ކްރިޕްޓޯ ފަތުވާއަކާ އެކު ޕާކިސްތާނުގެ ޑިޖިޓަލް ފައިނޭންސް އޮނިގަނޑަށް ބޮޑު ބަހުސެއް ކުރިމަތިވެއްޖެ

ޕާކިސްތާނުގައި ޔޫއެސްޑީޓީ އާއި އެހެނިހެން ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކަކީ އިސްލާމީ ޝަރީއަތުގެ ދަށުން ހަރާން ކަމެއް ކަމަށް ބުނެ ނެރުނު ފަތުވާއަކާ ގުޅިގެން، އެ ގައުމުގެ ޑިޖިޓަލް އެސެޓް ރެގިއުލޭޓަރީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ.

ޕާކިސްތާނުގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ ތަޤިއްޔު އުސްމާނީ އިސްވެ ހުންނަވައި ކަރާޗީގެ ޖާމިއާ ދާރުލް އުލޫމްގެ ދާރުލް އިފްތާއިން ނެރުނު ފަތުވާގައި ބުނެފައިވަނީ، ކްރިޕްޓޯކަރަންސީއަކީ ޝަރީއަތް ގަބޫލުކުރާ ފަދަ "މުދަލެއް" ނޫން ކަމަށާއި، އެއީ ހަމައެކަނި އެކައުންޓެއްގައި ހުންނަ ޚިޔާލީ އަދަދުތަކެއް ކަމަށެވެ. އަދި އެއިން ގަންނަ ތަކެތީގެ މިލްކުވެރިކަން ވެސް ސައްހަ ނުވާނެ ކަމަށް އެ ފަތުވާގައިވެއެވެ.

އާންމު އުސޫލަކީ އުންމަތުގެ އެންމެނާ ގުޅުން ހުރި އައު މައްސަލަތަކުގައި ފުޅާދާއިރާއެއްގައި ދުނިޔޭގެ ދަންނަބޭކަލުންނަށް ހުށަހަޅައިގެން މައްސަލައިގެ ވަށައިގެންވާ ހުރިހައި ކަމެއް ބެލުމަށްފަހު އެއަށް ގޮތެއް ނިންމުމެވެ. ނަމަވެސް ޕާކިސްތާންގެ ޝެއިޚަކު މި ވަނީ އަމިއްލައަށް އިޖުތިހާދުކޮށް އުންމަތާ ގުޅުން ހުރި މައްސަލައެއްގައި ފަތުވާ ދެއްވާފައެވެ!

މި ފަތުވާއާ ގުޅިގެން ޕާކިސްތާނު ވާޗުއަލް އެސެޓްސް ރެގިއުލޭޓަރީ އޮތޯރިޓީ ޕްވާޜާް ގެ ޗެއަރމަން ބިލާލް ބިން ސާގިބް ވަނީ މުފްތީ ތަޤިއްޔު އުސްމާނީއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. ސާގިބް ވިދާޅުވި ގޮތުގައި، އާންމުން އޮޅުވާލުމާއި މާލީ ގެއްލުންތަކުން ސަލާމަތްކުރުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގަންނަވައެވެ. ނަމަވެސް ބްލޮކްޗެއިން، ސްޓޭބަލްކޮއިން، އަދި ޓޯކަނައިޒްޑް ރިއަލް-ވޯލްޑް އެސެޓްތަކަކީ ތަފާތު ޓެކްނޮލޮޖީތަކެއް ކަމަށްވުމުން، ހުރިހާ އެއްޗަކަށް އެއް ހަމައަކުން ނުބަލައި، ވަކިވަކިން އޭގެ ޓެކްނިކަލް އަދި ޝަރުއީ ދިރާސާތައް ކުރަންޖެހެއެވެ.

ޕާކިސްތާނުގެ ޕާލަމެންޓުން މާޗް މަހު "ވާޗުއަލް އެސެޓްސް އެކްޓް" ފާސްކޮށް، ކްރިޕްޓޯ އެކްސްޗޭންޖްތަކަށް ލައިސަންސް ދޭން ފަށާފައިވަނީ ޝަރުއީ ކޮމިޓީއެއްގެ ލަފާގެ މަތިންނެވެ.

ޕާކިސްތާނުން ދަނީ ސަރުކާރުގެ ބޮންޑުތައް ޓޯކަނައިޒް ކުރުމަށާއި، އަމިއްލަ ސްޓޭބަލްކޮއިންއެއް ނެރުމުގެ އިތުރުން ބިޓްކޮއިން ރިޒާވެއް ގާއިމުކުރުމަށް ވެސް ރާވަމުންނެވެ. އެހެންކަމުން، މި ދީނީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ގައުމުގެ ޑިޖިޓަލް އިގްތިސާދީ ޕްލޭންތަކަށް ކުރިއަށް އޮތް ތަނުގައި ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!