އެމެރިކާގެ ވާޖިނިއާ ސްޓޭޓް ޔުނިވަރސިޓީގެ ދަނާލާއި ދަރިވަރުން ދިރިއުޅޭ ސަރަޙައްދު ކައިރީގައި ހިނގި ބަޑީގެ ހަމަލާތަކެއްގައި ގިނަ ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެ ޔުނިވަރސިޓީގެ ކޭމްޕަސް ކުއްލި ނުރައްކަލުގެ ހާލަތަށް ގެނެސް ބަންދުކޮށްފިއެވެ. ހިނގި މި ބަޑި ޖެހުމުގައި ގިނަ އަދަދެއްގެ ތުހުމަތުކުރެވޭ ފަރާތްތަކެއް ބައިވެރިވެފައިވާ ކަމަށް އޮފިޝަލުން ތުހުމަތު ކުރެއެވެ.
ޔުނިވަރސިޓީގެ މަރުކަޒީ އިދާރާ ކައިރީގައި ހިނގި މި ހާދިސާއާ ގުޅިގެން އަނިޔާވި މީހުންނަށް ކައިރީގައިވާ ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުންނެވެ. ނަމަވެސް، ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް ޔުނިވަރސިޓީގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި ހާދިސާ ހިނގި ސަރަޙައްދުގައި ކޭމްޕަސް ޕޮލިހުންނާއި ޗެސްޓަރފީލްޑް ކައުންޓީގެ ފުލުހުން ދަނީ ޙަރަކާތްތެރިވަމުންނެވެ.
މި ހަމަލާ ދޭން މެދުވެރިވި ސަބަބާއި، ހަމަލާގައި ބައިވެރިވި ތުހުމަތުކުރެވޭ ފަރާތްތަކުގެ އިތުރު މަޢުލޫމާތު ތަޙުޤީޤީ އިދާރާތަކުން އަދި އާންމުކޮށްފައެއް ނުވެއެވެ. އެމެރިކާގެ ތަޢުލީމީ މުއައްސަސާތަކުގައި ބަޑީގެ ހަމަލާތައް ދިނުމަކީ ދޭތެރޭން ހިނގާ ކަމެކެވެ.





