ކޯރުގެ ފެން މަދުވުމާ ގުޅިގެން ރުމޭނިއާގައި ހަކަތައިގެ ކުއްލި ހާލަތު އިއުލާންކޮށްފި

ޔޫރަޕްގެ އެންމެ ދިގު ކޯރު ކަމަށްވާ ޑޭނިއުބް ކޯރުގެ ފެންގަނޑު ނުރައްކާތެރި މިންވަރަކަށް މަދުވުމާ ގުޅިގެން، ރުމޭނިއާގެ ހަކަތައިގެ ދާއިރާގައި 30 ދުވަހުގެ މުއްދަތަކަށް ކުއްލި ހާލަތު ސަރުކާރުން އިއުލާންކޮށްފިއެވެ. މި ފިޔަވަޅު އަޅަން ސަރުކާރަށް މަޖުބޫރުވީ، އެގައުމުގެ މުހިންމު ނިއުކްލިއާ ހަކަތަ އުފައްދާ މަރުކަޒުތައް ފިނިކުރުމަށް ބޭނުންވާ ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުންނެވެ.

ސެރނަވޮޑާ ނިއުކްލިއާ ޕްލާންޓަކީ ރުމޭނިއާގެ ޖުމްލަ ކަރަންޓުގެ 20 އިންސައްތައާ ގާތްކުރާ މިންވަރެއް އުފައްދާ މަރުކަޒެވެ. ނަމަވެސް، ޔޫރަޕްގެ މެދުތެރެއަށް މިހާރު ކުރިމަތިވެފައިވާ ހޫނު މޫސުމާއި ހަނަފަސްކަމުގެ ސަބަބުން ޑޭނިއުބް ކޯރުގެ ފެންގަނޑު ރެކޯޑް މިންވަރަކަށް ދަށްވެ، ނިއުކްލިއަރ ހަކަތަ އުފައްދާ މަރުކަޒުގެ ޔުނިޓް 1 ވަނީ މިހާރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަންދުކޮށްފައެވެ.

އަދި ޔުނިޓް 2 ވެސް އޮތީ މޮނިޓަރިންގއއަށް ލާފައެވެ. މި މައްސަލަ ހައްލުކުރުމަށް، ސަރުކާރުން ވަނީ ކޯރުގެ އޮއިވަރު ބަދަލުކޮށް، ސެރނަވޮޑާ ޕްލާންޓާ ދިމާލަށް ފެން ދަތުރުކުރާނެ މަގުތައް ހެދުމަށް ގޮވާތަކެތި ބޭނުންކޮށްގެން އޮޕަރޭޝަންތަކެއް ހިންގާފައެވެ. މިއީ ވަގުތީ ހައްލެއް ކަމަށްވީ ނަމަވެސް، މި ފިޔަވަޅުތަކުގެ ސަބަބުން ޔުނިޓް 2 އަށް އިތުރު 9 ދުވަހުގެ މުއްދަތަކަށް މަސައްކަތްކުރެވޭނެ ކަމަށް އޮފިޝަލުން ލަފާކުރެއެވެ.

މި ކާރިސާއާ ގުޅިގެން، ހަކަތަ އިތުރަށް ބޭނުންކުރާ ވަގުތުތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް ރައްޔިތުންނަށާއި ވިޔަފާރިތަކަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އަވަށްޓެރި ގައުމުތަކުން ކަރަންޓު އެތެރެކުރުމުގެ މަޝްވަރާތައް ފެށި ނަމަވެސް، މުޅި ސަރަހައްދަށް ވެސް ހަނަފަސްކަމުގެ އަސަރުކޮށްފައިވާތީ ކަރަންޓު ލިބުމުގެ ދަތިކަން އިތުރަށް ބޮޑުވެދާނެ ކަމަށް ބެލެވެއެވެ.

މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގެ އިންފްރާސްޓްރަކްޗަރަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށް ބުނެއެވެ.

ހިއްސާ ކުރައްވާ!