ހުރްމުޒް ކަނޑުއޮޅި: އެމެރިކާގެ އަސްކަރީ ގުދަން ހުސްކޮށްލުމުގެ މަޅިއެއް

ހުރްމުޒް ކަނޑުއޮޅީގައި އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތައް މިހާރު ވަނީ ހަމައެކަނި އާދައިގެ ހަނގުރާމައަކުން ބޭރުވެ، ވޮޝިންގޓަނުގެ އަސްކަރީ ކާރުޚާނާތަކާއި ހަތިޔާރުގެ ރިޒާވް ހުސްކޮށްލާ ފަދަ ނުރައްކާތެރި މަޅިއަކަށް ބަދަލުވެފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ޔޫރަޕްގެ ޤައުމުތަކަށް ވައިގެ ދަތުރުފަތުރާއި ވިޔަފާރީގެ ދާއިރާއިން ބޮޑެތި މާލީ ގެއްލުންތައް އިތުރު ވަމުންދާއިރު، އީރާނުން ދަނީ މި ކަނޑުއޮޅީގެ ބޭނުން ހިފައިގެން ސަރަޙައްދީ ބާރުވެރިކަން ހޯދަމުންނެވެ.

އެމެރިކާ އަދި އިނގިރޭސިވިލާތުގެ ބޮޑެތި ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އެންމެ ޒަމާނީ އަދި އަގުބޮޑު ހަތިޔާރުތައް ދަނީ ވަރަށް ބާރަށް ހުސްވަމުންނެވެ.

"ވޮޝިންގޓަން ޕޯސްޓް" ނޫހުން ހާމަކޮށްފައިވާ ގޮތުގައި، އީރާނާއެކު ހިނގި ހަމަލާތަކުގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި އެމެރިކާގެ އެންމެ ޒަމާނީ ބެލިސްޓިކް މިސައިލް ދިފާޢީ ނިޒާމު ކަމަށްވާ "ތާޑް"ގެ މިސައިލްތަކުގެ 40 އިންސައްތަ ވަނީ ބޭނުންކޮށް ހުސްވެފައެވެ. މިފަދަ އަގުބޮޑު މިސައިލްތައް އަލުން އުފައްދައި ރިޒާވް ފުރާލުމަށް އެތައް އަހަރެއް ނަގާނެ ކަމަށް މާހިރުން ބުނެއެވެ.

މިކަމުގެ ސަބަބުން އެމެރިކާގެ ދިފާއީ ވުޒާރާއިން ދަނީ އެމީހުންގެ އަސްކަރީ އުކުޅުތައް އަލުން މުރާޖަޢާ ކުރަމުންނެވެ. އީރާނުން ފޮނުވާ އަގުހެޔޮ ޑްރޯންތަކާއި މިސައިލްތައް ހުއްޓުވުމަށް އެތައް މިލިއަން ޑޮލަރެއްގެ މަތީ ފެންވަރުގެ ތިޔާރު ބޭނުންކުރުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫންކަން އެމެރިކާއަށް މިހާރު ވަނީ ވިސްނިފައެވެ. ޚާއްޞަކޮށް ޗައިނާ އަދި ރަޝިޔާގެ ނުރައްކާ އޮތް ދަނޑިވަޅެއްގައި މިފަދަ ހަފުސްކޮށްލުމަކާ ކުރިމަތި ލުމަކީ އެމެރިކާއަށް އޮތް ބޮޑު ބިރެކެވެ.

ޔޫކޭގެ "ޓައިމްސް" ނޫހުން ބުނާ ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުންވެސް މިހާރު ދަނީ މި ހަނގުރާމައިން ސަލާމަތްވާނެ ގޮތަކާ މެދު ސުވާލު އުފައްދަމުންނެވެ. ހަނގުރާމަ ދިގުލައިގެން ދިއުމާއި ހަކަތައިގެ އަގުތައް އުފުލުމަކީ ކުރިއަށް އޮތް މިޑް-ޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ މަޤްބޫލުކަން ކުޑަވެދާނެ ކަމެކެވެ. ޓްރަމްޕަށް މިހާރު އޮތީ ތިން ގޮތެކެވެ:

  1. އަސްކަރީ ބާރު އިތުރުކޮށް ހަނގުރާމަ ފުޅާކުރުން.
  2. އީރާނާއެކު އަލުން މަޝްވަރާގެ މޭޒަށް ދިއުން.
  3. އީރާނަށް ސަރަޙައްދީ ބާރުވެރިކަން ދޭ ފަދަ އެއްބަސްވުމަކަށް އައުން.

