ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީ އަލުން އާރާސްތުކޮށް، ތައުލީމީ ޚިދުމަތްތައް ދެމެހެއްޓުމަށް އެ ޔުނިވަރސިޓީގެ މުދައްރިސުންނާއި ދަރިވަރުން މަސައްކަތް ފަށައިފިއެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖެނޮސައިޑް ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އެންމެ މަޝްހޫރު އެއް ތައުލީމީ މަރުކަޒު ކަމަށްވާ އިސްލާމިކް ޔުނިވަރސިޓީ އޮތީ ބިމާ ހަމަކޮށްފައެވެ. ނަމަވެސް، މި ހާލަތުގައި ވެސް އެ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުދައްރިސުން މަސައްކަތް ކުރަމުންދަނީ ހުއްޓިފައިވާ ތައުލީމީ ދަތުރު އަލުން ފެށުމަށެވެ.
ހަނގުރާމައިގެ ތެރޭގައި ޔުނިވަރސިޓީގެ 19 އިމާރާތެއް މުޅިން ސުންނާފަތިކޮށް، 500 އަށްވުރެ ގިނަ ކްލާސްރޫމާއި 200 އަށްވުރެ ގިނަ ސައިންޓިފިކް ލެބޯޓްރީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްފައެވެ. މީގެ އިތުރުން، ޔުނިވަރސިޓީގެ މަރުކަޒީ ލައިބްރަރީން 240،000 އަށްވުރެ ގިނަ ފޮތާއި، ރިސާރޗް ޕޭޕަރުތަކާއި އެކަޑަމިކް ލިޔެކިޔުންތައް ވަނީ އަންދާލާފައެވެ.
ޔުނިވަރސިޓީގެ ހެލްތް ސައިންސަސް ފެކަލްޓީގެ ޑީން، ޕްރޮފެސަރ އަބްދުއްރައޫފް އަލީ އަލްމަނާމާ ވިދާޅުވާ ގޮތުގައި، މިއީ ޔުނިވަރސިޓީގެ ތާރީޚުގައި ކުރިމަތިވި އެންމެ ބޮޑު ކާރިސާއެވެ. ފާއިތުވި 50 އަހަރުގެ ތެރޭގައި އެއްކުރި އެތައް ހާސް ސައިންޓިފިކް އާލާތަކާއި މުހިއްމު ވަސީލަތްތައް ވަނީ ހަނގުރާމައިގެ ތެރޭގައި ޔަހޫދީން ނައްތާލާފައެވެ.
ތިއަރީއިން އަމަލީ މަސައްކަތަށް
ސިއްހީ ދާއިރާ އާއި އިންޖިނިއަރިންގ ފަދަ އަމަލީ ތަމްރީނުތަކަށް ބަރޯސާވާ ދަރިވަރުންނަށް މިހާރު ކިޔެވުން ކުރިއަށް ގެންދަން ޖެހިފައިވަނީ ވަރަށް ދަތި ހާލެއްގައެވެ. ލެބޯޓްރީތައް ހަލާކުވުމުން، ދަރިވަރުންނަށް ކިޔަވައިދެނީ ޑިޖިޓަލް ސިމިއުލޭޝަންތަކާއި ރެކޯޑުކޮށްފައިވާ ވީޑިއޯތައް މެދުވެރިކޮށެވެ.
މެޑިކަލް ދަރިވަރު ދީމާ މުހައިސިން ބުނާ ގޮތުގައި، ކުރިން ލެބޯޓްރީތަކުގައި ހޭދަކުރި ވަގުތުތައް މިހާރު ހޭދަކުރަން ޖެހެނީ ހޮސްޕިޓަލްތަކުގެ ކަންމަތީގައެވެ. "އަހަރެމެންނަށް ލެކްޗަރތައް ނަގައިދެނީ ހޮސްޕިޓަލުގެ ބަލިމީހުންގެ ކޮޓަރިތަކުގެ ދޭތެރޭގައެވެ. މިއީ ތައުލީމީ މާހައުލަކަށް ބޭނުންވާ އެންމެ ކުޑަމިންވަރު ވެސް ފުރިހަމަވާ ތަނެއް ނޫން،" ދީމާ ބުންޏެވެ. ނަމަވެސް، އޭނާ ވަނީ ވޮލަންޓިއަރެއްގެ ގޮތުގައި ހޮސްޕިޓަލްތަކުގެ އިމަރޖެންސީ އާއި ސަރޖަރީ ޑިޕާރޓްމަންޓްތަކުގައި މަސައްކަތްކޮށް، ގިނަ ތަޖުރިބާތަކެއް ހާސިލްކޮށްފައެވެ.
އުންމީދު އާކުރުން
ޔުނިވަރސިޓީން މިހާރު މަސައްކަތް ކުރަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ކުދި 5 ގޮފި ގާއިމުކޮށް، ދަރިވަރުންނަށް ކިޔެވުން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. މިއީ މައި ކެމްޕަހަށް ދިއުމަށް ހުރި ދަތިތަކާއި ނުރައްކާތައް ކުޑަކުރުމަށް އެޅޭ ފިޔަވަޅެކެވެ.
އާލާތްތައް މަދުވުމާއި، އިސްރާއީލުގެ ޖެނޮސައިޑް ހިސާރުގެ ސަބަބުން ބޭނުންވާ ތަކެތި އެތެރެކުރުމަށް ހުރި ހުރަސްތަކަކީ ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް، ޔުނިވަރސިޓީގެ އަމާޒަކީ ޣައްޒާގެ މުސްތަގްބަލު ބިނާކުރާނެ ޑޮކްޓަރުންނާއި ޕްރޮފެޝަނަލުން އުފެއްދުމެވެ.
ދީމާ ބުނާ ގޮތުގައި، މިއީ ހަމައެކަނި އިމާރާތްތައް އަލުން ބިނާކުރުމުގެ މަސައްކަތެއް ނޫނެވެ. "މިއަދު ތައުލީމަށް އިންވެސްޓް ކުރުމަކީ ގައުމު އަލުން އާރާސްތުކުރުމަށް ކުރެވޭ އިންވެސްޓްމަންޓެކެވެ. އިމާރާތްތައް ބިނާކުރާ ފަދައިން، އިންސާނުންގެ ގާބިލްކަން އަލުން އާރާސްތު ކުރުމަކީ ވެސް ހަމަ އެހާމެ މުހިއްމު ކަމެކެވެ."
ނިކަމެތިވެ ބިކަ ވެފައިވާ މުސްލިމު އުންމަތުގެ ވެރިންގެ ޒަޔަނިސްޓު ފިކުރު އެމީހުންގެ ސިކުނޑިން ފޮހެވިގެން މެނުވީ އުންމަތަށް ސަލާމަތެއ ްނެތެވެ!





