މީސްމީޑިއާގައި މަސްކެއުމަށް ދެވި ހިފާފައިވާ ބަޔަކަށް އެހެން މީހުން ދީނަށް ވެއްދުމަށް ހުސްވަގުތު ލިބޭނީ ކޮންއިރަކު ހެއްޔެވެ؟

އުޒްބެކިސްތާނުގައި މެޑިކަލް ދާއިރާއިން ކިޔަވަމުންދިޔަ ކެރަލާގެ 21 އަހަރުގެ ދަރިވަރު ސަވަރިއާ ބަސަންތުގެ ފުރާނަ ދިޔައީ އޭނާގެ ކުލާހުގެ ކުއްޖެއް ކަމަށްވާ ސަދަރުލްއަނާމްގެ އަތުންނެވެ. މި ހާދިސާއާ ގުޅިގެން ސަވަރިއާގެ އާއިލާއިން ކުރާ ތުހުމަތުތައް ވަރަށް ސާފެވެ. އެއީ އިސްލާމް ދީނަށް އެމީހުންގެ ދަރި ވެއްދުމަށް އެ ޒުވާނާ ކުރިމަތި ކުރުވި ފިއްތުންތަކެއްގެ ތެރެއިން ހިނގި އަނިޔާވެރި މަރެކެވެ.

މި ހިތާމަވެރި ހާދިސާ އިންޑިއާގެ މީޑިއާގައި ސިފަކުރަމުންދަނީ އެ ގައުމުގައި އާންމުވެފައިވާ "މުސްލިމުންނާ މެދު ހިންދީންގެ ހިތުގައި އޮންނަ ބިރުވެރިކަމުގެ" ނަޒަރުންނެވެ. އެހެންނަމަވެސް، މިއީ ހަމައެކަނި އެއް ހާދިސާއެއް ނޫނެވެ. މިއީ އިންޑިއާގެ މެޖޯރިޓީ ހިންދޫ ކޮމިއުނިޓީގެ ތެރޭގައި އޮތް، އިސްލާމޯފޯބިއާގެ ފުން ވިސްނުމެއްގެ ބައެކެވެ.

ތާރީޚީ ހަގީގަތާއި އިންޑިއާގެ "ވިކްޓިމް" މެންޓަލިޓީ

އިންޑިއާގެ ތާރީޚަށް ބަލާއިރު، އެ ގައުމު އެތައް ސަތޭކަ އަހަރު ވަންދެން މުސްލިމް ރަސްރަސްކަލުން ވެރިކަން ކުރެއްވިއެވެ. މުސްލިމުންގެ ވެރިކަމުގައި، އެމީހުން ބޭނުންވި ނަމަ އިންޑިއާގެ އެންމެހާ ރައްޔިތުން ގަދަބާރުން އިސްލާމް ދީނަށް ވެއްދުމުގެ ބާރު އެމީހުންނަށް އޮތީ ލިބިފައެވެ. އެހެންނަމަވެސް، މިއަދު އިންޑިއާ އޮތީ މުސްލިމް ގައުމެއްގެ ގޮތުގައެއް ނޫނެވެ. އެއީ އިންޑިއާގައި ވެރިކަން ކުރި މުސްލިމުންގެ ދީނީ ފިކުރާއި އެމީހުންގެ ތަސާމުހުގެ ސަގާފަތުގެ ހެއްކެކެވެ.

އެހެންނަމަވެސް، މިއަދުގެ އިންޑިއާގެ ހިންދޫ މެޖޯރިޓީގެ ތެރޭގައި އޮތީ މުޅިން ތަފާތު ބުއްދިއެކެވެ. ހީންދޫންނަށް ނުރައްކަލެއް ކުރިމަތިވާ ހިނދު އެމީހުންނަށް މުސްލިމުންގެ ބޮލުގައި އެކަން އެޅުވުމަކީ މިހާރު އާދައެކެވެ.

