ތުރުކީގެ އައު ޓްރެފުކް ގާނޫނުން ދިވެހި ސަރުކާރަށް ލިބެނީ ކޮން ފިލާވަޅެއް؟

ތުރުކީވިލާތުން އަލަށް ފާސްކުރި ޓްރެފިކް ޤާނޫނަކީ، ރާއްޖޭގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި  ދަސްކުރެވިދާނެ މުހިންމު ފިލާވަޅުތަކެކެވެ. ތުރުކީގެ މި އާ ޤާނޫނުން ރާއްޖެއަށް ދަސްކުރެވިދާނެ މައިގަނޑު ކަންތައްތައް:

1. އައު ޑްރައިވަރުންނަށް ޚާއްސަ އަޖުމަބެލުމުގެ މުއްދަތެއް ކަނޑައެޅުން

ތުރުކީގައި އަލަށް ލައިސަންސް ނަގާ ފަރާތްތަކަށް ދެ އަހަރު ދުވަހުގެ އަޖުމަ ބެލުމުގެ މުއްދަތެއް ކަނޑައަޅާފައިވެއެވެ. ރާއްޖޭގައި ވެސް ލައިސަންސް ނަގާ ފަރާތްތަކަށް މިފަދަ މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުގެ ތެރޭގައި ޤަވައިދާ ހިލާފުވާނަމަ ލައިސަންސް ހިފެހެއްޓުމުގެ ނިޒާމެއް ޤާއިމުކުރެވިދާނެއެވެ. މިއީ ޒުވާން އަދި އާ ޑްރައިވަރުންގެ ތެރޭގައި ޒިންމާދާރުކަން އިތުރުކުރަން އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

2. ތަކުރާރުކޮށް ޤަވައިދާ ޚިލާފުވުމުން ލައިސަންސް ބާތިލުކުރުން

ތުރުކީގެ އާ ޤާނޫނުގައި އަޖުމަ ބަލާ މުއްދަތުގައި ކަނޑައެޅިފައިވާ ވަކި ހާއްސަ ޤަވައިދުތަކެއް ކަމަށްވާ މިސާލަކަށް: ޕެނަލްޓީ ޕޮއިންޓް ހަމަވުން، މަސްތުވެގެން ހުރެ ދުއްވުން، ނުވަތަ ތިން ފަހަރަށް ޓްރެފިކް ޤަވައިދާ ހިލާފުވުން ފަދަ ކަންކަން ތަކުރާރުކުރާނަމަ ލައިސަންސް ބާތިލުކުރެއެވެ. ރާއްޖޭގައި ވެސް މިފަދަ އުސޫލުތައް ތަންފީޒުކުރުމަކީ މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް މަދުކުރަން އޮތް ފިޔަވަޅެކެވެ. ޚާއްސަކޮށް ޑްރަގް ނަގައިގެން ތިބެ ދުއްވާ މީހުން ހޯދުމުގައި ޚާއްސަ މަސައްކަތެއް ކުރަން ޖެހެއެވެ.

3. އަލުން ލައިސަންސް ހޯދުމުގައި ހަރުކަށި ފިޔަވަޅުތައް އެޅުން

ލައިސަންސް ބާތިލު ކޮށްފައިވާ ފަރާތްތަކަށް އަލުން ލައިސަންސް ދިނުމުގެ ކުރިން، ސައިކޯޓެކްނިކަލް އެސެސްމަންޓާއި ސައިކިއަޓްރިކް އިވެލުއޭޝަން ހެދުން ފަދަ ކަންކަން އައު ގާނޫނުން ތުރުކީގައި މަޖުބޫރުކޮށްފައިވެއެވެ. މީގެ މާނައަކީ، އެމީހާއަކީ މަގުމަތީގައި އުޅެން އެކަށީގެންވާ ސިއްހީ އަދި ނަފްސާނީ ހާލަތެއްގައި ހުރި މީހެއްކަން ކަށަވަރުކުރުމެވެ. ރާއްޖޭގައި ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިންގާ ފަރާތްތަކަށް އާންމު ވަމުންދާތީއާއި ތަކުރާރުކޮށް ތްރެފިކް ގަވާއިދާ ޚިލާފްވާ ފަރާތްތައް ގިނަކަމުން މިފަދަ އިވެލުއޭޝަންތައް ލާޒިމުކުރުން މުހިންމެވެ.

4. ޓްރެފިކް ޤަވައިދުތައް ތަންފީޒުކުރުމުގައި ހަރުކަށި އަދަބުތައް

ތުރުކީގައި ރަތް ބައްތިއަށް ހުއްޓާނުލައި ދުއްވުން ފަދަ ނުރައްކާތެރި އަމަލުތައް ތަކުރާރުކުރުމުން ލައިސަންސް ދާއިމީކޮށް ބާތިލުކުރުމާ ކުރިމަތިލާން ޖެހެއެވެ. އަދި ނަމްބަރު ޕްލޭޓް ނުފެންނަ ގޮތަށް ހެދުން ފަދަ ކަންކަމަށް ބޮޑެތި ޖޫރިމަނާތައް ކަނޑައަޅާފައިވެއެވެ. އަދި އަލަށް ލައިސަންސަށް އެދުމުގެ ކުރިން ހުރިހައި ޖުރިމާނާއެއް ދައްކަން ޖެހެއެވެ. ބައެއް ޖުރިމާނާތައް އެމެރިކާ 4 ހާސް ޑޮލަރަށް ބޮޑުކޮށްފައި ވެއެވެ،. ރާއްޖޭގައި ވެސް ޖޫރިމަނާގެ އަދަދުތައް ބޮޑުކުރުމާއި، ކުށްތަކުގެ ކުޑަބޮޑުމިނަށް ބަލައި ލައިސަންސް ހިފެހެއްޓުމުގެ ނިޒާމު ހަރުދަނާ ކުރުމަކީ މަގުމަތީގެ އަޚުލާގު ރަނގަޅުކުރަން ކުރެވިދާނެ ކަމެކެވެ.

ތުރުކީގެ މި އާ ޤާނޫނުން ރާއްޖެއަށް ދަސްވާ އެންމެ ބޮޑު ފިލާވަޅަކީ، ލައިސަންސް ދިނުމަކީ ހަމައެކަނި ދުއްވުމެއް ހުއްދައެއް ދިނުން ނޫން ކަމެވެ. އެއީ މަގުމަތީގެ ރައްކާތެރިކަމަށްޓަކައި ޒިންމާދާރު ކުރުވައި މީހާއަށް ދެވޭ ހުއްދައެއްކަން ޑްރައިވަރުންނަށް އިހުސާސްކޮށްދޭން ޖެހޭނެއެވެ.

ޓްރެފިކް ޤަވައިދާ ހިލާފުވާ ފަރާތްތަކަށް އަދަބު ދިނުމުގެ އިތުރުން، އެ ފަރާތްތަކުގެ ނަފްސާނީ އަދި އާންމު ގުޅުމުގެ އާދަކާދަތައް ބަލައި، އިސްލާހުކުރުވަން މަސައްކަތް ކުރުމަކީ ރާއްޖެއަށް މިހާރު ކުރަން ޖެހިފައިވާ މުހިންމު ކަމެކެވެ.

ހިއްސާ ކުރައްވާ!