މެދުއިރުމަތީގައި އެމެރިކާގެ ސެންޓްކޮމް އިން އީރާނުގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައި، އީރާނުން އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ސީދާ ހަމަލާނުދީ، އަވަށްޓެރި އަރަބި ޤައުމުތަކުގެ ސަރަޙައްދުތަކަށް ހަމަލާ އަމާޒުކުރާ މައްސަލައަށް މުހައްލިލުން ވިދާޅުވަނީ އެއީ ވަރަށް ވިސްނުން ތެރިކަމާއެކު އީރާނުން ކުރިއަށް ގެންދާ ދިފާއީ ސިޔާސަތެއް ކަމަށެވެ.
1. އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ސީދާ ހަމަލާ ނުދެނީ ކީއްވެ؟
-
ބަދަލުހިފުމުގެ ބިރުވެރިކަން: އެމެރިކާގެ ސިފައިންނަށް ނުވަތަ މަނަވަރުތަކާއި އަސްކަރީ ކަނޑު އުޅަނދުތަކަށް ސީދާ ހަމަލާއެއް ދީފިނަމަ، ވޮޝިންޓަނުން ދޭނެ ރައްދު ހަމަލާ މާ ގެއްލުން ބޮޑުވެފައި ހަރުކަށިވާނެއެވެ. އެމެރިކާއިން ކުރިންވެސް ވަނީ އެމީހުންގެ ކަނޑުގެ ސިފައިންނަށް ގެއްލުމެއް ދީފިނަމަ ދޫނުކުރާނެކަމުގެ އިންޒާރު ދީފައެވެ.ނަމަވެސް އީރާނުން ވަނީ މަނަވަރުތައް ކައިރިއަށް މިސައިލް ހަމަލަތައް ދީފައެވެ.
-
ދިފާޢީ ވަރުގަދަކަން: އެމެރިކާގެ ކަނޑުގެ އަސްކަރީ އުޅަނދުތަކަކީ ޒަމާނީ ވައިގެ ދިފާޢީ ނިޒާމުތަކުން ރައްކާތެރިކުރެވިފައިވާ ތަންތަން ކަމަށްވުމުން، އެތަންތަނަށް ކާމިޔާބު ހަމަލާއެއް ދިނުމަކީ އީރާނަށް އަސްކަރީގޮތުން އުނދަގޫ ކަމެކެވެ. އަދި އެފަދަ ނާކާމިޔާބު ވާނެ ކަމަށް ބެލެވޭ ހަމަލައެެއް ދިނުމަކީ އީރާނަށް މިސައިލާއި ދްރޯން އިސްރާފް ކުރުމުގެ އަމަލަކަށް ވާނެއެވެ.
2. އޮލަނބަށް ދިފާއީ ރައްދު ހަމަލަތައް ދިނުމަކީ ކޮބާ؟
އީރާނުން މިހާރު ގެންގުޅޭ އަސްކަރީ ސްޓްރެޓެޖީ ބިނާވަނީ ދެ ކަމެއްގެ މައްޗަށެވެ:
-
ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލްކުރުން: ނުވަތަ އެތަނުގެ ދަތުރުފަތުރަށް ހުރަސްއެޅުން. އީރާނުން ވަނީ އީރާނަށް އެމެރިކާއިން އުދަނގޫ ކުރާނަމަ އެކަމުގެ އުދަގޫ މުޅި ދުނިޔެއިން އިހުސާސް ކުރަން ޖެހޭނެ ކަމަށް ވިސްނައި މުޅި ކަނޑު އޮޅިއަށް އީރާނުގެ ބިރު ދެއްކުން އޮތްކަން ސާބިތުކޮށްދޭން މަސައްކަތް ފަށާފައެވެ.
