ދެކުނު އޭޝިއާގެ ތާރީޚުގައި އެންމެ އުމުރު ކުރު މިނިވަން ދައުލަތް

އިންޑިއާާއި ޕާކިސްތާން އުފެދުމުގެ ހަތަރު ދުވަސް ކުރިން، 11 އޮގަސްޓް 1947 ގައި، "ޚާނޭޓް އޮފް ކަލާތު" (މިއަދުގެ ބަލޮޗިސްތާން) އިން މިނިވަންކަން އިޢުލާންކުރިއެވެ. ނަމަވެސް އެ މިނިވަންކަން ދެމިއޮތީ އެންމެ ހަތް މަސް ދުވަހަށެވެ.

މާރޗް 1948 ގައި ޕާކިސްތާނުގެ ސިފައިން އިނގިރޭސިންގެ އެހީތެރިކަމާއެކު އެ ސަރަހައްދު މަޖުބޫރުން ހިފެހެއްޓިއެވެ. މިއީ ދެކުނު އޭޝިޔާގެ ތާރީޚުގައި އެންމެ ކުރު އުމުރުގެ މިނިވަން ދައުލަތެވެ.

ބަލޮޗިސްތާނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ބުނާ ގޮތުގައި، މިއަދުގެ ހަމަނުޖެހުންތަކުގެ މޫތައް ގުޅިފައިވަނީ އެ ތާރީޚީ ބޭއިންސާފާއެވެ. ބަލޮޗިސްތާނަކީ ގުދުރަތީ ގޭހާއި މައުދަނުން ނުހަނު މުއްސަނދި ބިމެކެވެ. ސުއީ އަދި ދޭރާ ބުގްތީއިން ނަގާ ގޭހުން މުޅި ޕާކިސްތާނަށް ެއޭގެ ފައިދާކޮށް އުދުންތައް ރޯވެމުން ދާއިރު، އެ ބިމުގެ އަހުލުވެރިން ތިބީ ފަގީރުކަމާއި ނިކަމެތިކަމުގައެވެ.

2006 ގައި ބަލޮޗް ލީޑަރު ނަވާބް އަކްބަރު ބުގްތީ އަސްކަރީ އޮޕަރޭޝަނެއްގައި ޕަރުވޭޒް މުޝައްރަފްގެ ވެރިކަމުގައި އަވަހާރަކޮށްލައި، އާއިލާއަށްވެސް ނޭންގި ސިއްރުން ފަސްދާނުލީ ހިސާބުން ފެށިގެން، ހަތިޔާރު އެޅި ހަރަކާތްތަކާއި ސުލްހަވެރި މުޒާހަރާތައް ވަނީ މުޅި ސަރަހައްދަށް ފެތުރިފައެވެ.

މަޖުބޫރުން މީހުން ނިޒާމުން ގެއްލުވާލުމާއި، އެކްޓިވިސްޓުން މަރާލުމުގެ ސިޔާސަތެއް ސިފައިން ގެންގުޅޭ ކަމަށް އިދިކޮޅުގެ ރިޕޯޓުތައް ބުނެއެވެ. ބަލޮޗް ރައްޔިތުން ކުރަމުންދާ ހަނގުރާމައަކީ، ހަމައެކަނި ސިޔާސީ ހައްގުތަކެއްގެ ހަނގުރާމައެއް ނޫނެވެ، އެއީ އެމީހުންގެ އަމިއްލަވަންތަކަމާއި ކަރާމާތް ސަލާމަތްކުރުމުގެ ދިގު ޖިހާދެކެވެ.

ހިއްސާ ކުރައްވާ!