ދިވެހިރާއްޖޭގެ ޑިޖިޓަލް އިންގިލާބުގެ ތާރީޚީ މަރުހަލާއެއް ފެށެން އަންނަނީއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ގޮތުގައި، ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ދިވެހިންގެ އައިޑީ ކާޑުތައް ޒަމާނީ ފެންވަރުގެ 'ސްމާޓް ކާޑުތަކަކަށް' ބަދަލުވެ، މި ސަރަހައްދުގައި މިފަދަ ކާމިޔާބީއެއް ހޯދާ ފުރަތަމަ ގައުމަކަށް ރާއްޖެ ވާނެއެވެ.
މިއީ ސަރުކާރުން ހިންގަމުން އަންނަ 'މޯލްޑިވްސް 2.0′ މަޝްރޫއުގެ އެންމެ މުހިންމު އެއް ކާމިޔާބީއެވެ. މި މަޝްރޫއާއެކު ސަރަހައްދީ ގޮތުން ބަލާއިރު، މި ފަދަ ފުޅާ ދާއިރާއެއްގައި އަދި އެންމެ ފުރިހަމަ ޓެކްނޮލޮޖީއާއެކު ޑިޖިޓަލް ޚިދުމަތްތައް ގާއިމުކުރާ ފުރަތަމަ ގައުމެވެ.
"މިއީ ހަމައެކަނި ފިޒިކަލް ކާޑެއް ބަދަލުކުރުމެއް ނޫން. މިއީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނާނެ އިންގިލާބީ ބަދަލެއް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އަލަށް ތައާރަފުކުރާ މި ސްމާޓް ކާޑުގައި ޗިޕަކާއި އިނގިލީގެ ނިޝާން ހިމެނޭނެއެވެ. މި ކާޑު ވެގެންދާނީ ދިވެހިންގެ "ޑިޖިޓަލް ވަނަވަރަށެވެ." ކާޑު އަތުގައި އޮތުމުން، ފައިސާ ދެއްކުމާއި، ސިއްހީ ޚިދުމަތްތައް ހޯދުމާއި، ދައުލަތުގެ އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އެއްވެސް ލަސްވުމެއްނެތި، ހަމަ އެންމެ ސްމާޓް ކާޑަކުން ކުރެވޭނެއެވެ.
މި މަޝްރޫއަކީ 'އީފާސް' މެދުވެރިކޮށް މިހާރުވެސް ދިވެހިން ތަޖުރިބާކުރަމުން އަންނަ ޑިޖިޓަލް ލުއިފަސޭހަތަކުގެ އިތުރު ކުރިއެރުމެކެވެ. ލައިސަންސާއި، ކައިވެނީގެ ސެޓްފިކެޓްތަކާއި، އާސަންދައިގެ މައުލޫމާތު މިހާރުވެސް ޑިޖިޓަލްކޮށް ލިބެން ހުރިއިރު، ސްމާޓް އައިޑީ ކާޑަކީ މި ނިޒާމުގެ އެންމެ މަތީ ފަންތިއެވެ.
ސަރަހައްދީ ފެންވަރުގައި ވެސް މިފަދަ ޒަމާނީ ފިޔަވަޅެއް ފުރަތަމަ އެޅި ޤައުމުގެ ގޮތުގައި ރާއްޖެ ވެގެންދާ މި ބަދަލާއެކު، ދިވެހިރާއްޖެ މިވަނީ ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުމުގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. 2028 ވަނަ އަހަރާ ހަމައަށް އަންނަ އިރު، ދިވެހި ކޮންމެ ރައްޔިތެއްގެ ޖީބުގައި އޮންނާނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ކާޑުކަން ކަށަވަރެވެ.