-
އަވަށްޓެރި ޤައުމުތަކަށް ޕްރެޝަރުކުރުން: އެމެރިކާއާ އެކު ސީދާ ހަނގުރާމައަކަށް ދިއުމުގެ ބަދަލުގައި، އެމެރިކާއަށް ވާގިވެރިވާ އަވަށްޓެރި ޤައުމުތަކަށް ހަމަލާދީ ނުވަތަ ބިރުދައްކައިގެން އެ ޤައުމުތަކާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ހީނަރުކޮށްލަން މަސައްކަތްކުރުމަކީ އީރާނަށް ފައިދާ އޮތް ކަމެކެވެ. މިއީ ސަރަޙައްދީގޮތުންނާއި ބައިނަލްއަޤްވާމީގޮތުން އީރާނުގެ ބާރު ޤަބޫލުކުރުވަން ކުރާ ކަމެކެވެ.
3. ސިޔާސީ އަދި އަސްކަރީ ޚިޔާލުތަފާތުވުންތައް:
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޢިރާޤްޖީ ޢުމާންގައި ޑިޕްލޮމެޓިކް މަޝްވަރާތަކެއް ކުރެއްވިތާ މާގިނައިރުތަކެއް ނުވަނީސް އީރާނުން އޮމާނަށް އަސްކަރީ ހަމަލާތަކެއް ދީފައިވެއެވެ. މިއީ އީރާނުގެ ސިޔާސީ ފަންތިއާއި އަސްކަރީ ފަންތިއާ ދެމެދު އޮތް ތަފާތުތަކެއް އޮތްކަން ދައްކުވައިދޭ ކަމެކެވެ. އަދި މިއީ ކޮންޓްރޯލުން ނެއްޓިފައިވާ ބައެއްގެ ހަމަލާތަކެއް ކަމަށް ބުނާ ބުނުމަކީ ޙަޤީޤަތެއް ނޫންކަމަށާއި، މިއީ މަތީ ލެވެލްގެ ނިންމުންތަކެއްކަން އޭގެ ޖިއޯޕޮލިޓިކަލް ނަތީޖާތަކުން އެނގެއެވެ. އީރާނުން އޮމާންގައި ހަމަލަ ދީފައި ވަނީ އެމެރިކާއިން ސިފައިންނަށް ބޭނުންވާ ސަޕްލައި ބަރުކުރާ މަރުކަޒަކަށެވެ. އަދި އަނެއް ހަމަލަ ދީފައި ވަނީ އޮމާނާއި އިންޑިއާއިން ގުޅިގެން ތެޔޮ ސާފުކުރާ މަރުކަޒަކަށެވެ.
4. ހުރްމުޒް ކަނޑުއޮޅީގެ މުހިންމުކަން:
އީރާނުގެ ލީޑަރުގެ މުޝީރު މުޙްސިން ރަޟާއީ ވިދާޅުވެފައިވާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅިއަކީ އީރާނުގެ "އެންމެ މުހިންމު ނިއުކްލިއާ ބޮން" އެވެ. އީރާނުން މިހާރު އެންމެ ބޮޑު ބާރެއް ދެނީ ނިއުކްލިއާ ނުވަތަ މިސައިލް ޕްރޮގްރާމަށްވުރެ ބޮޑަށް މި ކަނޑުއޮޅި ބަންދުކޮށްގެން ދުނިޔެއަށް ނުފޫޒު ފޯރުވުމަށެވެ. އެގޮތުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް، އުޅަނދުތަކަކަށް ހަމަލާދީފައެވެ.
މިހާރު އޮތް މަސްރަޙަށް ބަލާއިރު، އެއްވެސް ފަރާތަކުން ދޫދޭން ބޭނުންނުވާތީ، ކުޑަވެސް ނުބައި ހިސާބަކުން މުޅި ސަރަޙައްދު ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓުމުގެ ބިރު ވަރަށް ބޮޑެވެ. އީރާނުން މަސައްކަތްކުރަނީ މި ދަނޑިވަޅުގެ ބޭނުންހިފައި، ރައްޔިތުންގެ އެއްބައިވަންތަ ކަމާއެކު "އައު އީރާނެއް" ބިނާކޮށް އެތެރޭގެ މަސްރަޙު ވަރުގަދަކުރުމަށެވެ.





