80 ވަނަ މިނިވަން ދުވަހުގެ ކުރިން ޤައުމާ މުޚާޠު ކުރައްވައި އިންޑިއާގެ ރައީސް ދެއްކެވި ވާހަކަފުޅު

އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސބަތުގައި، އެ ޤައުމުގެ ރައީސް ދުރޫޕަދީ މުރުމޫ ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން، ޓެރަރިޒަމަށް މަގުފަހިކޮށްދޭ ޤައުމުތަކާ އެކު އިންޑަސް ކޯރުގެ ފެނުގެ މުޢާހަދާ މެދުކަނޑައިލުމަކީ ޤައުމީ މަޞްލަޙަތަށްޓަކައި، ޚާއްޞަކޮށް ދަނޑުވެރިންގެ ޙައްޤުގައި ނިންމެވި ނިންމެވުމެއް ކަމަށް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނިއު ދިއްލީގައި ދެއްވި މި ޚިޠާބުގައި، ޓެރަރިޒަމާ ދެކޮޅަށް އިންޑިއާއިން އަޅަމުންދާ ފިޔަވަޅުތަކަށް ވަނީ އަލިއަޅުއްވާ ލައްވާފައެވެ. ޕަހަލްގާމްގައި ދިން ޙަމަލާއާ ގުޅިގެން ޕާކިސްތާނާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، އިންޑަސް ކޯރުގެ މުޢާހަދާ މެދުކަނޑައިލުމަކީ އިންޑިއާގެ ސްޓްރެޓަޖީގައި ވަރަށް މުހިންމު ނިންމެވުމެއް ކަމަށް ފާހަގަކުރެއްވިއެވެ.

ޓެރަރިޒަމާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް މުރުމޫ ވިދާޅުވީ، ޓެރަރިޒަމްގެ ޢަމަލުތަކުގައި ބައިވެރިވާ ފަރާތްތަކާއި އެފަދަ ފަރާތްތަކަށް ވާގިވެރިވާ މީހުންނަށް ޒިންމާއިން ރެކިގަނެގެން ނުތިބެވޭނެ ކަމަށެވެ.

"ޓެރަރިޓުންނާއި އެ މީހުންނަށް ވާގިދޭ ފަރާތްތަކުން، ކޮންމެ ތަނަކަށް ފިލިޔަސް، އޭގެ ނަތީޖާއާ ކުރިމަތިލާންޖެހޭނެ," ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އަދި "އޮޕަރޭޝަން ސިންދޫރު" ގެ ސަބަބުން، ޓެރަރިޒަމްގެ ނެޓްވޯކްތަކާ ދެކޮޅަށް ސިފައިންނަށް ލިބިފައިވާ ޤާބިލުކަން ސާބިތުވެގެން ގޮސްފައިވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިންޑިއާއިން ވާތު ފިޔާގެ ހަނގުރާމަވެރިން ނައްތައިލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި، ބަސްތަރު ސަރަޙައްދުގައި ހަލުވިކަމާއެކު އެކަން ކާމިޔާބުވާ ކަމަށް ވިދާޅުވިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމައާއި ހަމަނުޖެހުންތައް ހުރި ނަމަވެސް، އިންޑިއާގެ އިޤްތިޞާދު ދުނިޔޭގެ އެހެން ގައުމުތަކާ ޚިލާފަށް ދެ ގުނަ ހަލުވިމިނެއްގައި ކުރިއަރަމުންދާ ކަމަށް ވިދާޅުވިއެވެ.

ފާއިތުވި 10 އަހަރުދުވަހުގެ ތެރޭގައި 2.5 މިލިއަން މީހުން ފަޤީރު ޙާލަތުން ސަލާމަތް ކުރެވިފައިވާ ކަމަށާއި، 8 މިލިއަނަށް ވުރެން ގިނަ މީހުންނަށް ހިލޭ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ރައީސް މުރުމޫ ފާހަގަކުރެއްވިއެވެ.

އަދުލުއިންޞާފު ޤާއިމުކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އިންޑިއާ ރައީސް ވިދާޅުވީ، މާލީ ތަނަވަސްކަން ނެތް މީހުންނަށް ވެސް އަދުލުއިންޞާފު ލިބިދިނުމަކީ ޝަރުޢީ ދާއިރާގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ހިއްސާ ކުރައްވާ!