ޔޫކޭގެ "ފައިނޭންޝަލް ޓައިމްސް" އިން ރިޕޯޓްކުރާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ ބޯޓުފަހަރުގެ އިންޝުއަރެންސް ފީ ވަނީ ބޯޓުގެ އަގުގެ 7 އިން 8 އިންސައްތައަށް މަތިވެފައެވެ. މީގެ އިތުރުން، އެ ސަރަޙައްދުން ދަތުރުކުރާ ކަލާސީންނަށް ދޭ މުސާރަ ވަނީ ދެގުނަ ނުވަތަ ތިންގުނައަށް ބޮޑުކުރަން ޖެހިފައެވެ. ގިނަ ކުންފުނިތަކުން މިހާރު ނިންމަނީ ނުރައްކަލަށް ހުށަހެޅުމުގެ ބަދަލުގައި ބޯޓުފަހަރު ދަތުރު ނުކޮށް ބޭއްވުމަށެވެ.

ސަރަޙައްދީ އަސަރުތައް ނަތީޖާ
އެމެރިކާގެ ސިފައިން.       16 ދުވަހުން 40% "ތާޑް" މިސައިލް ހުސްވުން
ކަނޑުގެ ދަތުރުފަތުރު އިންޝުއަރެންސް ފީ 8% އަށް މަތިވުން
ޔޫރަޕްގެ އިޤްތިޞާދު ހަކަތައިގެ އަގު މަތިވުމާއި ހަތިޔާރުގެ ދަތިކަން ކުރިމަތިވުން.      

އެމެރިކާގެ "ވޯލް ސްޓްރީޓް ޖާނަލް" އިން ފާހަގަކުރާ ގޮތުގައި، އީރާނުން މި ހަނގުރާމައާއި ހަމަލަތައް ދެކެނީ ވަގުތީ ދެބަސްވުމެއްގެ ގޮތުގައެއް ނޫނެވެ. އެމީހުންގެ ބޭނުމަކީ މުޅި ސަރަޙައްދުގެ އިޤްތިޞާދީ އަދި ސިޔާސީ ކޮންޓްރޯލް ހޯދުމެވެ. ފާރިސީ ގަލްފްގެ ޤައުމުތަކުން ތެލާއި ގޭސް ބޭރުކުރަން ހުރްމުޒް ކަނޑުއޮޅިއަށް ބަރޯސާވާންޖެހޭތީ، އީރާނުން ބޭނުންވަނީ ދުނިޔޭގެ ވިޔަފާރި އެމީހުންގެ ސިޔާސީ ރަހީނެއްގެ ގޮތުގައި ބޭއްވުމަށެވެ. މާނައަކީ އީރާނަށް އެމެރިކާއިން ގެއްލުން ދޭނަމަ އެކަމުގެ އަސަރު ގަލްފްގެ އަރަބިންނާއި ޔޫރަޕާއި ދުނިޔެއިންވެސް އިހުސާސް ކުރަން ޖެހޭނެއެވެ.

މި ހުރިހާ ކަމެއްގެ ބޮޑު އަގު ދައްކަންޖެހެނީ ޔޫރަޕަށެވެ. ޔޫރަޕަށް ހަކަތައިގެ އަގު ބޮޑުވުމުގެ އިތުރުން، ޔޫކްރެއިން ހަނގުރާމައަށް ބޭނުންވާ އެމެރިކާގެ އަސްކަރީ އެހީތެރިކަން މަދުވެދާނެ ކަމުގެ ބިރުވެރިކަން މިހާރު ވަނީ އުފެދިފައެވެ.

ހިއްސާ ކުރައްވާ!