ލިޔަންކިޔަން ނުދަންނަ މީހަކު ޔޫޓިއުބާއި ގޫގުލްއިން ޑިމޮކްރެސީ ދަސްކޮށްފި

މުހައްމަދު އިރުފާންގެ ވާހަކައަކީ ހަމައެކަނި ދިއްލީގެ ޖަންތަރު މަންތަރުގައި ކޮކްރޮޗް ޕާޓީ ކުދިން ހިންގި މުޒާހަރާއެއްގެ ވާހަކައެއް ނޫނެވެ. މިއީ ދުވަހަކުވެސް ސްކޫލަކަށް ނުދެވުނު، މަގުމަތީގައި އައިސް ވިއްކައިގެން ދުވާލަކު 500 ރުޕީސް ހޯދާ އިންސާނަކު، ޑިމޮކްރަސީއާއި ގާނޫނުއަސާސީގެ ފުން މާނަތަކާއި މަސައްކަތްތެރިންގެ ހައްގާއި ޑިމޮކްރެސީގެ ވާހަކަ ލޮލަށް ފެންނަ ހަގީގަތަކަށް ހަދައިދިން ގޮތުގެ ވާހަކައެވެ.

ޖުލައި 20 ވަނަ ދުވަހު ދިއްލީގެ ޖަންތަރު މަންތަރުގައި ޒުވާނުންނާ ދެކޮޅަށް ފުލުހުން ލަޓިބުރި ބޭނުން ކޮށްގެން ހިންގި ފުލުހުންގެ ހަމަނުޖެހުންތަކަށްފަހު، އެތަނުގައި ތިބި މީހުންގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. އެތަނަށް ދިޔަ ނޫސްވެރިޔާ ރަޖަތު ޕާންޑޭ ހުރީ އާދައިގެ މަތިން ސިޔާސީ ޝުއޫރުތަކާއި ޒުވާނުންގެ އަޑުގަދަ ކުރުންތައް ރިޕޯޓު ކުރުމުގެ އުންމީދުގައެވެ. ނަމަވެސް، މުޒާހަރާގެ ބައިވެރިއެއްކަމަށްވާ 35 އަހަރުގެ މުހައްމަދު އިރުފާން އޭނާގެ ގާތަށް އައިސް ވާހަކަ ދައްކަން ފެށުމުން، ޕާންޑޭގެ ގައިން ހީބިހި ނެގި ކަމަށް އޭނާ ކިޔައި ދެއެވެ.

އިރުފާނަކީ ލިޔަންކިޔަން ދަންނަ މީހެއް ނޫނެވެ. އޭނާގެ 'ޔުނިވަރސިޓީ' އަކީ ގޫގުލް އާއި ޔޫޓިއުބެވެ. ސްމާޓްފޯނުގައި ޓައިޕްކުރަން ވެސް ނޭނގެއެވެ. ކީބޯޑުގެ އަކުރުތަކެއްވެސް ވަކި ކުރާން އޭނާއަށް ނޭނގެއެވެ. ނަމަވެސް ވޮއިސް ސާޗް ބޭނުންކޮށްގެން އޭނާ ވަނީ އިންޑިއާގެ ގާނޫނުއަސާސީއާއި މަސައްކަތްތެރިންގެ ހައްގުތަކުގެ އިތުރުން، އިންޑިއާގެ މިނިވަންކަމުގެ ބަޠަލް ބަގަތު ސިންގްގެ ޅެންތައް ވެސް ދަސްކޮށްފައެވެ.

"މީހުން އާންމުކޮށް ވާހަކަ ދައްކަނީ ފިކުރުތަކުގެ މައްޗަށް ބިނާކޮށް. އެކަމަކު އިރުފާން ވާހަކަ ދެއްކިއިރު، އެއީ ކަން ދެއްކުމެއް ނޫން. އޭނާ ދުލުން ބޭރުކުރި ކޮންމެ ބަހަކީ އޭނާގެ ޙަޔާތުން ތަޖުރިބާކޮށްފައިވާ ހަގީގަތްތައް،" ޕާންޑޭ ބުންޏެވެ.

