ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި، ހަގީގަތްތައް ހާމަވެ، އަގީދާއާއި އިސްލާމީ ޣީރަތްތެރިކަން ފައިދަށުލާ މަންޒަރު ފެނިގެން ހިނގައްޖެއެވެ. ނޭޓޯގެ ސަމިޓުގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި، އެމެރިކާގެ ފޮނިކަނޑާ ޓްރަމްޕް ދެއްކެވި ވާހަކަތަކަކީ އިސްލާމީ އުންމަތުގެ ހިތްތަކަށް ފުން ޒަޚަމެއް ލިބިގެންދިޔަ ވާހަކަތަކެކެވެ.
މި ބައްދަލުވުމުގައި ޓްރަމްޕް ފޮނިކަނޑަމުން ވިދާޅުވީ، އިސްރޭލަށް މިހާތަނަށް އެމެރިކާގެ އެއްވެސް ވެރިޔަކު ނުކޮށްދޭ ފަދަ ބޮޑު ސަހުޔޫނީ ޚިދުމަތެއް އޭނާ ކޮށްދެއްވާފައިވާ ކަމަށެވެ. ޓްރަމްޕްގެ މި "ފޮނިކެނޑުން" އިންތިހާއަށް ދިޔައިރު، ސޫރިޔާގެ ވެރިޔާ އިށީދެގެން އިންނެވީ، ޣީރަތްތެރިކަމެއް ނެތް "ތެތް ކުކުޅެއް" ފަދައިންނެވެ.
ޓްރަމްޕް އިތުރަށް ބުނީ، ސޫރިޔާގެ ސަރަހައްދެއް ކަމަށްވާ ގޯލާންގެ އުސްބިންތަކާއި، މުސްލިމުންގެ މުގައްދަސް ބިން ކަމަށްވާ ގުދުސް، އިސްރޭލަށް "ހަދިޔާ" ކުރީ އޭނާ ކަމަށެވެ. ގޯލާނަކީ 1973 ވަނަ އަހަރުގެ ހަނގުރާމައިގައި އިސްރޭލުން ހިފާފައިވާ ސޫރިޔާގެ ބިމެކެވެ. އަދި ގުދުސްއަކީ ފަލަސްޠީނުގެ ރައްޔިތުންގެ ލޭތަކުން ފަވާލެވިފައިވާ މުގައްދަސް ވެރިރަށެވެ. މިއީ ޓްރަމްޕްގެ އަމިއްލަ މައިންބަފައިންގެ ފަރާތުން ވާރުތަވި ބިމެއް ނޫނެވެ. އެހެންނަމަވެސް، ޓްރަމްޕް މި ބިންތައް ޔަހޫދީންނަށް ހަދިޔާ ކުރިކަމަށް ބުނީ އޭނާގެ އަމިއްލަ މުއްސަނދިކަން ދަމަހައްޓައިދޭ އަރަބި ޝެއިޚުންނާއި ބިލިއަން މުސްލިމުންނަށް އެއްވެސް ޖެހިލުމެއް ނެތިއެވެ.
މި ހުރިހާ ވާހަކަތަކެއް ސީދާ ޓްރަމްޕްގެ ދުލުން އަޑުއަހަން، އެއްވެސް ޖެހިލުމެއް ނެތި، ލަދެއް ނެތި ސޫރިޔާގެ ޖައުލާނީ ވެރިޔާ އިނުމަކީ، މިއަދުގެ އިސްލާމީ އުންމަތުގެ ހާލަތު ދައްކުވައިދޭ ހިތްދަތި މަންޒަރެވެ. އިއްޔެއާ ޖެހެންދެން "ޖިހާދު" ގެ ވާހަކަ ދައްކައި، ފަގުޑި އަޅައިގެން ކާފަރުންކަމަށް މީހުން ލޭބަލްކޮށް ކަރު ބުރިކުރަމުްނ އުޅުނު އައިސިސްގެ ޖައުލާނީގެ މުނާފިގުކަން މިވަނީ ދުނިޔޭގެ ކުރިމަތީގައި ބޭޒާރުވެފައެވެ.
މިއީ ހަމައެކަނި ސިޔާސީ ބައްދަލުވުމެއް ނޫނެވެ. މިއީ އުންމަތުގެ ލީޑަރުންގެ ޣީރަތްތެރިކަން ނެތިދިއުމުގެ ސަބަބުން، ޒަޔަނިސްޓުންގެ ފައިތިލަދަށަށް އިސްލާމީ ބިންތައް ދޫކޮށްލާފައިވާ ކަމުގެ ހެތްކެކެވެ. މުނާފިގުކަމުގެ މިފަދަ ހުތުރު އަމަލުތަކުން އުންމަތުގެ ހިތްތަކުގައި ރުޅިވެރިކަމާއި ނުތަނަވަސްކަން އިތުރުކުރަމުންދާއިރު، ސުވާލަކީ މުސްލިމުންގެ ޣީރަތްތެރިކަމާއި މުރުއްވަތްތެރިކަން ކބައި ހެއްޔެވެ؟






