ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ފްރާންސާ ދެކޮޅަށް ސްޕެއިން އާއެކު ލަމީން ޔަމާލް ނުކުންނައިރު، ދުނިޔޭގެ އެކި ކޮޅުތަކުން މިލިއަނުން ބަޔަކު އޭނާގެ ކުޅުން ބަލާނެއެވެ. ނަމަވެސް މީގެ ތެރޭގައި، އޭނާގެ ހަޔާތުގެ ކުރީކޮޅުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި، އެކަމަކު އަދިވެސް އާންމުންނަށް ނޭނގޭ ދެ މީހަކު ހިމެނޭނެއެވެ.
ސްޕެއިންގެ ގިނަ މީހުންނެކޭ އެއްގޮތަށް، މިދިޔަ ހޯމަ ދުވަހު އޭނާގެ 19 ވަނަ އުފަންދުވަސް ފާހަގަކުރި ބާސެލޯނާގެ މި ތަރީގެ ނަމުގެ ފަހަތަށް ދެ އާއިލީ ނަމެއް އިތުރުވެއެވެ. އެއީ ބައްޕަގެ ފަރާތުން "ނަޞްރާވީ" އަދި މަންމަގެ ފަރާތުން "އީބާނާ" އެވެ.
ނަމަވެސް، ސްޕެއިންގެ ކުރީގެ ކޯޗު ޒަވީ އަދި ޕެޑްރީއެކޭ އެއްގޮތަށް، ލަމީންވެސް ދަނޑުމަތީގައި ބޭނުންކުރަނީ އޭނާގެ ފުރަތަމަ ނަމެވެ. ލަމީން ޔަމާލްގެ ހާލަތުގައި، އޭނާގެ ފުރަތަމަ ނަން އެކުލެވިގެންވަނީ ދެ ބަޔެއްގެ މައްޗަށެވެ. އެއީ "ލަމީން" އަދި "ޔަމާލް" އެވެ. މިއީ ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭގެ ނަންވެސް ދެ ބަޔަށް އެކުލެވޭ ފަދައިންނެވެ. އެހެންކަމުން އޭނާގެ ޖާޒީގައި "ލަމީން ޔަމާލް" ޖަހާފައިވީ ނަމަވެސް، އޭނާގެ ޕާސްޕޯޓާއި އައިޑީ ކާޑުގައި އޮންނަ ފުރިހަމަ ނަމަކީ "ލަމީން ޔަމާލް ނަޞްރާވީ އީބާނާ" އެވެ.
"ލަމީން" އާއި "ޔަމާލް" ގެ މާނަ
"ލަމީން" ަ އަލްއަމީނާ އަކީ އަރަބި ބަހުން ވަރަށް އާންމު ނަމެކެވެ. އޭގެ މާނައަކީ އަމާނާތްތެރިޔާ ނުވަތަ އިތުބާރު ކުރެވޭ މީހާއެވެ. މިއީ ކީރިތި ރަސޫލާ ﷺ އަށް ނިސްބަތްކޮށް ކިޔާ އުޅޭ "އަލް-އަމީން" މި ލަގަބުން އުފެދިފައިވާ ނަމެކެވެ.
"ޔަމާލް" (ޖަމާލް) އަކީވެސް އަރަބި ބަހުގައި އެންމެ ގިނައިން ބޭނުންކުރާ އެއް ނަމެވެ. އޭގެ މާނައަކީ ރީތިކަން ނުވަތަ ފުރިހަމަކަމެވެ. ދަނޑުމަތީގައި އޭނާ ދައްކާ ހިތްގައިމު ކުޅުމާ މި ނަމާ ވަރަށް ބޮޑަށް ގުޅޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އޭނާގެ ބައްޕަ މުނީރު ނަޞްރާވީއަކީ މޮރޮކޯއަށް ނިސްބަތްވާ މީހެކެވެ. އަދި މަންމަ ޝީލާ އީބާނާ އަކީ އިކުއެޓޯރިއަލް ގިނީއަށް އުފަން މީހެކެވެ. އެހެންކަމުން 2007 ވަނަ އަހަރު ކަޓަލޯނިއާއަށް ހިޖުރަކޮށްގެން އުޅުނު އާއިލާއަކުން މިފަދަ ނަމެއް އިޚްތިޔާރުކުރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.
ނަމުގެ ފަހަތުގައިވާ ހައިރާންކުރުވަނިވި ޙަޤީޤަތް
ނަމަވެސް މި ނަމުގެ ފަހަތުގައިވާ އަސްލު ވާހަކަ މާ އަސަރުގަދައެވެ. ސްޕެއިންގެ މީޑިއާ ރިޕޯޓްކުރާ ގޮތުގައި، އޭނާގެ މައިންބަފައިން މި ނަންތައް އިޚްތިޔާރުކުރީ ހަމައެކަނި ދީނީ ނުވަތަ އާއިލީ ސަބަބަކަށްޓަކައެއް ނޫނެވެ. އެއީ އެމީހުންގެ ދިރިއުޅުމުގެ ކުރީކޮޅު ވަރަށް ބޮޑަށް އެހީތެރިވެދިން ދެމީހަކަށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ.
ޝީލާ އީބާނާއަށް ފުރަތަމަ ދަރިފުޅު ލަމީން ލިބުނުއިރު އޭނާގެ އުމުރަކީ އެންމެ 16 އަހަރެވެ. އެ ދުވަސްވަރު އެމީހުން އުޅުނީ މާލީ ގޮތުން ވަރަށް ދަތި ހާލުގައެވެ.
