ޔަހުދީ ރެޖީމުން ޖެނޮސައިޑް ހިންގަން ބޭނުންވާ ހަތިޔާރު ނުލިބި ނުހުންނާނެ ކަމަށް ޖަރުމަނުން ބުނެއެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ 5 މަސް ދުވަހު އިޒްރޭލަށް 800 މިލިއަން ޔޫރޯގެ ހަތިޔާރު އެކްސްޕޯޓްކުރަން ޖަރުމަނުން ހުއްދަ ދީފިއެވެ. އެއީ 913 މިލިއަން ޑޮލަރުގެ ހަތިޔާރެވެ. މިއީ މީގެ ކުރިން ފާއިތުވި 20 މަސް ދުވަހު ޖުމްލަކޮށް ދޫކުރި ހުއްދަތަކަށްވުރެ ބޮޑު އަދަދެކެވެ.
ޖަރުމަނުގެ ފޮރިން އޮފީހުން ޕާލަމެންޓަށް ފޮނުވި ޖަވާބެއްގައިވާ ގޮތުން، މި ހުއްދަތަކުގެ ގާތްގަނޑަކަށް ހުރިހާ ބައެއް ދޫކޮށްފައިވަނީ މިއަހަރުގެ އެޕްރީލް އަދި މޭ މަހުގެ ތެރޭގައެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި، މި ހުއްދަތަކުގެ 60 އިންސައްތައަށްވުރެ ބޮޑު ބައި ހާއްސަކޮށްފައިވަނީ ނަން ހާމަކޮށްފައިނުވާ ކަނޑުގެ ސިފައިންނަށް ބޭނުންވާ ހަތިޔަރުގެ ބޮޑު މަޝްރޫއަކަށެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މިއީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ 'ޓީކޭއެމްއެސް' އިން ބަނދެފައިވާ ސަބްމެރީނެއްގެ ވާހަކައެކެވެ.
ޖަރުމަނުގެ މީޑިއާ ރިޕޯޓުކުރާ ގޮތުގައި، މިދިޔަ ހަފުތާގައި އިޒްރޭލުގެ ކަނޑުގެ ސިފައިންނާ ރަސްމީކޮށް ހަވާލުކުރި "އައިއެންއެސް ޑްރެކޮން" ކިޔާ މި ސަބްމެރީނަކީ ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި އުޅަނދުގައި އޮލަނބަށް މިސައިލު ފޮނުވާލާ ވާޓިކަލް ލޯންޗިން ސިސްޓަމެއް ހުރެދާނެ ކަމަށާއި، މީގެ ސަބަބުން ނިއުކްލިއާ ހަތިޔާރު އަޅާފައިވާ މިސައިލްތައް ފޮނުވުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.
ސިޔާސީ ނުތަނަވަސްކަމާއި ފާޑުކިޔުންތައް
ޖަރުމަނުން އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުމާ ގުޅިގެން އެ ގައުމުގެ އެތެރޭގައި ވެސް ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ބޮން އިންޓަރނޭޝަނަލް ސެންޓަރ ފޮރ ކޮންފްލިކްޓް ސްޓަޑީޒްގެ އިސް ދިރާސާވެރިއެއް ކަމަށްވާ މެކްސް މުޓްޝްލަރ ވިދާޅުވީ، ހަތިޔާރު އެކްސްޕޯޓް ކުރުމުގެ މައްސަލާގައި ޖަރުމަނު ސަރުކާރުން އަމަލުކުރާ ގޮތުގައި ހާމަކަން ކުޑަކަން ފާހަގަކުރެވޭ ކަމަށެވެ.
މީގެ އިތުރުން، އިޒްރޭލުން ގައްޒާގައި ހިންގަމުންދާ ޖެނޮސައިޑް އަސްކަރީ އޮޕަރޭޝަންތަކާ ގުޅިގެން ޖަރުމަނުގެ ސިޔާސަތަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، މިދިޔަ އަހަރުތަކުގައި ހަތިޔާރު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް މަސައްކަތްކުރި ނަމަވެސް، ފަހުން އެ ފިޔަވަޅުތައް އުވާލައި، ކޮންމެ މައްސަލައަކަށް ވަކިން ބަލައި ހުއްދަ ދޭން ވަނީ ފަށާފައެވެ.
ޖަރުމަނަކީ ދުނިޔޭގައި އެންމެ ގިނައިން ހަތިޔާރު އެކްސްޕޯޓްކުރާ އެއް ގައުމެވެ. 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 13.87 ބިލިއަން ޔޫރޯގެ ހަތިޔާރު އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތަރު ގުނަ އިތުރު އަދަދެކެވެ. މި އެކްސްޕޯޓްތަކުގެ އެންމެ ބޮޑު ހިއްސާއެއް ލިބެނީ ޔޫކްރެއިނަށެވެ.






