އިޒްރޭލުން ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް އަސްކަރީ އަމުރުތަކެއް ނެރެފި

އިޒްރޭލުގެ ޖެނޮސައިޑް ސިފައިން އަންގާރަ ދުވަހު ވަނީ، ޖެނިންގެ ދެކުނުން ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްތީނުގެ ބިންތައް "އަސްކަރީ ބޭނުންތަކަށް" ކަމަށް ބުނެ ފޭރިގަތުމަށް އާ އަސްކަރީ އަމުރުތަކެއް ނެރެފައެވެ. ހަމައެއާއެކު، އިޒްރޭލުގެ ސިފައިންގެ ހިމާޔަތުގައި، ޔަހޫދީ ވަޒަންވެރިންތަކެއް ވަނީ މަސްޖިދުލް އަޤްސާގެ ގޯތިތެރެއަށް ވަދެ، އެތަނުގައި ތާލްމޫދީ އަޅުކަންތައްތަކެއް އަދާ ކޮށްފައެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ "ވަފާ" އިން ރިޕޯޓުކުރާ ގޮތުގައި، 176 ޔަހޫދީ ވަޒަންވެރިން ވަނީ ހެނދުނުގެ ވަގުތުތަކުގައި މަސްގްރިބީ ދޮރުން އަޤްސާ މިސްކިތަށް ވަދެ، ރައްޔިތުން ރުޅިއަރުވާފަދަ އަމަލުތަކެއް ހިންގާފައެވެ. އިޒްރޭލު ސިފައިން އަންނަނީ މަސްޖިދުލް އަޤްސާގެ ދޮރުތަކާއި ގުދުސްގެ ޤަދީމީ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައި، މުސްލިމުން މިސްކިތަށް ވަނުން މަނާކޮށް ޔަހޫދީންގެ ބާރު ހިންގާ ސަރަހައްދު އިތުރު ކުރަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް 3،000 އަށްވުރެ ގިނަ ޔަހޫދީން ވަނީ އިޒްރޭލުގެ ޓެރަރިސްޓް ސަލާމަތީ ވަޒީރު އިތަމާރު ބެން ގްވީރާ އެކު އަޤްސާ މިސްކިތަށް ވަދެފައެވެ. ފަލަސްތީނުގެ ރިޔާސަތުން މި އަމަލުތައް ކުށްވެރިކޮށް ބުނެފައިވަނީ މިއީ ތާރީޚީ އަދި ގާނޫނީ ހައިސިއްޔަތަށް އަރައިގަތުން ކަމަށެވެ.

ބިން ފޭރިގަތުމުގެ އާ އަމުރުތައް

"ވަފާ" އިން ބުނާ ގޮތުގައި، އިޒްރޭލުން އަންގާރަ ދުވަހު ނެރުނު ހަތަރު އަސްކަރީ އަމުރަކުން ޖެނިންގެ ދެކުނުން އޮންނަ އަރާބާ އަދި ގަބާޓިއާ އަވަށުން 22 ދޫނަމް (އެއް ދޫނަމަކީ 1000 އަކަމީޓަރު) އަށްވުރެ ބޮޑު ސަރަހައްދެއް ފޭރިގަތުމަށް ވަނީ ނިންމާފައެވެ.

މިއީ ޖެނިން ސަރަހައްދުގެ އަވަށްތަކާ ދެކޮޅަށް އިޒްރޭލުން ހިންގާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ކުރާ ކަމެކެވެ. އިޒްރޭލުން އަންނަނީ ޔަހޫދީ އާބާދީތައް ފުޅާކުރުމަށާއި، އެތަންތަނަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް ފަލަސްތީނުގެ ބިންތައް ފޭރިގަންނަމުންނެވެ. ފަލަސްތީނުގެ ވޯލް އެންޑް ސެޓްލްމަންޓް ރެސިސްޓެންސް ކޮމިޝަނުން ބުނާ ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 4،379 ދޫނަމަށްވުރެ ބޮޑު ބިން އިޒްރޭލުން ވަނީ ފޭރިގަނެފައެވެ.

މީގެ އިތުރުން، އަންގާރަ ދުވަހު ޔަހޫދީ ވަޒަންވެރިން ވަނީ ސަލްފީތުގެ އިރުމަތިން އޮންނަ ޔާސޫފް އަވަށުގައި އާ އާބާދީއެއް ބިނާކުރަން ފަށާފައެވެ. އެމީހުން ވަނީ ގެދޮރުތަކާ ކައިރީގައި ފޭލިގެތައް ޖަހައި ބިން ހިސޯރުކޮށްފައެވެ.

1،330 އަށްވުރެ ގިނަ އުދުވާނު

އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒްއިން ހާމަކުރި ގޮތުގައި، 2026 ވަނަ އަހަރު ލައިގަތް ފަހުން ޔަހޫދީ ވަޒަންވެރިން ވަނީ 1،330 އަށްވުރެ ގިނަ ފަހަރު ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގާފައެވެ.

އދ. ގެ ބަޔާނުގައިވާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެކަނި ވެސް ފަލަސްތީނު 8 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި ފަލަސްތީނުގެ ގެދޮރާއި، މިސްކިތްތަކާއި، ދަނޑުބިންތައް އަންދައި ހަލާކުކޮށްލާފައިވާއިރު، މަދުވެގެން 10 އާއިލާއެއް ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުކޮށްފައެވެ.

ހިއްސާ ކުރައްވާ!