އެމެރިކާގައި ފެންބޮޑުވެއްޖެ؛ ކުއްލި ހާލަތު އިއުލާންކޮށްފި

އެމެރިކާގެ މިޒޫރީ ސްޓޭޓަށް މި ގަރުނުގައި ކުރިމަތިވި އެންމެ ބޯ ވާރޭގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތަކެއް ހިނގައިފިއެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓުކުރާ ގޮތުގައި، ވާރޭވެހުނު މިންވަރު 6 އިންޗިއާއި 12 އިންޗިއާ ދެމެދަށް އެރުމުގެ ސަބަބުން މަގުތަކާއި، ކޭމްޕް ކުރާ ސަރަހައްދުތަކާއި، ގިނަ އާބާދީތައް ވަނީ ފެނު އަޑީގައެވެ.

މި ހާދިސާގައި 90،000 އަށްވުރެ ގިނަ މީހުން ވަނީ ފެން ބޮޑުވުމުގައި ތާށިވެފައެވެ. ބައެއް މީހުން ފުރާނަ ސަލާމަތްކުރުމަށްޓަކައި ގެތަކުގެ ފުރާޅުތަކަށާއި، ގަސްތަކަށް އަރައި ރައްކާތެރިކަން ހޯދާފައިވެއެވެ.

ކޯރުތަކުގައި ފެންގަނޑު އުފުލި، ތާރީޚީ މިންވަރަކަށް، 29 ފޫޓަށް ފެންގަނޑު އުފުލިފައިވާއިރު، ފެންބޮޑުވި ސަރަހައްދުގައި ގިނަ ގެތަކެއް ވަނީ އޮޔާ ގޮސްފައެވެ. މި ހާލަތާ ގުޅިގެން މުޅި ސްޓޭޓްގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ފެންބޮޑުވުމުން ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހެލިކޮޕްޓަރާއި ބޯޓުތައް ބޭނުންކޮށްގެން ދަނީ ކުރަމުންނެވެ. އަދި ވާރޭ ނުހުއްޓި ވެހެމުންދާތީ، އިތުރަށް ފެންބޮޑުވުމުގެ ނުރައްކާ އޮތް ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ އިންޒާރު ދީފައެވެ.

ހިއްސާ ކުރައްވާ!