މީގެ ގާތްގަނޑަކަށް 70 މިލިއަން އަހަރު ކުރިން، ކްރިޓޭޝިއަސް ޒަމާނުގައި، ބިމުގެ އެނބުރުމުގެ ސްޕީޑް މިހާރަށްވުރެ އަވަސް ކަމަށާއި، އެ ދުވަސްވަރު ދުނިޔޭގައި އަހަރަކު ހުންނަނީ 372 ދުވަސް ކަމަށް ސައިންސްވެރިންގެ އާ ދިރާސާއަކުން ހާމަކޮށްފިއެވެ. އޮމާންގެ އަލްޙަޖަރު ފަރުބަދަތަކުން ފެނުނު 70 މިލިއަން އަހަރުވީ ގަދީމީ ޒާތެއްގެ ބޮއްޔެ ދިރާސާކުރުމުން، ދުވަހެއްގެ ދިގުމިނަކީ ގާތްގަނޑަކަށް 23 ގަޑިއިރާއި 31 މިނެޓް ކަމަށް ވަނީ މިހާރު ވަނީ ކަށަވަރުވެފައެވެ.
މި ދިރާސާކުރި ޓީމުން ވަނީ ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން، މި ފޮސިލްގެ އެތެރޭގައި ހުރި ކޮންމެ ދުވަހަކުވެސް އެއަށް އައި ބަދަލުތައް ދައްކައިދޭ ފަށަލަތައް ވަރަށް ތަފްސީލުކޮށް ގުނާފައެވެ.
ކުރިން މައިކްރޯސްކޯޕް ބޭނުންކޮށްގެން ކުރި ދިރާސާތަކަށްވުރެ މާ ރަނގަޅު މި ތަހުލީލުތަކުން، މި ބޮލީގެ ކޮންމެ ދުވަހެއްގެ ކުރިއެރުން ހޯދައި ދެނެގަތުމުގެ ފުރުސަތު ލިބުނެވެ. މި މަޢުލޫމާތުތަކުން އެނގޭ ގޮތުގައި، އެ ޒަމާނުގައި ދުނިޔެ ހިނގަމުން ދިޔަ ސްޕީޑް މިހާރަށްވުރެ އަވަހެވެ. މީގެ އިތުރުން، ހަނދުގެ ދަމާބާރުގެ ސަބަބުން ދުނިޔެ އެނބުރުމުގެ ސްޕީޑް މަޑުޖެހެމުން ދާކަން، މި ދިރާސާއިން އެކުލަވާލި މޮޑެލްތަކުން އިތުރަށް ސާބިތުވެއެވެ. މިކަމުގެ ސަބަބުން ހަނދާއި ދުނިޔެއާ ދެމެދު އޮތް ދުރުމިންވެސް ވަނީ އަންދާޒާކުރެވިފައެވެ.
މީގެ އިތުރުން، މި ދިރާސާއިން ފާހަގަކުރެވުނު އަނެއް މުހިންމު ކަމަކީ، އެ ޝެލްގެ ކެމިކަލް އެކުލެވުންތަކުން ދައްކުވައިދޭ ގޮތުގައި، އެ ޒަމާނުގެ ކަނޑުތަކުގެ ފިނިހޫނުމިން މިހާރަށްވުރެ މަތީގައި ހުރި ކަމެވެ.






