ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 1.3 ބިލިއަން ރުފިޔާ (ގާތްގަނޑަކަށް 84.3 މިލިއަން އެމެރިކާ ޑޮލަރު) ސާފު ފައިދާގެ ގޮތުގައި ހޯދައި، މާލީ ގޮތުން ވަރުގަދަ ނަތީޖާއެއް ނެރެފިއެވެ. މިއީ ބޭންކުގެ މައިގަނޑު ވިޔަފާރި ކުރިއަރައި، ހިންގުމުގެ ޚަރަދުތައް ކަންކަން ހަރުދަނާކުރުމުގެ ނަތީޖާއެވެ.
ބޭންކުން އާންމުކުރި ދެވަނަ ކުއާޓަރުގެ މާލީ ނަތީޖާއަށް ބަލާއިރު، ޓެކުހަށް ކެނޑުމަށްފަހު ލިބުނު ސާފު ފައިދާއަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 21 އިންސައްތައިގެ އިތުރުވުމެކެވެ. އަދި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ރާއްޖޭގެ އިގްތިސާދަށް ބޭރު ފައިސާ ލިބުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ބީއެމްއެލް އިން ވަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމުގައި ރެކޯޑު މިންވަރަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މާލީ ނަތީޖާގެ މުހިންމު ފާހަގަކުރުންތައް (ފުރަތަމަ ހަ މަސް)
- ޖުމްލަ އާމްދަނީ: 3.2 ބިލިއަން ރުފިޔާ (އިންޓްރެސްޓް އާމްދަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ އަދި ފީ އާއި ކޮމިޝަންގެ ގޮތުގައި 830 މިލިއަން ރުފިޔާ).
- ހިންގުމުގެ ހަރަދު: އާމްދަނީއާ އަޅާބަލާއިރު ހިންގުމުގެ ހަރަދު (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ވަނީ 28 އިންސައްތައިގައި ހިފެހެއްޓިފައެވެ.
- ދެވަނަ ކުއާޓަރުގެ ނަތީޖާ: ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިއަން ރުފިޔާ ލިބުނުއިރު، ސާފު ފައިދާއަކީ 647 މިލިއަން ރުފިޔާއެވެ.
- ބެލެންސް ޝީޓުގެ ވަރުގަދަކަން: 30 ޖޫން 2026 އާ ހަމައަށް ޖުމްލަ އެސެޓް 62.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޑިޕޮސިޓްގެ މިންވަރު ވަނީ 41.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
- ލޯނު ޕޯޓްފޯލިއޯ: ޖުމްލަ ލޯނު 30.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ފުރަތަމަ ހަ މަސް ދުވަހު އެކި ދާއިރާތަކަށް މުޅިން އަލަށް 8 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

ބޭރު ފައިސާގެ ތަދުމަޑުކަމަށް ހައްލު ހޯދައިދިނުން
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބީއެމްއެލްގެ ނަތީޖާއިން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ، ބޭރު ފައިސާ ގަންނަން ލިބުމުގައި ހުރި ދަތިތަކާއެކުވެސް ގައުމަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ކުރި މަސައްކަތެވެ.
އެގޮތުން، ފާއިތުވި ހަ މަސް ދުވަހު ބޭންކުން ވަނީ 478 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ފޯރުކޮށްދީފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިއަން ޑޮލަރެވެ. ބޭންކުގެ ހިސާބުތަކަށް ބަލާއިރު މިއީ:
- 2025 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ 30 އިންސައްތައިގެ އިތުރުވުމެކެވެ.
- 2023 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.
- 2021 ވަނަ އަހަރުގެ މިންވަރާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ.
މި ފޯރުކޮށްދިން ބޭރު ފައިސާގެ ތެރެއިން 166 މިލިއަން ޑޮލަރު ވިއްކާފައިވަނީ ޓީޓީ މެދުވެރިކޮށް 311,722 ރެމިޓެންސް މުއާމަލާތަށެވެ. އެއީ، 20 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ރާއްޖެއިން ބޭރުގައި ކާޑުތަކުން ކުރި މުއާމަލާތްތަކަށް 226 މިލިއަން ޑޮލަރު ވަނީ ފޯރުކޮށްދީފައެވެ. މިއީ 2025 ގެ މި މުއްދަތުގައި ފޯރުކޮށްދިން 175 މިލިއަން ޑޮލަރާ އަޅައިބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.
މާލީ ބަޔާނާއެކު ބޭންކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ އެއްގޮތަށް ގައުމީ ތަރައްގީއަށާއި ޕްރައިވެޓް ސެކްޓާ އިތުރަށް ކުރިއެރުވުމަށް ބޭންކުން ދެމުންދާ އެހީތެރިކަން ކުރިއަށް އޮތް ތަނުގައިވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.