ފަގީރުކަމުގެ ހިތި ހަގީގަތް

ދިއްލީގެ ސަވްޑާ ޖޭޖޭ ކޮލޮނީގައި އޭނާ ދިރިއުޅޭ ގެއަކީ ފުރިހަމަވެސް ނުވާ އިމާރާތެކެވެ. މެހެމާނުން އަންނައިރު އެތަނުގައި ހުންނަ ޖަނަވާރުތަކުގެ ވަސް ދުވާތީ، ލަދުން އޭނާ މުޅި ގެތެރެއަށް އެއާފްރެޝްނާ ޖަހައެވެ.

"ދުވާލަކު 500 ރުފިޔާ ލިބޭ މީހަކު ކިހިނެއްތޯ ކިޔަވާނީ؟ ސާފުކޮށް ހެދުން އަޅާނީ ކިހިނެއް؟ ކުއްލިއަކަށް ބަލިވެއްޖެއްޔާ ޒިންމާ ނަގާނީ ކާކު؟" އިރުފާންގެ ލޮލުން ކަރުނަ ފޭބިއިރު އޭނާ ޕާންޑޭއަށް ކިޔައިދިނެވެ. މިއީ އޭނާ ދުވަހުން ދުވަހަށް ކުރަމުންދާ ހިސާބުތަކެވެ.

އިރުފާން ބުނާ ގޮތުގައި، ހަމައެކަނި ބަނޑު ފުރާލަމުން ދިރިއުޅުން ނުފުދެއެވެ. 500 ރުފިޔާ ލިބުނަސް، އޭގެ ތެރެއިން ވެސް ޖީއެސްޓީ އާއި ޓެކްސް ދައްކަން ޖެހެއެވެ. އޭނާގެ މި ހިތްދަތި ސުވާލުތަކަކީ މުޅި ގައުމުގެ ޒުވާނުންގެ ނުކުޅެދުން ފެންނަ އައިނެކެވެ.

ސިޔާސީ މައިދާނުގެ 'އަސްލު' އަޑު

އިރުފާންގެ މި ވާހަކަތައް އިންޓަނެޓުގައި ވައިރަލްވުމާއެކު، އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ އޭނާގެ ގެއަށް ޒިޔާރަތްކުރެއްވިއެވެ. ރާހުލް ވަނީ ފޯނުން ޕްރިޔަންކާ ގާންދީއާ އިރުފާން ވާހަކަ ދެއްކުވައި، އޭނާ ޕާލަމެންޓަށް އައުމަށް ދައުވަތު ދެއްވާފައެވެ. އިރުފާން ރާހުލް ގާންދީ ކައިރީ ބުނީ އޭނާގެ އަމިއްލަ އެދުމެއް ނެތް ކަމަށާއި، ހަމައެކަނި ބޭނުންވަނީ ގައުމުގެ ފަގީރުންނާއި މަސައްކަތްތެރިންނަށްޓަކައި ހަނގުރާމަ ކޮށްދިނުމަށް ކަމަށެވެ.

ޖަންތަރު މަންތަރުގައި ހިނގި މުޒާހަރާތައް މިހާރު ވަޒީރުގެ އިސްތިއުފާއާއެކު ނިމިއްޖެއެވެ. މުޒާހަރާގައި ގިނައީ ކިޔަވައިގެން ތިބި ދަރިވަރުންނާއި އިންފްލުއެންސަރުންނެވެ. އެކަމަކު މި އެންމެންގެ ތެރެއިން މުހައްމަދު އިރުފާން ފާހަގަވެގެން ދިޔައީ، އޭނާ ދެއްކީ ފިކުރީ ވާހަކަތަކެއް ނޫން ކަމަށްވާތީއެވެ. އޭނާ ދެއްކީ ދިރިހުރުމުގެ ވާހަކައެވެ. އެއީ އެންމެ ބުރަކޮށް މަސައްކަތްކޮށް، އެންމެ މަދުން އާމްދަނީ ލިބޭ، އަދި ދުވަހަކުވެސް އަޑު އިއްވަން ފުރުސަތު ނުލިބޭ ފަށަލައިގެ މީހެއްގެ އަޑެވެ.

އިރުފާނާއެކު އިންޓަރވިއުކޮށްފައި ވަނީ 20 ޖުލައިގައި ލަލަންޓޮޕްއިންނެވެ.

ހިއްސާ ކުރައްވާ!