ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް ދިމާވެދާނެ ކާރިސާއަކުން ސަލާމަތްވުމަށްޓަކައި، އެހެން ސަރަހައްދެއްގައި "ދެވަނަ ވެރިރަށެއް" ނުވަތަ ބަދަލު ވެރިރަށެއް ކަނޑައެޅުމާ ގުޅޭ ބިލެއް މިއަދު ފާސްކުރުމާ އެކު، އެ މަގާމު ހޯދުމަށް ޖަޕާނުގެ އެކި ސިޓީތަކާއި ޕްރިފެކްޗަރުތަކުގެ މެދުގައި ވާދަވެރިކަން ވަރަށް ބޮޑަށް ބޮޑުވެއްޖެއެވެ.
މި ބިލު ފާސްވުމާ އެކު، އޮސާކާގެ އިތުރުން ފުކޯކާ، ސާޕޯރޯ، ނަގޯޔާ އަދި ހީރޯޝީމާ ފަދަ ސިޓީތަކާއި ޕްރިފެކްޗަރުތަކުން ދަނީ އެ މަގާމަށް ވާދަކުރާނެކަން އިއުލާނު ކުރަމުންނެވެ.
ވެރިރަށުގެ މަގާމު ހޯދުމަށް ކުރެވޭ މަސައްކަތްތައް:
-
ފުކޫއޯކާ: އެ ޕްރިފެކްޗަރުގެ ގަވަރުނަރު ސެއިތާރޯ ހައްޓޯރީ ވިދާޅުވީ، ކިޓަކިޔޫޝޫ އަދި ފުކޯކާ ސިޓީ ގުޅިގެން މިކަމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެ ސިޓީގެ މޭޔަރު ސޮއިޗީރޯ ތަކަޝީމާ ވިދާޅުވި ގޮތުގައި، ޖަޕާނުގެ ހުޅަނގު ފަރާތުގައި އޮތުމަކީ އެ ސިޓީއަށް ލިބިފައިވާ ބޮޑު ފައިދާއެކެވެ.
-
ސަޕޯރޯ (ހޮކައިޑޯ): ހޮކައިޑޯގެ ގަވަރުނަރު ނާއޯމިޗީ ސުޒުކީ ވިދާޅުވީ، ސަޕޯރޯއަކީ ޖިއޮގްރަފީގެ ގޮތުން ޓޯކިޔޯއާ ދުރުގައި އޮންނަ ސިޓީއެއް ކަމުން، ކާރިސާއެއްގެ އަސަރު އެއްފަހަރާ ދެ ސިޓީއަށް ކުރުން ކުޑަ ވާނެ ކަމަށެވެ. އަދި ސަރުކާރުގެ ގިނަ އޮފީސްތަކެއް މިހާރު ވެސް އެ ސަރަހައްދުގައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
-
ނަގޯޔާ (އައިޗީ): އައިޗީގެ ގަވަރުނަރު ހިދޭ އޮމޫރާ ވިދާޅުވީ، އެ ސަރަހައްދުގެ އިގުތިސާދީ ބާރުގަދަކަމަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ސަބަބު ކަމަށެވެ. އެ ޕްރިފެކްޗަރުގެ އުފެއްދުންތެރިކަން 46 ޓްރިލިއަން ޔެންއަށްވުރެ މަތީގައި އުޅޭއިރު، މެނިއުފެކްޗަރިންގެ ދާއިރާއިން ޖަޕާނުގައި އެއްވަނަ ލިބެނީ އެ ސަރަހައްދަށެވެ.
-
ހީރޯޝީމާ: އެ ޕްރިފެކްޗަރުގެ ގަވަރުނަރު މީކާ ޔޮކޯޓާ ވިދާޅުވީ، އެ ސިޓީގެ އުމްރާނީ ތަރައްގީއާއި އިގުތިސާދީ ބިންގާ ވަރުގަދަކަމުން، ކާރިސާއެއްގެ ވަގުތުގައި ވެސް މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މި ވާދަވެރިކަމާ ގުޅޭގޮތުން ޖަޕާނުގެ އޮސާކާގެ ގަވަރުނަރު ހީރޯފުމީ ޔޮޝީމޫރާ ވިދާޅުވީ، މި ގާނޫނުގެ ބޭނުމަކީ ވެރިކަމުގެ ބާރުތައް ބަހާލައި އިގުތިސާދީ ގޮތުން އެތައް "އިންޖީނެއް" ޖަޕާނުގައި ގާއިމުކުރުން ކަމަށެވެ. އެހެންކަމުން އެހެން ސިޓީތަކުން ވާދަކުރުމަކީ މަރުހަބާ ކިޔާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޓޯކިޔޯގެ ކަންބޮޑުވުން:
ޓޯކިޔޯގެ ގަވަރުނަރު ޔުރީކޯ ކޮއިކޭ ވަނީ މި ގާނޫނާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ޓޯކިޔޯގައި ވަސީލަތްތައް މާބޮޑަށް ޖަމާވެފައި ހުރުމުގެ މައްސަލަ ހައްލުކުރަން ޖެހޭނީ ހަމައެކަނި "ދެވަނަ ވެރިރަށެއް" ކަނޑައަޅައިގެން ނޫނެވެ. އޭގެ ބަދަލުގައި، އާ ވިޔަފާރިތައް އުފެއްދުމާއި، ބައިނަލްއަގުވާމީ ފެންވަރުގެ ހުނަރުވެރިން ހޯދުމަށް އިސްކަންދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެވަނަ ވެރިރަށެއް ކަނޑައަޅާނެ ވަކި އުސޫލުތަކާއި، އެކަމަށް ކަނޑައަޅާނެ ތާރީޚު އަދި އެތަންތަން ހިންގާނެ ގޮތެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.





