މުސްލިމް ލީޑަރަކު ބިނާކުރެއްވި ޔުނިވަރސިޓީ ތަޅާލަން އިންޑިއާގެ ސަރުކާރުން މަސައްކަތް ފަށައިފި

އިންޑިއާގެ އުއްތުރަ ޕްރަދޭޝްގައި މުސްލިމުންގެ ގެދޮރާއި ސްކޫލުތަކާއި މަދަރުސާތައް ތަޅާލުމުގެ ސިލްސިލާތަކެއް ހިނގައިފިއެވެ. މި ސިލްސިލާ މިފަހަރު އަމާޒުވެފައި މިވަނީ މުސްލިމަކު ބިނާކުރި ޔުނިވަރސިޓީއަކަށެވެ. މިއީ އިންޑިއާގައި މިހާރު އާންމުވެފައިވާ، "ގާނޫނާ ޚިލާފު" ކަމަށް ބުނެ މުސްލިމުންގެ މުދާތައް ނައްތާލުމުގެ ސިޔާސީ ކުޅިގަނޑެއްގެ ތެރެއިން ހިނގަމުންދާ އެންމެ ފަހުގެ ހާދިސާއެވެ.

ޖުލައި މަހުގެ ހޫނުގަދަ ދުވަހެކެވެ. އިންޑިއާގެ އުތުރުގެ ރަށެއްގައި އެތައް ސަތޭކަ ބަޔަކު ބިންމަތީގައި އިށީނދެގެން ތިބިއިރު، އެމީހުންގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމާއި އަޒުމެވެ. އެމީހުންގެ އަތުގައި ވަނީ ގައުމީ ދިދައެވެ. އެމީހުންގެ އަޑުތައް އުފުލަނީ އެމީހުންގެ މުސްތަގްބަލާ ގުޅިފައިވާ މައުލާނާ މުހައްމަދު އަލީ ޖައުހަރު ޔުނިވަރސިޓީ ސަލާމަތް ކުރުމަށެވެ.

މީގެ 200 ކިލޯމީޓަރު ދުރުގައި އޮތް ވެރިރަށް ނިއު ދިއްލީގައި، ތައުލީމީ ނިޒާމު އިސްލާހު ކުރުމަށް ގޮވާލައި އެތައް ހާސް ޒުވާނުންނެއް މުޒާހަރާކޮށް، ވަޒީރަކު އިސްތިއުފާ ދޭން މަޖުބޫރުކޮށް އެކަން ކާމިޔާބު ވެފައިވާ ދަނޑިވަޅެއްގައި، ރާމްޕޫރުގެ މި ޔުނިވަރސިޓީގެ ދަރިވަރުންނާއި އާންމުން މިވަނީ މެދުކެނޑުމެއް ނެތި އިހުތިޖާޖު ކުރަން ފަށާފައެވެ. ސަބަބަކީ، އެ ޔުނިވަރސިޓީގެ 40 އިމާރާތުގެ ތެރެއިން 38 އިމާރާތް ބިމާ ހަމަކުރުމަށް އާރްޑީއޭ / ރާމްޕޫރު ޑިވެލޮޕްމެންޓް އޮތޯރިޓީ އިން ނިންމާފައިވާތީއެވެ.

ސިޔާސީ ޒާތީ ރުޅިވެރިކަމެއްތަ؟

މި ޔުނިވަރސިޓީ އުފެއްދެވީ، ބީޖޭޕީގެ ސިޔާސީ ވިސްނުމާ ދެކޮޅަށް އެންމެ ބާރަށް އަޑުއުފުލި މުސްލިމް ލީޑަރު އައުޒަމް ޚާންއެވެ. 2017 ވަނަ އަހަރު ބީޖޭޕީން އުއްތުރަ ޕްރަދޭޝްގެ ވެރިކަމަށް އައިސް، އައުޒަމް ޚާންގެ މައްޗަށް 100 އަށްވުރެ ގިނަ މައްސަލަ އުފުލިއެވެ. ޖަލު ހުކުމްތަކާއި އެކި ތުހުމަތުތަކުގެ ތެރެއިން އޭނާ ފިތުމަށްފަހު، މިހާރު މިވަނީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު މަސައްކަތް ކަމަށްވާ ޔުނިވަރސިޓީއަށް އަތްގަދަ ކޮށްފައެވެ.

ސަމާޖްވާދީ ޕާޓީގެ މެންބަރު ޖާވިދު އަލީ ޚާން ސިފަކުރާ ގޮތުގައި މިއީ، "ތައުލީމާ ދެކޮޅު، އަދި ރައްޔިތުން ޖާހިލުކަމުގެ ތެރޭގައި ބޭއްވުމަށް ބޭނުންވާ ސަރުކާރަކުން ހިންގާ ޒާތީ ސިޔާސީ ޢަމަލެކެވެ."

