ގަވަރުނަރުގެ ފާޑުކިއުންތަކާއެކު އެއާޕޯޓުގައި ވުޟޫކުރާ ތަންތަން ހެދުމުގެ މަޝްރޫޢު ހުއްޓާލައިފި

އެމެރިކާގެ ޓެކްސަސް ސްޓޭޓުގެ ޑާލަސް-ފޯޓް ވޯތު އިންޓަރނޭޝަނަލް އެއާޕޯޓު (ޑީއެފްޑަބްލިއު) ގައި މުސްލިމުންނަށް ވުޟޫކުރުމަށް ޚާއްޞަ ތަންތަން ހެދުމަށް ރޭވި މަޝްރޫޢު، ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓްގެ ހަރުކަށި ފާޑުކިއުންތަކާއި ސިޔާސީ ފިއްތުންތަކާ ގުޅިގެން ހުއްޓާލައިފިއެވެ.

އެއާޕޯޓު އިދާރާއިން އެންމެ ފުރަތަމަ ރާވާފައިވަނީ އެއާޕޯޓުގެ ފާޚާނާތައް މަރާމާތުކުރުމުގެ މަޝްރޫޢުގެ ތެރެއިން، ދަތުރުވެރިންނާއި އެއާޕޯޓުގެ މުވައްޒަފުންނަށް ބޭނުންކުރެވޭނެ ގޮތަށް ވުޟޫކުރާނެ ޚާއްޞަ ތަންތަނެއް ހަދާށެވެ. ނަމަވެސް، މި ޚަބަރު އާންމުވުމާއެކު ސޮލީބީ ސިޔާސީ ފަރާތްތަކުގެ ނުރުހުން އެއާޕޯޓު ބޯޑަށް އަމާޒުވިއެވެ.

ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާއިން އެއްވެސް ޚާއްޞަ ދީނީ ފިކުރަކަށް ނުވަތަ އަޅުކަމަކަށް ޚާއްޞަ އިންތިޒާމުތަކެއް އާންމު ތަންތަނުގައި ސަރުކާރުގެ ޚަރަދުގައި ކޮށްދީގެން ނުވާނެ ކަމަށެވެ. އަދި ޑީއެފްޑަބްލިއު އެއާޕޯޓަކީ ސަރުކާރުގެ ޙިއްޞާ އޮންނަ ތަނަކަށްވުމާއެކު، އެފަދަ މަޝްރޫޢެއް ކުރިއަށް ގެންދިއުމަކީ ޤާނޫނީގޮތުންނާއި ސިޔާސީގޮތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ގަވަރުނަރުގެ ފާޑު ކިޔުމަށްފަހު، ޑީއެފްޑަބްލިއު އެއާޕޯޓުގެ ބޯޑުން ވަނީ އެކަން މުރާޖަޢާކުރުމަށްފަހު، ވުޟޫކުރުމަށް ޚާއްޞަ ތަންތަން ހެދުމުގެ ބައި މަޝްރޫޢުން އުނިކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އެއާޕޯޓުގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެއާޕޯޓުން އަބަދުވެސް މަސައްކަތްކުރަނީ އެންމެހައި ދަތުރުވެރިންނަށް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށާއި، ނަމަވެސް މިހާރު ރޭވިފައިވާ މަރާމާތުގެ ތެރޭގައި ވުޒޫކުރާ ތަންތަން ހެދުން ނުހިމެނޭނެ ކަމަށެވެ.

މި މައްސަލައިގައި އެމެރިކާގެ މުސްލިމް ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފަރާތްތަކުން ބުނާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބޮޑެތި އެއާޕޯޓުތަކުގައި ތަފާތު ދީންތަކުގެ މީހުންނަށް އަޅުކަންކުރެވޭނެ އިންތިޒާމުތަކާއި ވުޟޫކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ އާންމުކޮށް ކުރަމުންދާ ކަމެއް ކަމަށެވެ. އަދި ސިޔާސީ ސަބަބުތަކަށްޓަކައި މިފަދަ ނިންމުމެއް ނިންމުމަކީ ދަތުރުވެރިންގެ ބޭނުންތަކަށް ހުރަސްއެޅޭނެ ކަމެއް ކަމަށްވެސް އެޖަމާޢަތްތަކުން ފާހަގަކުރެއެވެ.

ޑާލަސް-ފޯޓް ވޯތު އެއާޕޯޓަކީ އެމެރިކާގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓަށް ވާއިރު، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ދަތުރުވެރިންނެއް ކޮންމެ އަހަރަކުވެސް ބޭނުންކުރާ މުހިންމު ޓްރާންސިޓް ހަބެކެވެ.

ހިއްސާ ކުރައްވާ!