އާ ޙަޔާތެއް ފެށުމުގެ އުފާވެރިކަމުގެ އިންތިޒާރުގައި ތިބި ޒުވާނުންނަށް އަމާޒުކޮށް، މިސްރުގައި ހިންގި މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި އެއް ސައިބަރ ސްކޭމްގެ މައްސަލަ ފަޅާއަރައިފިއެވެ. ޒަވާޖީ ޙަޔާތަށް ތައްޔާރުވަމުން ދިޔަ އެތައް ސަތޭކަ ބަޔަކު، ލޯބީގެ އާ ޙަޔާތެއް ފެށުމުގެ ފޮނި އުއްމީދުގައި ތިއްބައި، ވެއްޓުނީ މަކަރާއި ހީލަތުގެ ފުން ވަޅުގަނޑަކަށެވެ.
މިސްރުގެ ސައިބާ އެޑްމިނިސްޓްރޭޓިވް ކޮންޓްރޯލް އޮތޯރިޓީން ހާމަކުރި ގޮތުގައި، މި ޖަރީމާގެ އަޑީގައި އޮތީ ރޭވިގެން ހިންގި ނުރައްކާތެރި ކުށްވެރިންގެ ވިއުގައެކެވެ. އެމީހުން ވަނީ ސަރުކާރުން އަލަށް ފެށި "ކައިވެންޏަށް ތައްޔާރުވާ ފަރާތްތަކުގެ ޞިއްޙީ ޗެކްއަޕް" ޕްރޮގްރާމްގެ ނަމުގައި ސައްޙަ ނޫން އޮޅުވާލުމުގެ ވެބްސައިޓްތަކެއް އުފައްދައި، ރައްޔިތުންގެ އިތުބާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައެވެ.
26 މިލިއަން ޕައުންޑުގެ ވައްކަން
ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ކުރި ތަހުގީގުން ހާމަވާ ގޮތުގައި، މި މަކަރުވެރިންގެ ޝިކާރައަކަށް ވި ފަރާތްތަކުން ވަނީ، ސައްޙަ ނޫން ސެޓްފިކެޓްތަކެއް ހޯދުމަށް ފީ ދެއްކުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކާފައެވެ. މިގޮތުން އެމީހުން ވަނީ ޖުމްލަ 26 މިލިއަން މިސްރު ޕައުންޑް ރައްޔިތުންގެ އަތުން މަކަރުން ހޯދާފައެވެ.
މި ސައިބާ ވަގުން ހޯދުމަށް މިސްރުގެ ޞިއްޙަތާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި، 19 މީހުން ހިމެނޭ މި ނުރައްކާތެރި ގްރޫޕް ވަނީ ދެނެގަނެފައެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އަމުރަށް މިމީހުންގެ ހިޔާވަހިތައް ފާސްކުރިއިރު، ޞިއްޙަތާ ބެހޭ ވުޒާރާގެ ނަމުގައި ފޯޖުކޮށްފައިވާ އެތައް ލިޔެކިޔުމަކާއި، ސަރުކާރުގެ އެކި އިދާރާތަކުގެ ފޭކް ތައްގަނޑުތަކާއި، މިކަމަށް ބޭނުންކުރި ޕްރިންޓަރުތަކާއި އިލެކްޓްރޯނިކް އާލާތްތައް ވަނީ ފެނިފައެވެ.
މި ފައިސާތަކުން އެމީހުން ވަނީ އަގުބޮޑު އިމާރާތްތަކާއި ގެދޮރު ގަނެފައިކަން ތަހުގީގަށް ވަނީ އެނގިފައެވެ.
މި ސްކޭމްގެ ސަބަބުން މިސްރުގެ އެތައް ހާސް ޒުވާނުންނަކަށް ވަނީ ޞިއްޙީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ސަރުކާރުގެ "100 މިލިއަން ޞިއްޙަތު" އިނީޝިއޭޓިވްގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ، ވާރުތަވާ ބަލިތަކާއި ގައިން ގަޔަށް އަރާ ބަލިތަކުން ދެމަފިރިން ރައްކާތެރިކުރުމަށްޓަކައި ހިންގާ މުހިންމު ޕްރޮގްރާމެކެވެ. ނަމަވެސް މި ޖަރީމާގެ ސަބަބުން އެތައް ބަޔަކު ވަނީ ސައްޙަ ޞިއްޙީ ފަރުވާއިން މަޙުރޫމްވެ، ޞިއްޙީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައެވެ.
ސައިބާ އެޑްމިނިސްޓްރޭޓިވް ކޮންޓްރޯލް އޮތޯރިޓީން ވަނީ، ފައިސާގެ މުއާމަލާތްތައް ހިންގުމުގެ ކުރިން ފައިސާ ލިބޭ ފަރާތަކީ ސަރުކާރުގެ ރަސްމީ ޕްލެޓްފޯމެއްކަން ޔަޤީންކުރުމަށް ރައްޔިތުންނަށް އިންޒާރު ދީފައެވެ. އަދި އޮންލައިންކޮށް ހިންގާ މިފަދަ ކޮންމެ ޝައްކު އުފެދޭ ޢަމަލެއް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.







