ޓްރަމްޕް ދަނީ ދުނިޔެ އިގްތިސާދީ ކާރިސާއަކަށް ވައްޓާލަމުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވަމުން ގެންދަވާއިރު، އެމެރިކާގެ މި ހަލަތަކަކީ ހަމައެކަނި އީރާނާ ދެކޮޅަށް ދޭ ހަމަލަތަކެއް ނޫނެވެ. މިއީ ޓްރަމްޕްގެ ޖަވާބުދާރީވުމެއް ނެތް އަސްކަރީ ސިޔާސަތުތަކުގެ ސަބަބުން މެދުއިރުމަތީގެ އަރަބި ގައުމުތައް ހަލާކުގެ ތެރެއަށް ވައްޓާލުމަށް ރާވައިގެން އޭނާ ހިންގާ އުކުޅެކެވެ.

ޓްރަމްޕަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ފަދައިން، އީރާނުން ދޭނެ ރައްދު ހަމަލާތައް އަމާޒުވާނީ އެމެރިކާގެ މަރުކަޒުތަކަކަށެއް ނޫނެވެ. އޭގެ ބަދަލުގައި، އީރާނުގެ ރުޅިވެރިކަން އަމާޒުވާނީ އެމެރިކާއިން އެހަމަލަތަކަށް ބޭނުން ކުރާ އަރަބި ގަލްފުގެ ގައުމުތަކަށެވެ. އަދި ޓްރަމްޕް އީރާންގެ ސިނާއީ މަރުކަޒުތަކަށް ދޭ ހަމަލާތަކުގެ ބަދަލުގައި އީރާނުން ރައްދު ހަމަލަ ދޭނީ އަރަބިންގެ ތެލާއި ފެނުގެ ވަސީލަތްތަކަށާއި، އެ ގައުމުތަކުގެ އަސާސީ އުމްރާނީ ބިނާތަކަށެވެ. އެމެރިކާގެ ފައުޖުތަކާއި އެސެޓްތައް ރައްކާތެރިކަމާއެކު ދުރުގައި ތިބޭއިރު، ޓްރަމްޕް މި ކުޅުއްވަނީ ނުރައްކާތެރި ކުޅިވަރެކެވެ.

ޓްރަމްޕްގެ މި ހަމަނުޖެހުން އުފެއްދުމުގެ ފަހަތުގައި އޮތީ މި ހަމަނުޖެހުމުން އެމެރިކާއިން އަރަބިން އަތުން ހޯދަން ބޭނުންވާ ފައިސާ އެވެ. އެއީ ސަލާމަތީ ކަންކަމާއި، ހަނގުރާމައަށް ފަހު ގައުމުތައް އަލުން ބިނާކުރުމުގެ ނަމުގައި ފައިސާ ހޯދުމުގެ ވިޔަފާރިއެވެ.

ޓްރަމްޕް މި ގެންގުޅެނީ ޖެނޮސައިޑް މޭސްތިރި ނަތަންޔާހޫ ޣައްޒާގައި ބޭނުންކުރާ އުކުޅުތަކެވެ.އެއީ ސުލްހައިގެ ވާހަކަ ދައްކައި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އަލުން ހަނގުރާމައިގެ ހާލަތަށް ރުޖޫއަ ވުމެވެ.

ޔަހޫދީން ޝަރަމުއްޝައިޚް ގައި ސުލްހައުގެ ނަމުގައި އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު މީޑިއާއަށް މަންޒަރު ދެއްކުމަށްފަހު އެ އެއްބަސްވުމާ ހިލާފުވެ، ލޭއޮހޮރުވުންތައް ކުރިއަށް ގެންދިޔައެވެ.

ހަމަ އެ ބީދައިން ޓްރަމްޕް ވެސް ވަނީ އެ މަގުން ހިނގާފައެވެ. އޭނާ މޮޔައަކަށް ހެދިގެން އީރާނާއެކުވެސް ކުޅުނީ އެ ކުޅިއެވެ. އޭނާގެ މި ކުޅި އީރާނަށް އިހުސާސްވެގެން އޭނާއަށް ފޮޓޯ ނެގުމަށް ފުރުސަތު ނުދީ އީރާނުން ސޮއި ކުރީ ދުރުގައި ތިބެގެންނެވެ. އެކަމަށް މާގިނަ ދުވަސް ނުވަނީ އަލުން ހަމަލަ ދޭން އެމެރިކާ މި ވަނީ ފަށާފައެވެ.

ޓްރަމްޕް މި ހާރު ބުނަނީ އެމެރިކާއިން ހަމަލަ ދެނީ އީރާން މަޝްވަރާގެ މޭޒަށް ގެންނަން ކަމަށެވެ. މިހެން ބުނާ އިރު އީރާނަށް ހަމަލަ ދޭން ފެށީ މަޝްވަރާގެ މޭޒުުދޮށުގައި ތިއްބައެވެ.

ޓްރަމްޕް ވަނީ މެދުއިރުމައްޗާއި ދުރުގައި ތިބި ގައުމުތައްވެސް އިގްތިސާދީ ކާރިސާއަކަށް ވައްޓާލާފައެވެ.

ދުނިޔޭގެ ގައުމުތަކުގެ އެތައް ޒަމާނެއްގެ ބިނާކުރުމާއި ތަރައްގީ ބޮލާލައިޖަހައި، އެތައް މިލިއަން ބައެއްގެ ދިރިއުޅުން އަނދަވަޅަކަށް ޓްރަމްޕް މިވަނީ ވައްޓާލާފައެވެ. މިއީ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތެކެވެ. ޓްރަމްޕްގެ މި ނުރައްކާތެރި އަމަލުތަކާ ދެކޮޅަށް ބިރުން ބަހެއް ބުނާނެ ހެޔޮ ވިސްނޭ މީހަކުވެސް ނުފެނެއެވެ!

ހިއްސާ ކުރައްވާ!