އެމެރިކާއިން ދަނީ ތަފާތު ކުރުމެއް ނެތި ބޮން އަޅަމުން: އީރާނުން އޮތީ މަޑުކޮށްގެން

އެމެރިކާގެ ހަމަލާތަކުގައި އީރާނުން 35 މީހުން މަރުވެ، 300 މީހުން ޒަޚަމްވެއްޖެ އެވެ،. އަދި ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދަނީ ދެމުންނެވެ.  އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ދޭން ފަށާފައިވާ ހަމަލާތަކުގައި މިހާތަނަށް 35 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ކަށަވަރުކޮށްދީފިއެވެ.

އެމެރިކާއިން ވަނީ އީރާންގ ެކާޑު ގުދަންތަކަށްވެސް ހަމަލަ ދެމުންނެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފައެވެ.

އެމެރިކާގެ ހަމަލާތަކަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް އީރާނުގެ ޚާރިޖިއްޔާ އިން ވަނީ ބުނެފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގެ ދެކުނަށް އެމެރިކާއިން ދެމުންދާ ހަމަލާތަކަކީ އުދުވާނީ އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކެއް ކަމަށެވެ. އަދި އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ކޮންމެ ހަމަލާއަކަށްވެސް އެކަށީގެންވާ ވަގުތުގައި ފުރިހަމަ ރައްދު ދޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ޚާރިޖީ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، އެމެރިކާއިން ދެމުންދާ މި ހަމަލާތަކާއެކު ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ފަހުމުނާމާގެ ބައިތަކާ އެމެރިކާ ވަނީ ޚިލާފުވެފައެވެ.

"އެމެރިކާއިން ވަނީ ފަހުމުނާމާގެ މާއްދާތަކާ ޚިލާފުވެފައި. ދަންނާތި! އަހަރެމެންގެ އަތްފައި ބަނދެވިފައެއް ނެތް. އަހަރެމެންގެ ހަނގުރާމަވެރިން ދަނީ މި އުދުވާނަށް ވަރުގަދަ ރައްދެއް ދޭން ތައްޔާރު ވަމުން،" އީރާނުގެ ޚާރިޖިއްޔާއިން ބުންޏެވެ.

އީރާނުން ބުނި ގޮތުގައި ފަހުމުނާމާއަކީ ދެފަރާތުންވެސް އިލްތިޒާމްތަކަކަށް އަމަލުކުރަންޖެހޭ އެއްބަސްވުމެކެވެ. އެހެންކަމުން، އަނެއް ފަރާތުން (އެމެރިކާއިން) މިއާ ޚިލާފުވާނަމަ، އީރާނުންވެސް އެއްބަސްވުމުގެ ދަށުން އަމަލުކުރަންޖެހޭ ކަންކަމަށް އަމަލުކުރުން ހުއްޓާލާނެއެވެ. އަދި މިކަމާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އީރާނުން އަޅާނެ ކަމަށްވެސް އެ ގައުމުން ވަނީ ބުނެފައެވެ.

ހިއްސާ ކުރައްވާ!