ރަޝިއާގެ ވެރިރަށް މޮސްކޯގެ ލައިބްރަރީއެއްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި 'ރޮބާޓް' އާއި 'މެޓިލްޑާ' ނަމަކަށް ކިޔާ ދެ ރޮބޮޓަކީ ދެމަފިރިން ކަމަށް ކަނޑައަޅައި، އެ ދެ ރޮބޮޓްގެ ކައިވެނިކޮށްދީފިއެވެ.
ރަޝިއާގައި ފުރަތަމަ ފަހަރަށް ބޭއްވި ރޮބޮޓްތަކުގެ މި ކައިވެނީގެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދަނީ ވައިރަލްވަމުންނެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި، ކައިވެނީގެ މި ޚާއްސަ ހަފްލާގައި މި ދެ ރޮބޮޓް ނެށުމުގައި ވެސް ބައިވެރިވެފައިވެއެވެ.
މީގެ އިތުރުން، މި ކައިވެނީގެ ރަސްމިއްޔާތުގައި ރޮބޮޓްތަކަށް ކައިވެނީ ގެ އުޅާ ވެސް އަޅުވާފައިވެއެވެ.
މި ކައިވެނި ކުރި ރޮބޮޓްތަކުގެ ތެރެއިން 'ރޮބާޓް' ފަރުމާކޮށްފައިވަނީ އޮފީހުގައި މަސައްކަތްކުރާ މީހެއްގެ ގޮތަށާއި ބްލޮގަރެއްގެ ގޮތުގައެވެ. އަދި 'މެޓިލްޑާ’އަކީ ނެށުންތެރި ބެލެރީނާ ރޮބޮޓެކެވެ.







