ހުރްމޫޒް ކަނޑުއޮޅިއާ ގުޅިގެން އެމެރިކާއާ އެކު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާއާއެކު މަޝްވަރާކުރާ އީރާނުގެ އިސް ފަރާތް، މުޙައްމަދު ބާޤިރު ޤާލިބާފް އާދީއްތަ ދުވަހު ވިދާޅުވީ "އެއްފަރާތުން ކުރާ އެއްބަސްވުންތަކުގެ ޒަމާން މިހާރު ނިމިއްޖެ" ކަމަށެވެ.
އީރާނުގެ ޕާލަމެންޓްގެ ރައީސް ޤާލިބާފް އެމެރިކާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އެއްފަރާތުން ކުރާ އެއްބަސްވުންތަކުގެ ޒަމާން ނިމިއްޖެ. އަހަރުމެން ތިޔަ ފަރާތްތަކަށް ކުރިން ވެސް ބުނިން: ވެފައިވާ ވަޢުދާ އެއްގޮތަށް ކަންކަން ކުރާށޭ!، ނޫނީ އޭގެ އަގު އަދާކުރަން ޖެހޭނެ އޭ!. ޙަޤީޤަތް މިހާރު މިއޮތީ ދޮރުގައި ޓަކި ޖަހާފައި،" ކަމަށެވެ.
މި ޕޯސްޓާއެކު އޭނާ ވަނީ ޖޫން 18 ވަނަ ދުވަހު އެކުލަވާލި އިސްލާމްއާބާދު ފަހުމުނާމާގެ 5 ވަނަ މާއްދާގެ ފޮޓޯއެއް ޙިއްސާކުރައްވާފައެވެ. މި މާއްދާގައި ހިމެނެނީ ހުރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމާ ބެހޭ ކަންކަމެވެ. އެ ފޮޓޯގައި ފާހަގަކޮށްފައިވާ އިބާރާތުގައި ވަނީ "އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން އެކަމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސާނެ" ކަމަށެވެ.
ޤާލިބާފް މިހެން ވިދާޅުވެފައި މިވަނީ، ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ކާމިޔާބު މިސައިލް އާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ރައްދުގައި އެމެރިކާއިން ވަނީ އީރާނުގެ ދެކުނުގެ ސަރަހައްދުތަކުގައި ހުރި ރޭޑާ، މިސައިލް، އަދި ޑްރޯން މަރުކަޒުތަކަށް އަމާޒުކޮށް ތިންވަނަ ފަހަރަށް ހަމަލާތައް ދީފައެވެ.
އެމެރިކާގެ ސެންޓްކޮމްއިން ބުނާ ގޮތުގައި، އެމެރިކާއިން މި ހަމަލާތައް ދީފައިވަނީ ހުރްމޫޒް ކަނޑުއޮޅީގައި ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް އީރާނުން ހަމަލާދީ، އެ ކަނޑުއޮޅި ދަތުރުފަތުރަށް ބަންދުކުރިކަން އިއުލާން ކުރުމުންނެވެ.







