައް ބިނާވެގެންވާނީ އެހެން ކަނޑުއޮޅިތަކުގައި ކާމިޔާބުކަމާއެކު ތަޖުރިބާކޮށްފައިވާ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކުގެ މައްޗަށެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނުގައި ހަނގުރާމަ ފެށުނު ފަހުން، ހޮރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް އީރާނުން ދަޢުވާކޮށް، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް އީރާނުގެ އައްސޭރިފަށާ ކައިރިން ދަތުރުކުރަން މަޖުބޫރު ކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ. އެމެރިކާއިން ވަނީ އޮމާން ކައިރިން ދަތުރުކުރާ އެހެން މަގެއް ހިޔާރުކޮށް، އެ މަގުން ދަތުރުކުރާ އުޅަނދުތައް ހިމާޔަތްކުރުމަށް މަސައްކަތް ކޮށްފައެވެ.

މިދިޔަ މަހުގެ ފަހުކޮޅު "ބްލޫމްބާގް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް އެނބުރި ދިއުމުގެ ފުރުސަތު ކުޑަކަމަށާއި، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނަގަން ޖެހިދާނެ ކަމަށް އޮމާނުން ޔޫރަޕްގެ އޮފިޝަލުންނަށް އަންގާފައިވެއެވެ. ނަމަވެސް ބުރާސްފަތި ދުވަހު އައިއެމްއޯގައި އޮމާނުން ވަނީ، ހުރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން ކުރިއަށް އޮތްތަނުގައި ހަދާ ކޮންމެ އެއްބަސްވުމެއް ވެސް ވާންވާނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ފްރޭމްވޯކުގެ ތެރޭގައި ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

ހިއްސާ ކުރައްވާ!