ދަރިވަރުންގެ އުންމީދުތައް ވެއްޔަށް

ޔުނިވަރސިޓީގައި ކިޔަވަމުންދާ 3,000 ދަރިވަރުންނަށް މިއީ ސިއްސައިގެން ދިޔަ ޚަބަރެކެވެ. ހާއްސަކޮށް އަންހެން ދަރިވަރުންގެ ހާލަތު މާ ބޮޑެވެ.

"މި ޔުނިވަރސިޓީ ތަޅާލައިފިނަމަ، އަހަރެމެން ފަދަ އަންހެން ކުދިންނަށް ކިޔެވުމުގެ ދެވަނަ ފުރުސަތެއް ނުލިބޭނެ. އަހަރެމެންގެ ބެލެނިވެރިން އެމީހުންގެ ދަރިން އެހެން ތަންތަނަށް ފޮނުވަން ގަބޫލެއް ނުވާނެ،" ގާނޫނީ މާއްދާއެއް ކިޔަވަމުންދާ އިޤުރާ ބުންޏެވެ. އޭނާ ފާހަގަކުރި ގޮތުގައި، މިތަން ހޮވީ މުސްލިމް އަންހެން ކުދިންނަށް ރައްކާތެރި މާހައުލެއް އޮތް ކަމަށް ގަބޫލުކުރެވޭތީއެވެ.

އެންމެ ހައިރާންކަން ލިބޭ ކަމަކީ، މިތަން ހަމައެކަނި މުސްލިމުންގެ ތަނަކަށް ވިޔަސް، އެތަނުގައި ކިޔަވާ ދަރިވަރުންގެ ތިން ބައިކުޅަ އެއްބަޔަކީ ހިންދޫން ކަމެވެ. "އަހަރެން މިތާ ކިޔަވާތާ އަހަރެއް ވެއްޖެ، އެއްވެސް އިރަކު މިއީ މައިނޯރިޓީ ޔުނިވަރސިޓީއެކޭ ބުނެ މުސްލިމުންގެ ތަފާތުކުރުމެއް އިހުސާސެއް ނުކުރެވޭ،" ޕެރަމެޑިކަލް ކިޔަވާ ޗާންދްނީ ދިވާކަރް ބުންޏެވެ.

ގާނޫނީ ޖަދަލު

ސަރުކާރުން ބުނަނީ ޔުނިވަރސިޓީގެ 40 އިމާރާތުގެ ތެރެއިން 38 އިމާރާތް އަޅާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. ނަމަވެސް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޒަހީރުއްދީން ވިދާޅުވަނީ، އެ އިމާރާތްތައް އެޅިއިރު އެ ސަރަހައްދަކީ ރާމްޕޫރު ޑިވެލޮޕްމަންޓް އޮތޯރިޓީގެ އިހުތިސާސްގައިވާ ތަނެއް ނޫން ކަމަށެވެ. އެހެންކަމުން، ހުއްދަ ނަގަން ޖެހޭ ސަބަބެއް އޭރު ނެތެވެ.

އާދިއްތަ ދުވަހު ސަރުކާރުން ވަނީ މި އަމުރު ތަންފީޒުކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ. ނަމަވެސް ޔުނިވަރސިޓީގެ ފަރާތުން ބުނަނީ މިއީ ދާއިމީ ހައްލެއް ނޫން ކަމަށެވެ. މިހާރު ޔުނިވަރސިޓީން މަސައްކަތް ކުރަމުންދަނީ މި އަމުރު މުޅިން ބާތިލްކުރުމަށެވެ.

އިންޑިއާގެ ޔުނިވަރސިޓީ އޮފް ދިއްލީގެ އެކަޑަމިކް އަޕޫރްވަނަންދު ފާހަގަކުރައްވާ ގޮތުގައި، މިއީ ހަމައެކަނި ބިމުގެ މައްސަލައެއް ނޫނެވެ. "މިއީ މުސްލިމުންނާއި ހިންދޫން އެކުގައި ކިޔަވާ ތަންތަން ނައްތާލައި، ދެ ދީނުގެ މީހުން އެކުވެ އުޅުމަށް ހުރަސް އެޅުމަށް ސަރުކާރުން ކުރަމުންދާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

މުސްތަގްބަލާ މެދު ސުވާލު އުފެދިފައިވާ މި ދަރިވަރުންނަށް އެނގެނީ އެންމެ ކަމެކެވެ. އެމީހުންގެ ޔުނިވަރސިޓީ ސަލާމަތް ކުރުމަށްޓަކައި އެމީހުން ދޫދޭން ތައްޔާރެއް ނޫން ކަމެވެ.

ހިއްސާ ކުރައްވާ!