ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދިޔަ 100 އަށްވުރެ ގިނަ ވިޔަފާރި ކަމާބެހޭ އިދާރާތަކުން ބަންދުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް، ޤަވާއިދާ ޚިލާފަށް ހިންގަމުންދިޔަ 107 ވިޔަފާރިއެއް ވަނީ ހުއްޓުވާފަ އެވެ. މި މުއްދަތުގެ ތެރޭގައި އެފަދަ ވިޔަފާރިތަކާ ގުޅޭ 447 ޝަކުވާ ލިބިފައިވާ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެ އެވެ.
ލިބުނު ޝަކުވާތަކާ ގުޅިގެން 274 ވިޔަފާރިއެއް ބަލައިފާސްކޮށްފައިވާއިރު، އޭގެ ތެރެއިން 107 ވިޔަފާރި ބަންދުކޮށްފައިވެ އެވެ. އަދި ޤަވާއިދުގެ ތެރެއަށް ފެއްތުމަށްފަހު، އަލުން ވިޔަފާރި ހުޅުވުމުގެ ހުއްދަ 68 ތަނަކަށް ދީފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކ އެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ވިޔަފާރިކުރާ ފަރާތްތައް ހޯދައި ފިޔަވަޅުއެޅުމުގެ މަސައްކަތް ބާރު ސްޕީޑެއްްގައި ހިންގަމުން ދެއެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 12،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ވަނީ ހާމަކޮށްފަ އެވެ.