އިންޑޮނޭޝިއާގެ މިސާލު

އިންޑޮނޭޝިއާއަށް ބަލާލަމާ ހިނގާށެވެ. އިންޑޮނޭޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮތް ގައުމެވެ. ހިންދޫންނަކީ އެތަނުގެ މަދުބަޔަކަށް ވިޔަސް، އެމީހުންގެ ފައްޅިތަކާއި ސަގާފަތް އެހާ އަމާންކަމާއެކު ދެމި އޮވެއެވެ. އިންޑޮނޭޝިއާގެ ހިންދޫންގެ ތެރޭގައި "އަހަރެމެން މިތިބީ މުސްލިމުންނާ ހެދި ނުރައްކަލުގައޭ" ބުނެ ހަޅޭއް ލަވާތަނެއް ނުފެެނެއެވެ. ސަބަބަކީ އެމީހުންގެ ތެރޭގައި މެޖޯރިޓީގެ ބާރުވެރިކަން ބޭނުންކޮށްގެން މުސްލިމުން އަނެކާ ބިރުގަންނަވައިގެން ސިޔާސީ މަންފާ ހޯދުމުގެ ވިސްނުމެއް ނުގެންގުޅޭތީއެވެ.

އެއާ ޚިލާފަށް އިންޑިއާގައި ފެންނަނީ މުޅިން އިދިކޮޅު މަންޒަރެކެވެ. އިންޑިއާގައި އޮތީ ހިންދޫ މެޖޯރިޓީއެކެވެ. ވެރިކަމުގައި ތިބީ ކައްޓަރު ހިންދީންނެވެ. އެކަމަކުވެސް ހައިރާންވާން ޖެހޭ ކަމަކީ މި ހިންދޫންގެ ވާހަކަތަކުން އިވެނީ "ހިންދޫން ނުރައްކަލުގައި" (ހިންދޫ ޚަތްރޭމޭ!) ކިޔައި ގޮވާ ގޮވެއްޔެވެ. މިއީ ހަގީގަތުގައި އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރު ނެތުމުން އުފެދޭ ނަފްސާނީ މައްސަލައެކެވެ.

އުޒްބެކިސްތާނުގެ ހާދިސާ އާއި ނަފްރަތުގެ ވާހަކަ

ސަވަރިއާގެ މަރުގެ ހާދިސާއަކީ ވެސް މި ނަފްރަތުގެ ވައިރަސް އިންޑިއާގެ މީހުންގެ ބުއްދިއަށް ސަވާރުވުމުން ދިމާވެފައިވާ ކަމުގެ ހެއްކެކެވެ. އެތައް ތަނެއްގައި މުސްލިމުންނާ އެތަކެއް ހިންދޫން ކޮންމެ ދުވަހަކު ބައްދަލުވެ މުއާމަލާތުކޮށް ހަދައެވެ. އެހެނވެސް މީހުން ދީނަށް ވައްދަން ވާހަކަ ދައްކާ ވަރަށް ވުރެން މުސްލިމުން މިއަދު މިތިބީ މާބިޒީކޮށެވެ. މީސްމީޑިއާގައި ހުސްވަގުތުގައި މީހުންގެ މަސްކެއުމަށް ދެވި ހިފާފައިވާ ބަޔަކަށް އެހެން މީހުން ދީނަށް ވެއްދުމަށް އޮންނާނީ ކޮން ވަގުތެއ ްހެއްޔެވެ؟

މިފަދަ ހާދިސާތައް މީޑިއާއިން ފެތުރުމުގައި އިންޑިއާގެ ބުއްދި ބިނާވެފައި އޮންނަނީ، ކުށެއް ކުރި މީހާގެ ކުށަށްވުރެ ބޮޑަށް، އޭނާގެ ދީނީ ޝަޚުސިއްޔަތު ފާހަގަކޮށް، މުޅި މުސްލިމް އާބާދީއަކީ "ބިރުވެރި ބައެއް" ކަމަށް ދެއްކުމަށެވެ.

އިންޑިއާގެ ޑިމޮކްރަސީއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މުސްލިމުންނާ ހެދި ހިންދޫ ޚަތުރޭމޭ ތިބުމެއް ނޫނެވެ. އެއީ މެޖޯރިޓީގެ އަތުގައި އޮތް ބާރު ބޭނުންކޮށްގެން މައިނޯރިޓީއާ ދެކޮޅަށް އުފައްދާ ބިރުވެރިކަމުގެ މި ވިސްނުމެވެ.

ހިއްސާ ކުރައްވާ!