ހޮޓަލުގެ ވައިފައި ބޭނުން ނުކުރާތި

އާންމު ވައިފައި ނެޓްވޯކްތަކާ، ޚާއްސަކޮށް ހޮޓާތަކުގައި ހުންނަ ވައިފައިތަކާ ގުޅުމުގެ ނުރައްކާތަކާމެދު މައިކްރޯސޮފްޓުން ވިންޑޯޒް ބޭނުންކުރާ ފަރާތްތަކަށް އިންޒާރުދީފިއެވެ. އެ ކުންފުނިން ބުނާ ގޮތުގައި، ސައިބާ ޙަމަލާދޭ ފަރާތްތަކުން މިފަދަ ނެޓްވޯކްތައް ބޭނުންކޮށްގެން އާންމު މީހުންނާއި މަސައްކަތްކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ވަގަށް ނަގަމުންދެއެވެ.

ހޮޓާތަކުގެ ރަސްމީ ނެޓްވޯކްތަކާ އެއްގޮތް ނުވަތަ އެއްގޮތް ނަންތައް ބޭނުންކޮށްގެން ހެކަރުން ފޭކް ނެޓްވޯކްތައް އުފައްދައެވެ. މިކަމުގެ ސަބަބުން ހޮޓަލުގެ މެހެމާނުންނަށް އޮޅިގެން އެ ނެޓްވޯކްތަކާ ގުޅި، އެމީހުންގެ ޕާސްވޯޑްތަކާއި ލޮގިން މައުލޫމާތު ހެކަރުންނަށް ލިބޭގޮތް ވެއެވެ.

މީގެ ތެރެއިން އެންމެ ނުރައްކާތެރި އުކުޅަކީ "އީވިލް ޓްވިން" ގެ ނަމުން މަޝްހޫރު އުކުޅެވެ. މިއީ އަސްލު ނެޓްވޯކާ އެއްގޮތަށް ފޭކް ހޮޓްސްޕޮޓެއް އުފައްދައިގެން، ޝިކާރައަކަށްވާ މީހާގެ ޑޭޓާގެ ހަރަކާތްތައް މޮނިޓާ ކުރުމެވެ. އަދި ފޭކް ލޮގިން ޕޭޖްތައް މެދުވެރިކޮށް މުހިންމު މައުލޫމާތު ހޯދައެވެ. ދަތުރުކުރާ ވަގުތުތަކުގައި މީހުން ނެޓްވޯކްތަކުގެ ސައްހަކަން ނުބަލައި ކޮންމެ ނެޓްވޯކަކާވެސް ގުޅުމަކީ މިފަދަ ހަމަލާތަކަށް މަގުފަހިވާ ކަމެކެވެ.

ރައްކާތެރިވާންވީ ގޮތް

މައިކްރޯސޮފްޓުން ވަނީ މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށް ބައެއް ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފައެވެ:

  • އޮޓޯ ކަނެކްޝަން: އާންމު ވައިފައިތަކާ އޮޓޯއިން ގުޅޭ ގޮތް ހަދާފައިވާނަމަ އެކަން ހުއްޓާލުން.
  • ސޭވްކޮށްފައިވާ ނެޓްވޯކް: އިތުބާރު ނުކުރެވޭ ނެޓްވޯކްތައް ޑިވައިސްއިން ޑިލީޓް ކުރުން.
  • މޮބައިލް ނެޓްވޯކް: ބޭންކިން މުއާމަލާތްތައް ކުރުމާއި، ވަޒީފާއާ ގުޅުންހުރި މުހިންމު ޑޭޓާ ބޭނުންކުރާއިރު ވައިފައިގެ ބަދަލުގައި މޮބައިލް ޑޭޓާ ބޭނުންކުރުން.
  • އަޕްޑޭޓްތައް: ވިންޑޯޒް އާއި އެޕްލިކޭޝަންތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓުން
  • ލޮގިން މައުލޫމާތު: އާންމު ނެޓްވޯކްތަކުގައި ލޮގިން މައުލޫމާތު ސޭވް ނުކުރުން.
  • މަލްޓި-ފެކްޓާ އޮތެންޓިކޭޝަން: އެކައުންޓްތަކުގެ ރައްކާތެރިކަން އިތުރުކުރަން މަލްޓި-ފެކްޓާ އޮތެންޓިކޭޝަން ޚިދުމަތް އެކްޓިވޭޓް ކުރުން.

ސައިބާ ސެކިއުރިޓީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، ދަތުރުކުރާ އިރު ހޮޓަލުގެ މެނޭޖްމަންޓުން ރަސްމީ ނެޓްވޯކްގެ ނަން ކަށަވަރު ކުރުމާއި، ވައިފައި މެދުވެރިކޮށް މާލީ މުއާމަލާތްތައް ނުކުރުމަކީ ޑޭޓާ ސަލާމަތްކުރަން އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތަކެވެ.

ހިއްސާ ކުރައްވާ!