އެމެރިކާގެ ކެލިފޯނިއާގެ "ޝްމިޑް އޯޝަން އިންސްޓިޓިއުޓް" ގެ ދިރާސާވެރިން، ކަނޑުގެ ފުނުގައި ދިރިއުޅޭ، ބޯ ސާފުކޮށް އެތެރެ ފެންނަ އަދި ލޯ ދިއްލޭ ވަރަށް ނާދިރު މަހެއްގެ ފުރަތަމަ ވީޑިއޯ ރެކޯޑިންގްސް ގުދުރަތީ މާހައުލުން ހޯދައިފިއެވެ.
މި މަސް ފެނިފައިވަނީ ކަނޑުގެ 710 މީޓަރު (ގާތްގަނޑަކަށް 2،300 ފޫޓު) ފުނުން އިރުގެ އަލި ވަރަށް ފަނޑުކޮށް ފޯރާ ހިސާބަކުންނެވެ. "ވިންޓީރިއާ ޓެލެސްކޯޕާ"ގެ ނަމުން ނަންދެވިފައިވާ މި އާދަޔާޚިލާފު މަސް ކެމެރާއަށް އަރާފައިވަނީ އެޓްލާންޓިކް ކަނޑުގެ އެންމެ މަދުން ދިރާސާކުރެވިފައިވާ "ޑޯލްޑްރަމްސް" ސަރަޙައްދަށް ކުރި އެއް މަސް ދުވަހުގެ ދަތުރެއްގައެވެ. މި މަސް ހޯދާފައިވަނީ "ސުބާސްޓިއަން" ނަމަކަށް ކިޔާ ރިމޯޓް އޮޕަރޭޓަޑް ވެހިކަލް އެއް ބޭނުންކޮށްގެންނެވެ.
ޝްމިޑް އޯޝަން އިންސްޓިޓިއުޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ އެންމެ ޚާއްޞަ ސިފައަކީ އޭގެ ބޯ ނިވާކޮށްދޭ ދުލިފަށެއް ފަދަ ބައި މުޅިން ސާފުކޮށް ފެންނަން ހުރުމެވެ. މީގެ ސަބަބުން އޭގެ ނާށިގަނޑުގެ އެތެރޭގައިވާ ލޯ ސައިންސްވެރިންނަށް ސާފުކޮށް ފެނެއެވެ.
މީގެ ކުރިން މި ބާވަތުގެ މަސް ފެނިފައިވަނީ ދާޖަހައިގެން މައްޗަށް ނެގިފަހުން ކަމަށްވުމުން، ޕްރެޝަރަށް އަންނަ ބަދަލާއެކު ބޯ ހަލާކުވެފައި ހުންނާތީ އޭގެ އަސްލު ސިފަ ދެނެގަންނަން އޮތީ އުނދަގޫވެފައެވެ. އެހެންކަމުން މިއީ މި މަސް ދިރިހުއްޓާ އޭގެ ގުދުރަތީ މާހައުލުން ފެނުނު ފުރަތަމަ ފަހަރެވެ.
އާންމު މަސްމަހާ ޚިލާފަށް މި މަހުގެ ލޯ ހުންނަނީ އަރިމައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި ލޯ އަމާޒުވެފައި ހުންނަނީ ސީދާ މައްޗަށެވެ. މީގެ ސަބަބުން މަތިން ފޭބޭ ފަނޑު އަލި އޭގެ މަތިން ދަތުރުކުރާ ކަނޑުގެ ޖެލީފިޝް ފަދަ ދިރުންތައް ހޯދައި ޝިކާރަކުރަން ފަސޭހަވެއެވެ. މިފަދަ މަސްމަހުގެ ބޮޑުމިނުގައި ހުންނަނީ އެންމެ 10 އާއި 15 ސެންޓިމީޓަރެވެ.
މި ދަތުރުގައި ސައިންސްވެރިންނަށް ވަނީ ކަނޑުގެ އަޑީގައިވާ، ކުރިން އެނގިފައިނުވާ ދެ ހައިޑްރޯތަރމަލް ވެންޓް ނުވަތަ ކަނޑުއަޑީގެ ހޫނު ފެންބޭރުކުރާ ލޯވަޅު ވެސް ހޯދާފައެވެ. މި ވެންޓްތަކުން ބޭރުވާ މިނަރަލްސްގެ ސަބަބުން، އިރުގެ އަލި ނުލިބުނު ކަމުގައިވިޔަސް އެ ސަރަޙައްދުގައި ގިނަ އަދަދެއްގެ ދިރުންތައް އާލާވެއެވެ. މީގެ އިތުރުން، ވަރަށް މަދުން ނޫނީ ނުފެންނަ ދިގު ފައިތަކެއް ހުންނަ "ބިގްފިން ސްކުއިޑް" ގެ ޒާތެއްގެ ބޯވަ ދިލަމަހެއް ގެ ދެ ބާވަތެއްވެސް ވަނީ މި ދަތުރުގައި ފެނިފައެވެ.
ޕޮންޓިފިކަލް ބޮލިވޭރިއަން ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ. ޕައުލާ ޒަޕާޓާ ރާމިރޭޒް ވިދާޅުވީ، ދަތުރުގެ އަސްލު މަގުޞަދަކީ ކަނޑުއަޑީގެ ފަރުބަދަތަކާއި ވެންޓްތައް ހޯދުން ކަމަށްވިޔަސް، އެއަށްވުރެ މާ އަގުބޮޑު، ކަނޑުގެ އެންމެ ފުން ސަރަޙައްދުތަކުގެ އިކޯސިސްޓަމްތަކާ ބެހޭ ފުން ވިސްނުމެއް މި ދަތުރުން ލިބިގެންގޮސްފައިވާ ކަމަށެވެ.