ސްޕެއިންގެ "އޭއެސް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލަމީންގެ މައިންބަފައިން އުޅުނުގޭގެ ކުލި ނުދެއްކިގެން އުޅުނު ދުވަސްވަރު، އެމީހުން އުޅޭނެ ބޯހިޔާވަހިކަމެއް ހޯދައިދިނުމުގައި ދެމީހަކު ވަރަށް ބޮޑަށް އެހީތެރިވެދިނެވެ. އެ ދެމީހުންގެ ނަމަކީ "ލަމީން" އަދި "ޔަމާލް" އެވެ. އެމީހުންގެ އެ ހެޔޮކަން ބަލައިގަނެ، ޝުކުރުވެރިވުމުގެ ގޮތުން ބައްޕަ މުނީރު ވަނީ ދަރިފުޅަށް އެ ދެމީހުންގެ ނަން އެއްކޮށްލައިގެން "ލަމީން ޔަމާލް" ގެ ނަމުން ނަންދީފައެވެ.
ފަގީރު އަވަށަކުން ދުނިޔޭގެ އެންމެ އުހަށް
އެ ދުވަހަށްފަހު މި ކުއްޖާގެ ދިރިއުޅުން ވަނީ ބޭނުންވި ވަރަށްވުރެ ބޮޑަށް ބަދަލުވެފައެވެ. އުމުރުން އެންމެ 12 އަހަރުގައި މޫދުކައިރީ އޮންނަ މަޓާރޯ ސިޓީގައި ހުރި އޭނާގެ ގެދޮރު ދޫކޮށް، ބާސެލޯނާގެ މަޝްހޫރު "ލަ މާސިއާ" އެކަޑަމީއާ ގުޅުނެވެ. އެއަށްފަހު އޭނާ ވަނީ ބާސެލޯނާއާއެކު ލަލީގާ ކާމިޔާބުކޮށް، ސްޕެއިންއާއެކު ޔޫރޯ 2024 ކާމިޔާބުކޮށްފައެވެ.
އަދި 2025 ވަނަ އަހަރު ބާސެލޯނާއާއެކު އޭނާ ވަނީ ޓެކުހަށް ނުކަނޑައި އަހަރަކު 40 މިލިއަން ޔޫރޯ ލިބޭ އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ އިތުރުން އެޑިޑާސް، ވިސާ، ކޮކާކޯލާ ފަދަ ދުނިޔޭގެ ބޮޑެތި ބްރޭންޑްތަކުގެ އިޝްތިހާރުތަކުންވެސް އޭނާއަށް ބޮޑު އާމްދަނީއެއް ލިބެއެވެ.
ނަމަވެސް މިހާރު ލިބިފައިވާ މަޝްހޫރުކަމާއި މުއްސަނދިކަމާއެކުވެސް އޭނާ އުޅުނު ނިކަމެތި ހާލެއް ހަނދާނެއް ނުނެތެއެވެ.
ޖުލައި މަހުގެ ކުރީކޮޅު ދިން ރޭޑިއޯ އިންޓަވިއުއެއްގައި އޭނާ ބުންޏެވެ: "އަހަރެންގެ މަންމަ އަހަރެން ވިހެއީ އުމުރުން 16 އަހަރުގައެވެ. އަހަރެންގެ ބައްޕަ މަސައްކަތްކުރީ މަގުމަތިން ކުނި އެއްކޮށްގެން އަހަރެމެންނަށް ކާނާ ހޯދައިދޭށެވެ. އަހަރެންނަށް ހަގީގީ ޕްރެޝަރަކީ އެއީއެވެ. މިހާރު ފުޓްބޯޅައިގައި މި އިހުސާސްކުރެވޭ ޕްރެޝަރެއް ނޫނެވެ."
އޭނާ އަދިވެސް ލަނޑު ޖެހުމަށްފަހު އިނގިލިތަކުން "304″ އިޝާރާތް ކުރެއެވެ. އެއީ އޭނާ ބޮޑުވި ފަގީރު އަވަށް ކަމަށްވާ "ރޮކަފޮންޑާ" ގެ ޕޯސްޓަލް ކޯޑުގެ ފަހު ތިން އަދަދެވެ. އެއީ އޭނާގެ އަސްލު ހަނދާންކުރާ ކަމުގެ ހެއްކެކެވެ.
އަދިވެސް ހައްލެއް ނުލިބޭ ސިއްރެއް
މި ވާހަކަ ދުނިޔެއަށް މަޝްހޫރުވެފައިވީ ނަމަވެސް، އެހީތެރިވި "ލަމީން" އަދި "ޔަމާލް" ގެ އަސްލު ނޭނގެއެވެ. ކުޅުންތެރިޔާ އަމިއްލައަށްވެސް މިކަމުގެ ތަފްސީލެއް ނުދެއެވެ. އަދި އޭނާގެ މައިންބަފައިންވެސް އެއީ ކޮންބައެއްކަން ނުވަތަ ވީ އެހީތެރިކަމެއްގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މީގެ ސަބަބެއް އެނގެން ނެތްއިރު، ފަހަރުގައި އެ ދެމީހުން މީޑިއާގެ ސަމާލުކަމުން ދުރުގައި ތިބެން ބޭނުންވަނީ ކަމަށްވެދާނެއެވެ. ނަމަވެސް އެމީހުން ވޯލްޑް ކަޕްގެ ސެމީ ފައިނަލް ބަލަން ތިބިނަމަ، މީގެ 19 އަހަރު ކުރިން އެމީހުން އެހީތެރިވި ކުއްޖަކަށް ދިން ނަން މިއަދު ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަޝްހޫރު އެއް ނަމަށް ވެފައިވާތީ ފަޚުރުވެރިވާނެކަން ކަށަވަރެވެ.






